މޮޑަނާ ކުންފުނިން ތަރައްގީ ކޮށްފައިވާ ކޮވިޑްވެކްސިންގެ ޓެސްޓްތައްވެސް ކާމިޔާބުކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މޮޑަނާ ކުންފުނިން މިއަދު ބުނެފައިވަނީ، ކޮވިޑް ވެކްސިންގެ ކްލިނިކަލް ޓްރައިލްސްއިން 94.5 އިންސައްތަ ކާމިޔާބު ކަމަށް ޑޭޓާތަކުން ހާމަވެފައިވާ ކަމަށެވެ.

މިއީ، ވެކްސިންގެ ކްލިނިކަލް ޓްރައިލްސް ކާމިޔާބުކަން އިޢްލާންކުރި އެމެރިކާގެ ދެވަނަ ކުންފުންޏެވެ.

މީގެ ހަފްތާއެއްކުރިން އެމެރިކާގެ ފައިޒަރ ކުންފުނިންވަނީ، އެ ކުންފުނިން ތަރައްގީކުރާ ވެކްސިންގެ ކްލިނިކަލް ޓްރައިލްސް 90 އިންސައްތަ ކާމިޔާބުކަމަށް ޑޭޓާއިން ދައްކާފައިވާ ކަމަށް ބުނެފައެވެ.

ފައިޒަރ ކުންފުންޏެއްކޭ އެއްގޮތަށް، މޮޑަނާ ކުންފުނީގެ ވެކްސިންއަކީވެސް، ވެކްސިންގެ ރައްކާތެރިކަމާއި، މޮޅުކަން ދާދި އެއްގޮތް ދެ ވެކްސިން ކަމަށް ބެލެވިފައި ވެއެވެ.

އެހެންނަމަވެސް، ފައިޒަރގެ ވެކްސިންއާ ޚިލާފަށް މޮޑަނާއިން ތަރައްގީކުރާ ވެކްސިންއަށް ޕްރެކްޓިކަލް އެޑްވާންޓޭޖްތަކެއް ލިބިގެންވާ ކަމަށް މީޑިއާއިން ރިޕޯޓްކުރެއެވެ.

ފައިޒަރއިން ތަރައްގީކުރަމުންދާ ވެކްސިން ރައްކާކުރަން ޖެހެނީ މައިނަސް 75 ޑިގްރީ ސެލްސިއެސް ފިނީގައެވެ. ނުވަތަ މައިނަސް 103 ޑިގްރީ ފެރަންހައިޓްގައެވެ. ޑޮކްޓަރުންގެ އޮފީސްތަކުގައާއި، ފާމަސީތަކުގައިވެސް މިވަރަށް ފިނިމިން ބެހެއްޓޭ ފްރީޒަރު ނުހުންނަ ކަމަށް ވެއެވެ.

އެހެންނަމަވެސް، މޮޑަނާގެ ވެކްސިން މައިނަސް 20 ޑިގްރީ ސެލްސިއެސް ފިނީގައި ރައްކާކުރެވޭ ކަމަށް ވެއެވެ. ޗިކަންޕޮކްސްއާ ދެކޮޅަށް ބޭނުންކުރާ ވެކްސިންވެސް ރައްކާކުރަނީ އެ ފިނިމިނުގައެވެ.

މޮޑަނާގެ ޗީފް މެޑިކަލް އޮފިސަރ ޑރ. ޓަލް ޒަކްސް ވިދާޅުވީ، ވެކްސިން ތަރައްގީ ކުރުމުގައި، އެހެނިހެން ވެކްސިންތައް ރައްކާކުރުމަށް މިހާރު ގާއިމްވެފައި ހުރި ވަސީލަތްތަކަށް މޮޑަނާއިން ވިސްނުންތައް ބަހައްޓާފައިވާނޭ ކަމަށެވެ.

މޮޑަނާއިން ތަރައްގީކުރާ ވެކްސިންގެ އަނެއް އެޑްވާންޓޭޖަކީ، އެ ވެކްސިން 30 ދުވަސް ވަންދެން ފްރިޖްގައި ބެހެއްޓޭކަމެވެ. އެކަމަކު، ފައިޒަރއިން ތަރައްގީކުރާ ވެކްސިން ފްރިޖްގައި ބެހެއްޓެނީ އެންމެ 5 ދުވަސް ވަންދެނެވެ.

ކޮވިޑް ވެކްސިން އުފެއްދުމުގެ މަސައްކަތް ކާމިޔާބުކަމަށް އެމެރިކާގެ ދެ ކުންފުނިން ހާމަކޮށްފައިވާއިރު، ރަޝިޔާގެ ގަމާލިޔާ ރިސާޗް އިންސްޓިޓިއުޓުން ތަރައްގީކޮށްފައިވާ ކޮވިޑްވެކްސިން "ސްޕުޓްނިކް5" ގެ ކްލިނިކަލް ޓްރައިލްސް 92 އިންސައްތަ ކާމިޔާބުކަމަށް ރަޝިޔާއިން ހާމަކޮށްފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.

ވެކްސިނެއް އުފައްދަން ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިހާތަނަށް ކޮށްފައިވާ ޓެސްޓުތަކުގެ ކާމިޔާބީއާއެކު، ކޮވިޑް-19 އަށް ވަރަށް އަވަހަށް ވެކްސިނެއް ލިބިދާނެކަމުގެ އުންމީދު އިތުރުވެގެން ގޮސްފައި ވެއެވެ.

ދުނިޔޭގެ ވަރަށް ގިނަ ކުންފުނިތކުން ކޮވިޑަށް ވެކްސިން ތަރައްގީކުރަމުން އެބަގެންދެއެވެ. އޭގެ ބައެއް ވެކްސިންގެ ކްލިނިކަލް ޓްރައިލްސްވެސް ހުރީ އެކި މަރްހަލާތަކުގައެވެ.