މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ. ތާރީޚީ ލިޔުންތަކަށް ބަލާއިރު ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ތެރޭގައެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މިދުވަސް ފާހަގަކުރަން އެންމެ ފުރަތަމަ ފެށީ މުޙައްމަދު ފަރީދުގެ ރަސްކަމުގައި، ހިޖުރައިން 1374 ވަނަ އަހަރުއެވެ.
އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރުވަންދެން މިދުވަސް ފާހަގަ ކުރުމަށްފަހު އޭގެފަހުން އެ ދުވަސް ފާހަގަކުރުން އޮތީ ހުއްޓާލާފައެވެ. އެއަށްފަހު އަނެއްކާވެސް 1421 ވަނަ އަހަރުން ފެށިގެން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުންކަން ތާރީޚީ ލިޔުންތަކުން އެނގެއެވެ.
ރާއްޖެ އިސްލާމްވީ މަޣުރިބުކަރައިގެ އިލްމުވެރިއެއް ކަމުގައިވާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީގެ ސަބަބުންކަމަށް ތާރީޚީ ލިޔުންތަކުގައި ވެއެވެ.
އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވީ ސްރީތިރިބުވަނަ އާދީއްތިޔަ މަހާރަދުންނެެވެ. މިރަސްގެފާނު އިސްލާމްވެ ވަޑައިގަތުމުން، އައްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ސިރީބަވަނާދީއްތަ މަހާރަދުންއަށް ނަންފުޅު ބަދަލުކުރެއްވިއެވެ. މިރަދުންނަށް ދިވެހިން ދީފައިވާނަމަކީ ދަރުމަވަންތަ މަހާރަދުން، މިނަންފުޅެވެ.
މިއީ ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އަގުހުރި ދަރުމަވަންތަ ޚިދުމަތްތަކެއް ކުރެއްވި ރަސްކަލެކެވެ. މިހާރުވެސް މާލޭގައި، އެ ރަސްގެފާނަށް ނިސްބަތްވާ ދެ މިސްކިތް ހުރިއިރު އެއް މިސްކިތަކީ މާލޭގައި ހުރި އެންމެ ދުވަސްވީ ދަރުމަވަންތަ ރަސްގެފާނު މިސްކިތެވެ. އަނެއް މިސްކިތަކީ ރާއްޖޭގައި އެންމެ ޒަމާނީ ފެންވަރަށް އިމާރާތްކުރެވުނު، ރީތި މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެއްކަމުގައިވާ މަސްޖިދުއްސުލްތާން މުޙައްމަދު ބިން ޢަބްދުﷲ އެވެ.
ދިވެހި ތާރީޚުން އެނގެން އޮތް ގޮތުގައި އިސްލާމްވުމުގެ ކުރިން ދިވެހިންތިބީ ބުދު ދީނުގައެވެ. ބައެއް ފޮތްތަކުގައި ދިވެހިން ތިބީ ބުދު ދީނާއި ހިންދޫ ދީނުގައި ކަމަށްވެސް ލިޔެފައިވެއެވެ.
ދިވެހިރާއްޖޭގައި ތަފާތު އެކި ދުވަސްތައް ފާހަގަކޮށް ތަފާތު އެކި ބޭފުޅުންގެ ޒިކުރާ އާލާކުރާއިރު އެބޭފުޅުންގެ ޒިކުރާ ދިވެހިން އާކުރަމުންދަނީ އެބޭފުޅުން ދިވެހި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކުގެ ސަބަބުންނެވެ. އެއިން ކޮންމެ ބޭފުޅަކުވެސް ޤައުމަށްޓަކައި ކުރެއްވި މަސައްކަތުގައި އެންމެ ފުރަތަމަ އިސްކުރައްވާފައި ވަނީ މާތްވެގެންވާ އިސްލާމްދީނެވެ.
ރާއްޖޭގެ ގާނޫނުއަސާސީގައިވެސް ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީންކަމަށް ވަނީ ކަނޑައަޅައިފައެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ސަރުކާރުން މިއަހަރު ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ކަޅުވަކަރު މިސްކިތް ހުޅުވުން ހިމެނެއެވެ. އަދި މިދުވަހާއި ގުޅިގެން ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރެހުމުގެ މުބާރާތެއްވެސް ބާއްވަން ވަނީ ނިންމާފައެވެ.
.