އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އައިސޮލޭޝަނަށް ވަޑައިގެންފިއެވެ.

ބޮޑުވަޒީރު އައިސޮލެޝަނަށް ވަޑައިގެންނެވީ، ބޮޑުވަޒީރާ ކޮންޓެކްޓްވި ބޭފުޅަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މިކަން ހާމަކުރައްވާފައިވަނީ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކުރެއްވި ޓްވީޓެއްގައެވެ. ޖޯންސަން ވިދާޅުވީ، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ބޮޑުވަޒީރު ކޮންޓެކްޓަކަށް ވެގެން އައިސޮލޭޝަނަށް ވަޑައިގެންނެވުމަށް ދެންނެވީ އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސަރވިސަސް ޓެސްޓް އެންޑް ޓްރޭސިންގެ ފަރާތުންނެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ، ބޮޑުވަޒީރުގެ އޮފީސް ޑައުނިން ސްޓްރީޓްގައި މިދިޔަ ބުރާސްފަތިދުވަހު ޕާލަމެންޓް މެމްބަރުންގެ ކުޑަ ގްރޫޕަކާ ބައްދަލު ކުރައްވާފައެވެ.

ކޮވިޑްބަލީގެ އަލާމާތްތައް ފަހުން ފެނި، ބައްޔަށް ޕޮޒިޓިވްވެފައިވަނީ މި ގްރޫޕްގައި ހިމެނިވަޑައިގަންނަވާ، އޭޝްފީލްޑް ތަމްސީލުކުރައްވާ މެމްބަރު ލީ އެންޑަރސަންއެވެ.

މިކަމާ ގުޅިގެން ބޮޑުވަޒީރު، ޑައުނިންގ ސްޓްރީޓްގައި ދެހަފްތާއަށް އައިސޮލޭޓް ވެވަޑައިގެންނެވިއިރު، ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، ބޮޑުވަޒީރު މަގާމުގެ ޒިންމާތައް އަދާކުރައްވާނީ އޮފީހުގައި ހުންނަވައި، ޒޫމް މެދުވެރިކޮށް ކަމަށެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން، މިއަހަރުގެ މާޗްމަހުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އެފަހަރުވެސް އޮފީހުގައި ހުންނަވައިގެން ސަރުކާރު ހިންގެވުމުގެ މަސައްކަތް ކުރެއްވުމަށް ބޮޑުވަޒީރު މަސައްކަތް ކުރެއްވިއެވެ.

ނަމަވެސް، ފަހުން ބަލީގެ ހާލަތުގޯސް ފަހުން ޖެހިވަޑައިގެންނެވީ އޮކްސިޖަން މާސްކްވެސް އަޅުއްވާށެވެ. އަދި ފަރުވާދެވުނީ އައިސީޔޫގައެވެ.

އެކަމުގައި ބޮރިސް ޖޯންސަން މަހެއްހާދުވަސް ހޭދަކުރެއްވިއެވެ.

އެފަހަރު ބަލިން ސަލާމަތްކޮށްދިނީ ހޮސްޕިޓަލްގެ ސްޓާފުން ކަމަސް ވިދާޅުވެ، ޖޯންސަން ސްޓާފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ނަމަވެސް، މަގާމުގައި ހުންނަވަނިކޮށް ފުރަތަމަ ފަހަރަށް ބޮޑުވަޒީރަކު އަވަހާރަވެދާނެ ކަމަށް ލަފާކޮށް އިނގިރޭސި ދައުލަތް އެފަހަރު އޮތީ ތައްޔާރުވެގެންނެވެ.