މިދިޔަ އޮކްޓޯބަރު މަހު ކަސްޓަމްސްއަށް ލިބުނު އާމްދަނީ މީގެ ކުރީ އަހަރުގެ އޮކްޓޯބަރުމަހާ އަޅާ ބަލާއިރު 41 އިންސައްތަ ދަށްވެއްޖެއެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ އޮކްޓޯބަރުމަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އޮކްޓޯބަރުމަހު އާމްދަނީގެ ގޮތުގައި ކަސްޓަމްސްއަށް ލިބިފައިވަނީ 174 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 295 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ކަސްޓަމްސްއަށް ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ އާމްދަނީއާ އަޅާ ބަލާއިރު 41 އިންސައްތަ ދަށް އަދަދެކެވެ.

މީގެ އިތުރުން ފާއިތުވި އޮކްޓޯބަރމަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 51 އިންސައްތަ ވަނީ ދަށްވެފައެވެ. 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮކްޓޯބަރ މަހު މި ޢަދަދުވަނީ 2.1 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. ފާއިތުވިމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ އަދި ޗައިނާއެވެ.

މިދިޔަ މަހު ރާއްޖެ އިމްޕޯޓުކުރި މުދަލުގެ ސީއައިއެފް އަގު ދަށްވެފައިވީނަމަވެސް މިދީޔަ މަހު ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މުދަލުގެ އެފްއޯބީ އަގު ވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހާ އަޅާ ބަލާއިރު 5 އިންސައްތަ އިތުރުވެފައެވެ. 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ރާއްޖެއިން 289 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު، މިއަހަރުގެ އޮކްޓޯބަރުމަހު މި އަދަދު ވަނީ 305 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިދިޔަ އޮކްޓޯބަރުމަހު ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑް، ފްރާންސް އަދި ޖަރުމަނަށެވެ.

މީގެ އިތުރުން މިއަހަރުގެ އޮކްޓޯބަރުމަހު ރާއްޖެ އެތެރެކުރި އުޅަނދުފަހަރުގެ ތެރެއިން ކްލިއަރެންސް ދެވުނު އުޅަނދު ފަހަރުގެ އަދަދު މިދިޔަ އަހަރުގެ އޮކްޓޯބަރުމަހާ އަޅާ ބަލާއިރު މިއަހަރު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ރާއްޖެ އެތެރެކުރި އުޅަނދުފަހަރުގެ ތެރެއިން 86 އުޅަނދަކަށް ކްލިއަރެންސް ވަނީ ދީފައެވެ. އަދި މިއަހަރުގެ އޮކްޓޯބަރުމަހު 113 އުޅަނދަކަށް ވަނީ ކްލިއަރެންސް ދީފައެވެ.

މިއަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއިން ފުރާފައިވާ އުޅަނދުފަހަރަށް ކްލިއަރެންސް ދެވުނު އަދަދުވެސް މިދިޔަ އަހަރުގެ އޮކްޓޯބަރާ އަޅާ ބަލާއިރު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖެއިން ފުރާފައިވާ 88 އުޅަނދަކަށް ކްލިއަރެންސް ދީފައިވާއިރު، މިއަހަރު 106 އުޅަނދަކަށް ކްލިއަރެންސް ދީފައިވެއެވެ.