ބްރެޒިލްގައި އާދީއްތަދުވަހު ބޭއްވި މުނިސިޕަލް އިންތިޚާބުގައި އެގައުމުގެ ރައްޔިތުން ރައީސް ޖައިރް ބޮލްސޮނާރޯއަށް ތާއީދު ނުދިނުމުގެ ސަބަބުން އޭނާއަށް ވަރަށްބޮޑު ނާއުންމީދެއް ކުރިމަތިވެވަޑައި ގެންފިއެވެ.

އިންތިޚާބުގައި ރައީސް ބޮލްސޮނާރޯ ތާއީދު ދެއްވި ވަރަށް މަދު ކެންޑިޑޭޓަކަށްނޫނީ، އިންތިޚާބުގައި ކާމިޔާބެއް ނުލިބުނެވެ. ގިނަމީހުން ބަލިވީއެވެ.

އާދީއްތަދުވަހު ބޭއްވި އިންތިޚާބުގައި، 5،500 ސިޓީއަށް މޭޔަރުންނާއި، ކައުންސިލަރުން އިންތިޚާބު ކުރުމަށް ބްރެޒިލްގެ ރައްޔިތުން ވޯޓުލާފައި ވެއެވެ.

އެހެން ނަމަވެސް، އިންތިޚާބުގައި ބޮޑެތި ކާމިޔާބީތައް ހޯދާފައިވަނީ ވަކިވަކިން ވާދަކުރެއްވި ނަން މަޝްހޫރު ކެންޑިޑޭޓުންނާއި، ބްރެޒިލްގެ ގަދީމީ ޕާޓީތަކުންނެވެ. ބްރެޒިލްގެ އެންމެ ބައިބޯ 2 ސްޓޭޓްގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރީވެސް އެމީހުންނެވެ.

ބްރެޒިލްގެ މީޑިއާއިން ބުނެފައިވަނީ، ރައީސް ޖައިރް ބޮލްސޮނާރޯގެ ތާއީދު ލިބިގެން އިންތިޚާބުގައި 60 އާ ގާތްކުރާ އަދަދަކަށް ކެންޑިޑޭޓުން ވާދަކުރެއްވި ކަމަށެވެ.

ނަމަވެސް، އޭގެތެރެއިން ގޮނޑި ކަށަވަރުވީ އެންމެ 9 ބޭފުޅުންނަށެވެ.

ބްރެޒިލްގެ ރައީސްކަމުގައި ހުންނެވި ބޮލްސޮނާރޯއަކީ މިވަގުތު ސިޔާސީ އެއްވެސް ޕާޓީއަކާ ގުޅިފައިވާ ބޭފުޅެއް ނޫނެވެ.

އެހެންވެ، އޭނާ ކުރިން ވިދާޅުވަމުން ގެންދެވީ، އިންތިޚާބުގެ ކެމްޕެއިންގައިވެސް އޭނާ ބައިވެރިވެވަޑައި ނުގަންނަވާނޭ ކަމަށެވެ.

އެކަމަކު، ކެމްޕެއިންގެ ފަހު ހަފްތާތަކަށް އެޅުމުން، ރައީސްވަނީ މޭޔަރު ކަމުގެ މަގާމަށް ވާދަކުރެއްވި އެތައް ބޭފުޅުންނަށާއި، ކައުންސިލަރު ކަމަށް ވާދަކުރެއްވި އެތައް ކެންޑިޑޭޓުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ކެމްޕެއިން ކުރައްވާފައެވެ.

ރައީސް ތާއީދު ދެއްވި ބޭފުޅުންގެ ތެރެއިން މޭޔަރުކަން ކަށަވަރުވީ އެންމެ 2 ބޭފުޅުންނަށެވެ.

ބްރެޒިލްގެ އެންމެބޮޑު ސިޓީ ކަމަށްވާ ސައޮ ޕައުލޯގެ މޭޔަރުކަމަށް ބްރެޒިލްގެ ރައީސް ތާއީދު ކުރެއްވި ކެންޑިޑޭޓު، މަޝްހޫރު ޓީވީ ޕްރެޒެންޓަރ އަދި ފެޑެރަލް ގާނޫނުހަދާ މަޖިލީހުގެ މެމްބަރަށް ލިބިވަޑައިގެންނެވީ 4 ވަނައެވެ.

ބްރެޒިލްގެ ރައީސް ފަހުންވަނީ، އޭނާ ތާއީދު ދެއްވައި ޓްވީޓް ކުރެއްވި މޭޔަރުންނާއި، ކައުންސިލަރުންގެ ލިސްޓު ޑިލީޓް ކޮށްލައްވާފައެވެ.

ބްރެޒިލްގެ ބައެއް ތަޖުރިބާކާރުން ވިދާޅުވަނީ، މުނިސިޕަލް ކައުންސިލް އިންތިޚާބަށް ތާއީދު ހޯއްދެވުމަށް ރައީސް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެއްވުމުގެ ސަބަބުން، 2022 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސަށްއޮތް ފުރުސަތުވެސް ހަނިވެގެން ދިޔައީ ކަމަށެވެ.

ކޮވިޑްބަލީގެ ހާލަތާ ކުރިމަތިލުމުގައި ރައީސް ބޮލްސޮނާރޯ ގެންގުޅުއްވާ ދޯދިޔާ ސިޔާސަތަށް ބްރެޒިލްގެ ގިނ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

ބްރެޒިލްގައި ބަލީގެ ހާލަތު ބޮޑަށް ގޯސްވެގެންދިޔައީ، ކޮވިޑަކީ އާދައިގެ ހުމުގެ ރޯގާއެއް ކަމަށާއި، އެކަމާ ގުޅިގެން ގައުމުގެ އިގްތިސާދު ހުއްޓުމަކަށް ނުގެނެވޭނޭ ކަމަށް ވިދާޅުވެ، ލޮކްޑައުން ކުރުމާއި، މާސްކް އެޅުމާއި، ގައިދުރުކަން ބެހެއްޓުންފަދަ ފިޔަވަޅުތައް އެޅުއްވުމާ ރައީސް ދެކޮޅު ހެއްދެވުމުންނެވެ.

ނުވިތާކަށް، ސަރުކާރުގެ ހެލްތު މިނިސްޓްރީން ފިޔަވަޅުތައް އެޅުމުން، ހެލްތު މިނިސްޓަރުވެސް މަގާމުން ވަކިކުރައްވައި، އަދި ސަރަހައްދީ ސަރުކާރުތަކުން ފިޔަވަޅު އެޅުމުން އެކަމާ ދެކޮޅަށްވެސް ބްރެޒިލްގެ ރައީސް މަސައްކަތް ކުރައްވާފައި ވެއެވެ.

ކޮވިޑާ ކުރިމަތިލެއްވުމުގައި ބްރެޒިލްގެ ރައީސް ނަމޫނާއަކަށް ބެއްލެވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.