ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްއެވެ.

ޔައުގޫބުގެ މެންބަރުކަމާމެދު ސުވާލު އުފެދުނީ ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމަށް އޭނާ ހަމަޖެއްސުމާއި އެކުގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެމަގާމުން އިސްތިއުފާ ދެއްވާފައެވެ.

މިމައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ކޮށްފައިވާ ހުކުމްގައިވަނީ، ފަންނީ ދާއިރާތައް އަމިއްލައަށް ރެގިއުލޭޓް ކުރަން ގާނޫނުތަކުން އުފެދޭ ކައުންސިލްތަކަކީ ދައުލަތުގެ ވަޒީފާއެއް ނޫން ކަމަށާއި މެމްބަރު ޔައުގޫބް ހަވާލުވެ ވަޑައިގަތް އައިސީއޭއެމްގެ މެމްބަރު ކަމަކީ ދައުލަތުގެ ވަޒީފާއެއް ނޫން ކަމަށްވެސް ހުކުމްގައި ވެއެވެ.

އެހެންކަމުން ގާނޫނުއަސާސީގައި ނެތްކަމެއްގެ މައްޗަށް ބިނާކޮށް ކޯޓުތަކަށް އަމިއްލައަށް ގޮތް ނުނިންމޭނެ ކަމަށާއި އެފަދަ ކަމެއް ކޯޓުތަކުން ކޮށްފިނަމަ އެއީ ކޯޓުތަކުން އަމިއްލައަށް ގާނޫނުއަސާސީއަށް އުނިއިތުރު ގެނައުން ކަމަށްވެސް ހުކުމްގައިވެއެވެ.

މެމްބަރު ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކުރީ މިމައްސަލަ ބެއްލެވި 5 ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.

މިމައްސަލައިގެ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސްނުއްސުއޫދުއެވެ. ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވީ އަލްއުސްތާޒާ އާއިޝާ ޝުޖޫން މުހައްމަދާއި، ޑރ.މުހައްމަދު އިބްރާހިިމް އާއި އަލީ ރަޝީދު ހުސައިންގެ އިތުރުން މަހާޒު އަލީ ޒާހިރުއެވެ.