އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރަކަށް ނުފެތޭކަމަށް، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ، ކަންކަމުގައި ތެދުވެރިކޮށް ވާހަކަ ދެއްކުމަކީ މެމްބަރުންނަށް މަތިކޮށްފައި އޮންނަ ޒިންމާއެއް ކަމަށާއި ރައްޔިތުންނަށް ކަން އޮންނަ ގޮތުގެ މައުލޫމާތު އޭގެ އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

ބައެއް ފަހަރު ތެދަކީ ހިތި އެއްޗެއް ކަމަށާއި އެހެންނަަމަވެސް އެ ހިތިބޭސް ބޮއިގެންވެސް ކަން އޮތްގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ކޮނޑުގައި އެޅިފައިއޮތް ވަރަށް ބޮޑު ޒިންމާއެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ކަމަށް ހޮވިފަހުރީ މޮޅުކަމަކުން ނޫންކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ، ދާއިރާގެ ރައްޔިތުން އޭނާ ހޮވީ ތެދުވެރިވާނެ ކަމަށް ވައުދުވުމުން ކަމަށާއި ކެމްޕެއިންކޮށް ވޯޓުހޯދީ ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ބިނާކުރާނެ ވާހަކަތައް ދައްކައިގެން ކަމަށެވެ.

"ނަޒާހަތްތެރި މަޖިލީހެއް އުފައްދާނެ ވާހަކަ ދައްކައިގެން. އަޅުގަނޑުމެން ކިހިނެއްތޯ ކަނޑުވެފައި ތިބެގެން ޚިޔާލީ ދުނިޔެއެއްގައި ބޮޑެތި ކަންކަން ކުރާނީ؟. ކަނޑުވެފަ ތިބެގެން ފުރަތަމަ ޒިންމާއަކީ ދެފައި ޖެހޭނެ ތަނެއް ހޯދުމަށް މަސައްކަތްކުރުން. ހިކިފަސްތަނަކަށް ދެވުނީމަ ދެން ކުރާނެ ކަންކަން ހޯދާނީ. ދުނިޔެ އަދި ރާއްޖެ މިއޮތް ހާލަތެއް އެއްވެސް ރައްޔިތަކަށް ނޯޅޭނެ."
މެމްބަރު މުހައްމަދު ވަހީދު

ވަޒީރުން އުފާވާނެ ގޮތްގޮތަށް ވާހަކަވެސް ދެއްކިދާނެ ކަމަށާއި ނަމަވެސް ޒިންމާއަކީ އެއީ ނޫން ކަމަށާއި ދައުލަތުގެ ބަޖެޓަކީ ކެމްޕެއިނަށް ޚަރަދުކުރާ އެއްޗެއް ނޫންކަމަށް މެމްބަރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން 17 ވަރަކަށް ބިލިއަން ރުފިޔާ ނުލިބޭނެކަން ރަނގަޅަށް އެނގޭކަން ފާހަގަ ކުރައްވާ މެމްބަރު ވިދާޅުވީ ކޮވިޑުގެ ދަތި ދުވަސްވަރުގައިވެސް މަޖިލީސް ހުޅުވައިގެން ދައުލަތުން ބޭނުންވާ ވަރަށް ފައިސާ ދީފައިވާނޭ ކަމަށެވެ.

އެހެންނަމަވެސް އެ ފައިސާވީ ކިހާ ހިސާބެއްގައިކަމެއް ނޭނގޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

"ކުރާ މަސައްކަތެއް ކުރަންޖެހެނީ މިހާލަތުން އަރައިގަތުމަށް. އަޅުގަނޑުމެންގެ އިގްތިސާދު މި އަނދަވަޅުން އަލުން ނަގާ އަރައިގަނެވޭނެ ގޮތަކަށް. އަޅުގަނޑުމެން ތަންތަން ރާނާކަށް ނޫން. ތަންތަން ރާނާ ކަމަށްވާނަމަ ހަމަހަމަކޮށް އެކަންތައްވެސް ކޮށްދެއްވަންވީ."
މެމްބަރު މުހައްމަދު ވަހީދު

ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އަމާޒަކީ ލާމަރުކަޒީކުރުން ކަމަށާއި އެހެންނަމެވެސް ބަޖެޓުން އެކަމެއް ފެންނަން ނެތްކަމަށް ވިދާޅުވެ މެމްބަރު ވަނީ އެމްޑީޕީގެ ތަސައްވުރަކީ ނޫ އިގްތިސާދުކަން ފާހަގަ ކުރައްވާފައެވެ.

މަސްވެރިކަމުގެ ބިލެއް މަޖިލީހުން ފާސްކުރިނަމަވެސް އެ ވާހަކަތައް ދައްކަން މިހާރު ލަދުގަންނަ ކަމަށާއި ދަނޑުވެރިންނަށް ފަޅުރަށްތައް ދޫކުރުމުގެ ބަދަލުގައި ފެނިގެންދަނީ މަހުޖަނުން ޕިކްނިކްދާން ރަށްތައް ދޫކުރާ މަންޒަރު ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މިހާލަތުގައި މަސައްކަތް ކުރަންވީ ނުފޯރާފޮތިން ފޫގަޅަން ނޫން ކަމަށާއި ހަގީގަތާ އެއްގޮތަށް މިގައުމުގެ ހާލަތުގެ ވާހަކަ ދެއްކުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

"ހަގީގަތުގައިވެސް ބަޖެޓު މިއޮތީ ޚިޔާލީ ފޮލާއެއްގެ މައްޗަށް ބިނާކޮށް. ރައީސްގެ ސިޔާސަތަކަށް އަދި ތަސައްވަރަކަށް ބަޖެޓެއް ނުފެތޭ. އެމަނިކުފާނު ދައްކާވަފަ ހުރި ވާހަކަތަކަކަށް މިއެއް ނުފެތޭ."
މެމްބަރު މުހައްމަދު ވަހީދު

ރައްޔިތުން ތިބީ ވަރަށް ބޮޑަށް ބިކަވެފައި ކަމަށާއި އެހެންކަމުން ބަޖެޓުގައި ކަންކަން ހިމަނާނަމަ ހަމަހަމަކޮށް އެކަން ކުރެއްވުމަށް އުނގޫފާރު ދާއިރާގެ މެމްބަރު ވަނީ ބަޖެޓު ބަހުސްގައި ގޮވާލައްވާފައެވެ.