ދުނިޔޭގެ 3 ހިސާބެއްގައި ކުރިއަށްގެންދާ އައިއެލްޓީއެމް ވޯލްޑް ޓުއަރ 2020 ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަމްސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބައިވެރިވެއްޖެއެވެ.

އެމްއެމްޕީއާރުސީން ބުނީ މި އިވެންޓް ކުރިއަށްދަނީ 3 ހަފްތާގެ މުއްދަތަށް 3 ދުވަހުގެމަތިން ދުނިޔޭގެ 3 ސަރަހައްދެއްގައި ކަމަށެވެ.

އެގޮތުން އޭޝިއާ ޕެސިފިކްގައި ކުރިއަށްދާ އިވެންޓު މިއަދުން ފެށިގެން އަންނަ ބުރާސްފަތު ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށާއި، ޔޫރަޕް، މިޑިލްއީސްޓް އަދި އެފްރިކާގައި މިއިވެންޓް ކުރިއަށްދާނީ މިމަަހުގެ 23 އިން 25 ގެ ނިޔަލަށް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ނޯތް އަދި ސައުތު އެމެރިކާގައި މިމަހުގެ 1 އިން 3 އަށް މި އިވެންޓް ވަނީ ބާއްވާފައެވެ.

އައިއެލްޓީއެމް ވަރލްޑް ޓުއަރއަކީ ފަތުރުވެރިކަމުގެ ދާއިރާގެ ލަގްޒަރީ ބައިގައި ވަކި ހާއްސަ ކޮލިފިކޭޝަންތަކެއް ލިބިފައިވާ ބަޔަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އިވެންޓެކެވެ.

މި އިވެންޓް ފަރުމާ ކުރެވިފައިވަނީ ކޮންމެ ބައިވެރިއެއްވެސް ދައްކުވައިދޭން ބޭނުންވާ ބައިތަކުގެ އިތުރުން އެބައިވެރިންގެ މުޖުތަމައާއި ގުޅޭ އަދި އެކަށީގެންވާ ގޮތަކަށް ކަމަށް އެމްއެމްޕީއަރުސީން ބުނެއެވެ.

މިއަހަރުގެ އިވެންޓުތަކުގައި އެމްއެމްޕީއާރުސީގެ އިތުރުން ކޮންރެޑް މޯލްޑިވްސް ރަންގަލި އަދި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްއިންވެސް ބައިވެރިވާކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

މިއަހަރު އެމްއެމްޕީއާރުސީން ބައިވެރިވާ މީޓިންތަކުގައި ބޮޑަށް އަލިއަޅުވާލާނީ ދިވެހިރާއްޖޭގެ ރަށްތައް ގުދުރަތީގޮތުން އެކުލެވިފައިވުމުގެ އިތުރުން ކޯވިޑް-19 ގެ ސަބަބުން އެޅިފައިވާ ހަރުދަނާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މައްޗަށް ކަމަށް އެކުންފުނިން ބުނެއެވެ.

އެއީ ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ރައްކާތެރި އަދި މަގުބޫލު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްގެ ގޮތުގައި އިޝްތިހާރު ކުރުމުގެ ބޭނުމުގައި ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން އަންނަނީ ރާއްޖެ އިޝްތިހާރުކުރުމަށް އެހެނިހެން މާކެޓްތަކުގައިވެސް ބޮޑެތި ޚަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

މީގެތެރޭގައި ޗައިނާގައި ކުރިޔަށްގެންދާ ގްލޯބަލް ކެންޕެއިނާއި އިނގިރޭސިވިލާތައް ޚާއްސަކޮށްގެން ކުރިއަށްގެންދާ ވޯލްޑް ޓްރެވަލް މާރކެޓް ވާރޗުއަލްވެސް ހިމެނެއެވެ.

އަދި ރީޑިސްކަވާރ މޯލްޑިވްސްގެ ދަށުން އެކި މާކެޓްތަކަށް ޚާއްސަ ކޮށްގެން ކުރިޔަށްގެންދިޔަ ވެބިން ސިރީސްވެސް ވަނީ ކާމިޔާބުކަމާއެކު ސެޕްޓެންބަރުމަހު ނިންމާލާފައެވެ.

ކުރިއަށް އޮތް 2021 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާގުޅިގެން، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައް ކޮވިޑް-19 ކުރީގެ އަދަދުތަކާއި އެއްވަރު ކުރުމަށް އަމާޒުކޮށް އެމްއެމްޕީއާރުސީން ދަނީ ތައްޔާރީތަކެއް ވަމުންނެވެ.

އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ދިވެހިރާއްޖޭގެ ބޯޑަރު ޖުލައިމަހުގެ 15 ވަނަ ދުވަހު ހުޅުވާލިފަހުން ފަންސާސް ހާހަށްވުރެންގިނަ ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.