ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަށް ހިންގާ އާކް އެއިޑް ޕްރޮގްރާމަށް ބޭންކުން ދެމުންދާ އެހީތެރިކަމުގެ ދަށުން އެ ޕްރޮގްރާމަށް 150،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން އަންނަނީ، މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް، އަސާސީ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.

މިފަހަރު ބޭންކުން ހަދިޔާކުރި ފައިސާއިން ހއ، ހދ، މ، ފ، އަދި ދ އަތޮޅުގެ އެހީއަށް އެދި ހުށަހަޅާފައިވާ ރަށްތަކުގެ ކުދިންނަށް އެހީތެރިވުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

އަދި މުސްތަގްބަލްގައި އާކް އެއިޑްގެ ދަށުން އެހީ ފޯރުކޮށްދޭ އަތޮޅުތައް އިތުރުކުރުމަށް އާކްއިން މަސައްކަތް ކުރަމުންދާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މިދިޔަ ޖޫންމަހުވެސް ބޭންކުން ވަނީ ކޮވިޑް-19 ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 50،000 ރުފިޔާ ހަދިޔާކޮށްފައެވެ.

މި އެހީގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން އާކްއަށް ދީފައިވާ މައުލޫމާތާ އެއްގޮތަށް މާލޭ ސަރަހއްދުގައި ދިރިއުޅޭ 115 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.