ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާއަށް އަމާޒުކޮށް މީސްމީޑިއާގައި ދައްކަމުންދާ ވާހަކަތައް ފިރިކަލުން ގާސިމް އިބްރާހީމް ދިފާއުކުރައްވައިފިއެވެ.

ވަޒީރުކަން ލިބިވަޑައިގެންނެވީ ގާސިމްގެ އަނބިކަނބަލަށް ވުމުންތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ވަކި މީހެއްގެ އަންބަކަަށް ވެގެން ކެބިނެޓުން ޖާގަ ލިބިވަޑައިގަންނަވާނެކަމަށް އެކަމަނާ ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

މިވާހަކަތަކާއި ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ނުވިނަމަ، އެކަމަނާ އަދިވެސް ހުންނާނީ ހާބަރުގައި ވެއިޓަރަކަށް ނޫނީ ނަށާ ގްރޫޕެއްގައި ނަށަންކަމަށް ވިދާޅުވެ އެކަމަނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

މިކަމަށް ރައްދުދެއްވާ ގާސިމް ވިދާޅުވީ އޭނާގެ އަނބިކަނބަލުންނަށް ނަހުލާ ވާތީ ވަޒީފާއެއް ދޭންޖެހޭ ގާނޫނެއްވެސް އުސޫލެއްވެސް ނޯންނާނެ ކަމަށެވެ.

ނަހުލާއަކީ ކަން ކުރެވޭނެ، ހިތްވަރު ހުރި، ވިސްނުންތެރި، ކުޅަދާނަ، ތެދުވެރި، ތައުލީމީ، އަދަބުވެރި، ކިޔަމަންތެރި، ގާބިލް ބޭފުޅެއްކަން ޔަގީން ވާތީ އެކަމަނާ އެދިވަޑައިގެންނެވި ވަޒީފާ ދެއްވުމަށް ޖޭޕީގެ ފަރާތުން އަޅުގަނޑު ރައީސަށް ހުށައެޅީ. އެ މަގާމު ރައީސް ދެއްވީ ރައީސްއަށް އެކަމަނާގެ ގާބިލްކަން ރަނގަޅަށް އެނގިވަޑައިގެންފައިވާތީކަން ކަށަވަރު. އެއީ ގާސިމްގެ އަނބިމީހާއަށް ވެގެނެއް ނޫން.
ގާސިމް އިބްރާހީމް

ރައީސުލްޖުމްހޫރިއްޔާއަށް ނަހުލާގެ ގާބިލްކަން އެނގިވަޑައިގެންނެވީ ރިޔާސީ އިންތިހާބުގައި ނަހުލާ ކުރެއްވި ދަތުރުތަކުގައި އެކި ސްޓޭޖްތަކުގައި ދައްކަމުން ގެންދެވި ވާހަކަތަކުގައި ހުރި ހަރުދަނާކަމާއި ކުރެއްވި ހިތްވަރާއި އަހުލާގު އަދި ތެދުވެރިކަން އެނގިވަޑައިގަތުމުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

އެހެންކަމުން އެކަމަނާއަށް މަގާމު ދެއްވީ ވަކި މީހެއްގެ އަންބަކަށް ވެގެންނޫން ކަމަށް އެކަމަނާ ވިދާޅުވުމުން، އެ ބަހުގައި ހިފައިގެން ކޮޅުކޮޅަށް ދަމާހަދަނީ 'ހަޖަމް' ނުކުރެވިގެން ކަަމަށްވެސް ގާސިމް ވިދާޅުވިއެވެ. ގާސިމް ވަނީ މީހުނާއި ދިމާކޮށް މިފަދަ ކަންކަން ކުރުން ވަގުތުން ހުއްޓާލުމަށް ނަސޭހަތްތެރިވެފައެވެ.