ހއ. ހޯރަފުށީގައި ތަރައްގީކުރި އެއާޕޯޓައް މިއަދު ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

ހޯރަފުށީ ޑޮމެސްޓިކް އެއަރޕޯޓުގައި ދަތުރުކުރި ފުރަތަމަ ޓެސްޓް ފުލައިޓް ޖައްސާފައިވަނީ މިއަދު ހެނދުނު 9:00 ހާއިރުގައެވެ.

ޓެސްޓް ފުލައިޓްގައި ފުރަތަމަ ހޯރަފުއްޓައް ދިއައީ، އެއަރޕޯޓް ހުޅުވުމަށް އެރަށައް ދިޔުމަށް ހަމަޖެހިފައިވާ ޓެކްނިކަލް ޓީމުގެ މެމްބަރުންނެވެ.

ޓެސްޓް ފްލައިޓަށް މަރުހަޙަބާ ކިޔުމުގެގޮތުން ހއ. ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ހޯރަފުށީ އެއާޕޯޓް ކައިރިއަށް ޖަމާވިއެވެ.

ހޯރަފުށީ އެއާޕޯޓުގެ މަޝްރޫއު ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

މިމަޝްރޫއުގެ ދަށުން، 37،425 އަކަމީޓަރުގެ ރަންވޭއެއް ހެދުމާއި، 8،635 މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ހެދުމާއި، ޓަރމިނަލްގެ ކުރިމަތީ ސަރވިސް ރޯޑު ގާއިމުކުރުމާއި، ފަސިންޖަރ ޓަރމިނަލްއަކާއި ފަޔަރ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހޯރަފުށީގައި އެއާޕޯޓް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ މާޗްމަހުގެ 25 ވަނަ ދުވަހުއެވެ.