ސުކޫކު ވިއްކުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުވެރިކަން ފިނޭންސް މިނިސްޓްރީ ފިޔަވައި އެހެން ފަރާތަކަށް ބަދަލު ނުކުރެވޭނެ ކަމަށާއި، އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްވެސް ނުކުރެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ދައުލަތަށް އާމްދަނީ ހޯދުމަށް ބޭރުގެ ފަރާތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށްޓަކައި، އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޕްރައިވެޓް ސެކްޓަރ (އައިސީޑީ) އާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ރަޖިސްޓްރީ ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން އެ މިނިސްޓްރީން ވަނީ އެދިފައެވެ.

މިކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑިކިޔުން ފިނޭންސް މިނިސްޓްރީއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސުކޫކު ވިއްކުމަށް އެސެޓެއްގެގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނަރޝިޕް ބަދަލުކުރުމަކީ ޝަރުއީ އަދި ޤާނޫނީ ގޮތުންވެސް ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުމެއް ނޫން ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބަޖެޓްގައި ހިމަނައިގެން ބޭރު ދުނިޔޭގައި ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފަޔާ އިރުޝާދުގެ މަތިން އިޝޫކުރުމަށް މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނޭންސިންގ އިންސްޓުރުމަންޓެއް ކަމަށެވެ.

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި 2020 ވަނަ އަހަރުގެ ބަޖެޓްގައި މިސުކޫކު ހިމެނުމުގެ އިތުރަށް ބަޖެޓް ސްޕީޗްގައި މި ސުކޫކަށް އަލި އަޅުވާލެވި، އަދި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާކޮމިޓީއަށް ސުކޫކުގެ އެކި ކަންކަން ސާފުކޮށްދީފައިވާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް ފައިނޭންސިންގ އިންސްޓްރުމަންޓުތަކަކީ ކޮންވެންޝަނަލް ފައިނޭންސިންގ އިންސްޓުރުމަންޓުތަކާއި ހިލާފަށް ޝަރީއާ ކޮމްޕްލައަންޓް ކުރުމަށްޓަކައި އިންސްޓުރުމަންޓުގެ ސްޓްރަކްޗަރގައި އެސެޓެއް ބެކް ކުރެވިގެން އިޝޫ ކުރެވޭ އިންސްޓްރުމަންޓުތަކެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޕްރައިވެޓް ސެކްޓަރ (އައިސީޑީ) އާއިއެކު ވިއްކުމަށް މަސައްކަތްކުރާ މި ސުކޫކުގެ މައިގަނޑު އަސާސަކީ އެސެޓް ބޭސްޑް ސުކޫކު ކަމަށެވެ.

މި ސުކޫކު ނެގުމުން ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 އިންސައްތަ ހިއްސާވާ ދައުލަތުގެ ކުންފުންޏަކަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް ބަދަލުކޮށް، ސުކޫކުގެ އިންވެސްޓަރުންގެ ފަރާތުން އެސްޓީވީ ގެ ބެނެފިޝަލް އޯނަރޝިޕްގައިވާ އެސެޓް ދައުލަތަށް އިޖާރާ އެއްބަސްވުމެއްގެ ދަށުން ދަރަންޏަށް ނަގާ ފަރާތަށް ލީސް ކުރެވޭނެއެވެ.

އަދި ސުކޫކުގެ މުއްދަތު ހަމަވުމުން އެސެޓްގެ ބެނެފިޝަލް އޯނަރޝިޕް ދައުލަތުގެ 100 އިންސައްތަ ހިއްސާވާ އެސް.ޕީ.ވީ އިން އަނބުރާ މިނިސްޓްރީ އޮފް ފިނޭންސަށް ނެގޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން މި ސުކޫކު ވިއްކުމަށް އެސެޓެއްގެގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނަރޝިޕް ބަދަލުކުރުމަކީ ޝަރުއީ އަދި ޤާނޫނީ ގޮތުންވެސް ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުމެއް ނޫންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި މި ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މިލްކުވެރިކަން ފިނޭންސް މިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެކަމަށާއި، ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްވެސް ނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 2017 ވަނަ އަހަރުވެސް ދައުލަތަށް ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ އިމާރާތް ބޭނުންކޮށްގެން މިފަދަ ސުކޫކެއް ވިއްކުމުގެ މަސައްކަތް ކުރެވުނު ކަމަށެވެ. ނަމަވެސް އެއިރު ޤާނޫނީ ގޮތުން ދިމާވި ގޮންޖެހުންތަކަކާއި ހެދި ސުކޫކު މިންވަރު ނުވީ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އަދި ދައުލަތުގެ ބަޖެޓް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ އެންމެ އެކަށީގެންވާ އަގެއްގައި، ދައުލަތުގެ ދަރަންޏަށް ދިމާވެދާނެ ހިރާސްތަކަށް ރިއާޔަތް ކުރުމަށްފަހު ހޯދޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މިހާރު ބައިނަލް އަޤުވާމީ މާލީ ބާޒާރުތަކުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސުކޫކު ފަދަ އިސްލާމިކް ޑެޓް އިންސްޓުރުމަންޓުތަކަކީ ދުނިޔޭގެ އިސްލާމީ އަދި އިސްލާމީ ނޫން ދައުލަތްތަކުންވެސް ހާއްސަކަމެއް ދީގެން އިޝޫކުރަމުންއަންނަ ޑެޓް އިންސްޓުރުމަންޓެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އަދި ހަޤީޤަތް އޮޅޭ ގޮތަށް އެކިއެކި ފަރާތްތަކުން ދޮގު މައުލޫމާތު ހިއްސާ ނުކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.