އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަމުގެ ގޮނޑިއަކަށް އިންޑިއާ ކުފޫހަމަނުވާ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ޕާކިސްތާނުން މިހެން ބުނެފައިވަނީ، އދގެ އޮނިގަނޑަށް އިސްލާހީ ބަދަލުތައް ގެނެސް، އދގެ ދައުރާއި، މަސައްކަތްތައް ފުޅާކޮށް، އދއަކީ ޑިމޮކްރަޓިކް އަދި އެތެރެފެންނަ ގޮތެއްގައި ކަންކަންކުރާ ތަނަކަށް ހެދުމާ ގުޅޭގޮތުން މެމްބަރު 193 ގައުމުގެ މެދުގައި މިހާރު ކުރިއަށްދާ ބަހުސްގައެވެ.

އދގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑު އަލުން އިސްލާހްކޮށް ދާއިމީ މެމްބަރުންގެ އަދަދު އިތުރުކުރުމުގެ ބަހުސްވެސް މީގެ ތެރޭގައި ހިމެނޭއިރު، ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަން ހޯދުމަށް އިންޑިއާ، ބްރެޒިލް، ޖަރުމަނުވިލާތް އަދި ޖަޕާނުންވެސް ގެންދަނީ ކެމްޕެއިން ކުރަމުންނެވެ.

ބަހުސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ މުނީރު އަކްރަމް، އިންޑިއާއަށް ނިސްބަތް ކުރައްވައި ވިދާޅުވީ، ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަން ހޯދުމަށް ކެމްޕެއިންކުރާ އެއް ގައުމަކީ، އެގައުމަށް މިނިވަންކަން ލިބުނުފަހުން މިހާތަނަށް 20 ހަނގުރާމަ ކޮށްފައިވާ ގައުމެއް ކަމަށެވެ.

އެގައުމުން، ޓެރަރިޒަމްގެ އަމަލުތައް ހިންގައި، ސަރަހައްދުގެ އިތުރުން ޚާއްސަކޮށް ޕާކިސްތާނުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކޮށްފައި ކަމަށްވެސް އެމްބަސެޑަރ މުނީރު އަކްރަމް ވިދާޅުވިއެވެ.

"އެގައުމުން ރާވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގާކަމުގެ ފުރިހަމަ ހެކި އަޅުގަނޑުމެންގެ އަތުގައި އެބަހުރި"
މުނީރު އަކްރަމް

އިންޑިއާގެ ނަން ނުގެނެސް، ޕާކިސްތާނުގެ އެމްބަސެޑަރ ވިދާޅުވީ، އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކާ ޚިލާފަށް އެގައުމުން މިހާރުވެސް އޮތީ ކަޝްމީރު އިސްތިއުމާރު ކޮށްގެން ކަމަށެވެ.

ކަޝްމީރުގެ ރައްޔިތުން މިނިވަންކަމަށް ކުރާ މަސައްކަތްތައް ނެތިކޮށްލުމަށް އެގައުމުން ކަޝްމީރަށް 9 ލައްކަ ސިފައިންގެ ފައުޖެއް ޖަމާކޮށްފައިވާ ކަމަށާއި، ކަޝްމީރުގެ މުޅި ނިޒާމު ބަދަލުކޮށްލަން އެ ގައުމުން އެކި ކަންކޮޅުތަކުން މީހުންގެނެސް މިހާރު ކަޝްމީރުގައި ވަޒަންވެރި ކުރުވަމުން ގެންދާ ކަމަށްވެސް ޕާކިސްތާނުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ އެމްބަސެޑަރ ވިދާޅުވިއެވެ.

ޕާކިސްތާނަށް ބިރުދައްކައި، ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އެގައުމުން މިހާރުވެސް ކޮންމެ ދުވަހަކު ޕާކިސްތާނުގެ އާންމުންނަށް ބޮޑުބަޑިއާއި އެނޫންވެސް ހަތިޔާރުން ހަމަލާދެމުން ގެންދާކަމަށް މުނީރު އަކްރަމް ވިދާޅުވިއެވެ.

"އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަމަށް މި ގައުމު ކުފޫހަމަނުވޭ. ދާއިމީ މެމްބަރުކަންވިޔަސް އަދި ދާއިމީނޫން މެމްބަރު ކަމަށްވެސް ޝަރުތު ފުރިހަމައެއްނުވޭ"
މުނީރު އަކްރަމް

އދގެ ސަލާމަތީ މަޖިލީސް އިސްލާހްކުރުމުގެ ބަހުސް، އދގެ އާންމު މަޖިލީހުގައި ފެށިފައިވަނީ 2009 ވަނަ އަހަރުއެވެ. ބަހުސްކުރެވޭ ދާއިރާތަކުގެ ތެރޭގައި، ސަލާމަތީ މަޖިލީހަށް ލިބިގެންވާ ވީޓޯގެ ބާރާއި، ސަރަހައްދުތައް ވަކިން ތަމްސީލުކުރުމާއި، މެމްބަރޝިޕާއި، ސަލާމަތީ މަޖިލީސް މަސައްކަތްކުރާ ގޮތާއި، ސަލާމަތީ މަޖިލީހާއި އާންމު މަޖިލީހުގެ ގުޅުންވެސް ހިމެނެއެވެ.

ސަލާމަތީ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުކުރުމަށް ގިނަ ގައުމުތަކުން ތާއީދުކުރި ނަމަވެސް، އެކަން ކުރާނެ ގޮތަކާމެދު ބޮޑެތި ޚިޔާލު ތަފާތުވުންތައް އުފެދިފައި ވެއެވެ.

ސަލާމަތީ މަޖިލީހުގައި މިހާރު ދާއިމީ މެމްބަރު 5 ގައުމު ހިމެނޭއިރު، އިންޑިއާ، ބްރެޒިލް، ޖަރުމަނުވިލާތް އަދި ޖަޕާނުން ކެމްޕެއިން ކުރަމުންދަނީ ދާއިމީ މެމްބަރުންގެ އަދަދު 10 އަށް އިތުރު ކުރުމަށެވެ.

އެހެންނަމަވެސް، އިޓަލީއާއި ޕާކިސްތާނު އިސްވެ ހަދައިގެންއުޅޭ ގްރޫޕަކުން ކެމްޕެއިން ކުރަމުންގެންދަނީ ދާއިމީ މެމްބަރުންގެ އަދަދު އިތުރު ނުކުރުމަށެވެ.