ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 ބަލި ޖެހުނުކަމަށް ރެކޯޑުކުރެވުނު މީހުންގެ ޖުމްލަ އަދަދު 54.4 މިލިއަނަށް އަރައިފިއެވެ.

އަދި މި ބަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު މިހާރުވަނީ 1.3 މިލިއަނަށް އަރާފައެވެ.

ކޮވިޑް ބަލިޖެހޭ މީހުންނާއި، ބަލީގައި މަރުވާ މީހުންގެ ތަފާސްހިސާބުތައް ބުނާގޮތުން، ކޮވިޑްބަލީގައި މިހާތަނަށް އެންމެ ގިނަމީހުން މަރުވެފައިވަނީ އެމެރިކާއިންނެވެ.

އެމެރިކާ ފިޔަވައި، ދެން އެންމެ ގިނަމީހުން މަރުވެފައިވާ ގައުމުތަކަކީ، އިންޑިއާ، ބްރެޒިލް، ފަރަންސޭސިވިލާތް، ރަޝިޔާ، ޔޫކޭ، އާޖެންޓީނާ، ކޮލަމްބިއާ، އިޓަލީ އަދި މެކްސިކޯއެވެ.

ދުނިޔޭގެ 217 ގައުމާއި، ޓެރިޓަރީން ކޮވިޑްބަލި ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވާއިރު، ކޮވިޑްބަލީގެ ހާލަތު ދުނިޔޭގެ ބައެއް ހިސާބުތަކުގައި އަނެއްކާވެސް ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚާއްސަކޮށް ޔޫރަޕްގެ ގިނަ ގައުމުތަކުގައި ކޮވިޑްބަލީގެ ދެވަނަ ރާޅުނަގައި، ވަރަށް ބޮޑަށް ބަލި ފެތުރޭން ފެށުމާ ގުޅިގެން ބައެއް ގައުމުތައް އަލުންވަނީ ލޮކްޑައުން ކޮށްފައެވެ.

ޔޫރަޕުން ބަލީގެ ހާލަތު ގޯސްވަމުންދާ ގައުމުތަކުގެ ތެރޭގައި، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، ރަޝިޔާ، އިނގިރޭސިވިލާތް، ބެލްޖިއަމް ފަދަ ގައުމުތައް ހިމެނެއެވެ.

މިކަމާހެދި މާސްކްއަޅަން މަޖުބޫރުކުރުމާއި، އެނޫންވެސް ހަރުކަށި އެތައް ފިޔަވަޅުތަކެއް ގައުމުތަކުން އަޅަމުން އެބަގެންދެއެވެ.

އޭޝިޔާއިން އިންޑިއާގައި ކޮވިޑްބަލީގެ ހާލަތު ހައްތަހާ ގޯސްވަމުންދާއިރު، އިންޑިއާއިން ކޮވިޑްބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 8 މިލިއަނަށް އަރާފައެވެ. ދުވާލެއްގެ މައްޗަށް ބައިލައްކަމީހުންދަނީ ބައްޔަށް އަލަށް ޕޮޒިޓިވް ވަމުންނެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރއިން ބުނެފައިވަނީ، ކޮވިޑްބަލީގައި މިހާތަނަށް 129،635 މީހުން މަރުވެފައިވާ ކަމަށެވެ.

އިންޑިއާގެ 25 ސްޓޭޓަކަށް މިހާރު ކޮވިޑްބަލި ފެތުރިފައިވާއިރު، ބަލީގެ ހާލަތު އެންމެ ގޯސްވެފައިވަނީ، މަހާރަޝްޓްރާ، ކަރްނާޓަކާ، އަންދްރް ޕްރދޭޝް، ޓެމިލްނާޑޫ އަދި ކެރަލާއެވެ.

އަރަބި ގައުމެއް ކަމަށްވާ މިސްރުގައިވެސް ބަލީގެ ހާލަތު ވަރަށް ގޯސްވަމުންދާ ކަމަށް އެގައުމުން ހާމަކޮށްފައި ވެއެވެ.