ސައުދީ އަރަބިއްޔާއަށް ވާރޭނުވެހި ގިނަ ދުވަސްތަކެއްވުމާ ގުޅިގެން، ވާރޭ ވެހޭތޯ ދުއާކޮށް، އަންނަ ބުރާސްފަތި ދުވަހު އިސްތިސްޤާ ނަމާދުކުރުމަށް، ސައުދީ އަރަބިއްޔާގެ ހުރިހާ ރައްޔިތުންނަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ގޮވާލައްވައިފިއެވެ.

ސައުދީ ރޯޔަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވާރޭ ނުވެހި ގިނަދުވަސްވުމުން އިސްތިސްޤާ ނަމާދުކުރުމަކީ ކީރިތި ރަސޫލާވެސް ކުރެއްވި ކަމެއް ކަމަށެވެ. އެއީ ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމެއް ކަމަށެވެ.

އެހެންކަމުން، ސައުދީ ރަސްގެފާނު ސަލްމާންވަނީ، އިސްތިސްޤާ ނަމާދު ކުރުމަށާއި، ތައުބާވެ، އަފޫކުރެއްވުމާއި، ފުއްސެވުމާއި، ތެދުމަގު ދެއްކެވުން އެދި ﷲ އަށް ދުޢާ ދެންނެވުމަށް ސައުދީ އަރަބިއްޔާގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ސައުދީ އަރަބިއްޔާއަކީ، ހަނަފަސް ސަހަރާތަކާއި، ފަރުބަދަތަކުގެ މައްޗަށް އެކުލެވޭ ގައުމަކަށް ވާއިރު، އެގައުމަށް ވާރޭ ވެހެނީ ވަރަށް ދޭތެރެ ދުރުކޮށެވެ.

ވާރޭ ނުހެވި ގިނަދުވަސްވެގެން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވެސް މުޅި ސައުދީ އަރަބިއްޔާގައި އިސްތިސްޤާ ނަމާދުކޮށްފައި ވެއެވެ.

މައްކާގައި ހުންނަ މާތްވެގެންވާ މަސްޖިދުލް ޙަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ބޮޑެތި ހުރިހާ ރަށްތަކެއްގެ މިސްކިތްތަކުގައި އިސްތިސްޤާ ނަމާދުކުރިއެވެ.

އިސްތިސްޤާ ނަމާދުކޮށް ނިމުނުތާ މާ ގިނައިރެއް ނުވަނީސް ވާރޭވެހެން ފަށާފައި ވެއެވެ.