އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް) ފެއާގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއްޖެއެވެ.

ވާޗުއަލްކޮށް އައިއެމްޓީއެމް އެއާ ޕްލެޓްފޯމްގައި އިއްޔެ ފެށިގެން ކުރިއަށްދާ މި ފެއާ ކުރިއަށް ގެންދަނީ މިއަދުގެ ނިޔަލަށެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިފެއާ އަކީ އަމިއްލަ ފަރާތަކުން އިންތިޒާމުކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ފެއާ އެކެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއަރުސީ)އިން ބުނީ މި އަހަރުގެ ފެއާގެ މަގްސަދަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވެދިނުން ކަމަށެވެ. އެގޮތުން މިފެއާ ވެގެންދާނީ ބޭރުގެ އެކި ގައުމުތަކުގެ ބަޔާޒްއާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްތައް ވިއްކާ ފަރާތްތައް އެއް ޕްލެޓްފޯމަކުން ބައްދަލުވެގެންދާނެ މުހިންމު ފެއާއަކަށް ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

މީގެއިތުރުން މިއަހަރުގެ ފެއާގައި ލައިވް ކޮންފަރެންސް ސެޝަންތަކާއި ފޯރަމްތައް ބޭއްވުމުގެ ފުރުސަތުވެސް ބައިވެރިވާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މިއީ ދިވެހިރާއްޖެއަށް މިހާރުވެސް ގިނައަދަދަކަށް ފަތުރުވެރިން އަންނަ މާކެޓްތަކާއި އާ މާކެޓްތަކުން ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަ ދަނޑިވަޅެއްގައި ބޭއްވޭ މުހިންމު ފެއާއެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ވަނީ ފާހަގަކޮށްފައެވެ.

ވިޒިޓް މޯލްޑިވްސްއިން އަންނަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި ވާޗުއަލް ފެއާތަކާއި މާކެޓިން ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން މި ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޠައްޔިބު މުހައްމަދު ވަނީ މިފަދަ ފެއާއެއް ބޭއްވުމަށް އައިއެމްޓީއެމްގެ އިސްނެންގެވުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ފެއާގެ ކާމިޔާބީއާއެކު ރާއްޖެ ފަތުރުވެރިންގެ މެދުގައި މަގުބޫލު ފަތުރުވެރި މަންޒިލަކަށްވުމުގެ އިތުރުން ދިވެހިރާއްޖެއާމެދު ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައިވެސް ދިވެހިރާއްޖެ މަގުބޫލުވެގެންދާނެ ކަމަށް ޠައްޔިބު ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާ ފަރާތުގެ ހައިސިއްޔަތުން އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކުން ގުޅިގެން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަށް މަރުހަބާ ކިޔަން. އަދި އަޅުގަނޑު ގަބޫލުކުރަނީ އޮންލައިން އަދި ޑިޖިޓަލް ހަރަކާތްތައް މުހިންމު ދަނޑިވަޅެއްގައި މިފަދަ ހަރަކާތްތައް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް
ޠައްޔިބު މުހައްމަދު

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ދިވެހިރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލިފަހުން ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. ދުވަހަކަށް ވުރެ ދުވަހެއް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދިއުމަކީ ކުރިއަށް އޮތް ތަނުގައި މި އަދަދުތައް އަދިވެސް އިތުރުވެގެންދާނެ ކަމެކެވެ.

ވިޒިޓް މޯލްޑިވްސްގެ ފަރާތުން ކަނޑަނޭޅި މަސައްކަތްކުރަމުންދާ އަމާޒަކީ ބޭރު ދުނިޔޭގައި ދިވެހިރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކޮވިޑް-19ގެ ކުރިން ތަރައްގީވެފައި އޮތް މިންވަރަށް ވާސިލްވުމަށެވެ. އެގޮތުން ވިޒިޓް މޯލްޑިވްސްއިން ގެންދަނީ ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކާ ގުޅިގެން ދިވެހިރާއްޖެ ޕްރޮމޯޓްރުމަށް އެކި ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.