ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހް ވެރިކަމާ ހަވާލުވެވަޑައި ގެންނެވިތާ 2 އަހަރު ފުރުމާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހަންމަދު ސާލިހްއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހަންމަދު ސާލިހްއަށް ތަހުނިޔާ ފޮނުއްވީ، މިކަމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް އިބްރާހިމް މުހަންމަދު ސާލިހް ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހުގެ ފޮޓޯއަކާއެކު ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓްގައި، ރައީސް އިބްރާހިމް މުހަންމަދު ސާލިހްގެ ވެރިކަމަށް 2 އަހަރުފުރޭ އުފާވެރި މުނާސަބަތުގައި އެމަނިކުފާނަށް ތަހްނިޔާ އަރިސްކުރައްވަމުން، އެތެރެއާއި ބޭރުން ނަގާ އެކި ރާޅުތަކުން ސަލާމަތްވެ ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް ރައީސް ސާލިހް ކުރައްވައްވަމުން ގެންދަވާ މަސައްކަތުގައި الله ތަޢާލާ ބަރަކާތްލެއްވުން އެދި ދުޢާ ދަންނަވާފައި ވެއެވެ.

"ރައީސް އިބްރާހިމް މުހަންމަދު ސާލިހްގެ ވެރިކަމަށް 2 އަހަރުފުރޭ އުފާވެރިމުނާސަބަތުގައި އެމަނިކުފާނަށް ތަހްނިޔާ އަރިސްކުރަމެވެ. އެތެރެއާއި ބޭރުން ނަގާ އެކިރާޅުތަކުން ސަލާމަތްވެ ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް އެމަނިކުފާނު ކުރައްވާ އިޚްލާޞްތެރި މަސައްކަތުގައި الله ތަޢާލާ ބަރަކާތްލައްވާށިއެވެ" ގާސިމް އިބްރާހިމް

ރައީސް އިބްރާހިމް މުހަންމަދު ސާލިހް ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރެއްވީ 2018 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ދުވަހުގައި ކަމުން، އެމަނިކުފާނުގެ ވެރިކަމަށް ބަރާބަރު 2 އަހަރު ފުރުނީ އަންގާރަ ދުވަހުއެވެ.

ރައީސް އިބްރާހިމް މުހަންމަދު ސާޅިހް ވެރިކަމަށް ވަޑައިގެންނެވީ، އެމަނިކުފާނު ނިސްބަތްވެވަޑައި ގަންނަވާ އެމްޑީޕީވެސް ހިމެނޭގޮތުން އޭރު އިދިކޮޅުގައި އޮތް ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫން ހިމެނޭގޮތުން އުފެއްދި ކޯލިޝަނަކުން ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ނެރުއްވައި، ޕާޓީތައް ގުޅިގެން ކެމްޕެއިންކޮށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްގެންނެވެ.

ޖުމްހޫރީ ޕާޓީއަކީ އަދިވެސް ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއަކީ، ސަރުކާރު ހިންގެވުމުގައި ރައީސް އިބްރާހިމް މުހަންމަދު ސާލިހް ގެންގުޅުއްވާ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ.

އަދި މުޅި ދުނިޔެއާއި ރާއްޖެވެސް މިހާރު ތަހައްމަލް ކުރަމުންދާ ކޮވިޑްބަލިމަޑުކަމުގެ ހާލަތާ ކުރިމަތިލުމުގައި ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކާއި އަދި ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަން ހުއްޓުމަށް އައިސްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިގްތިސާދު އަލުން ހުޅުވާލުމަށް ރައީސް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށްވެސް ގާސިމް އިބްރާހިމް، އދ. މާމިގިލީގައި ދާދިފަހުން ބޭއްވި ހަފްލާއެއްގައި ތައުރީފް ކުރައްވާފައި ވެއެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ، ކޮވިޑްބަލީގެ ހާލަތު އައުމުގެކުރިން ރާއްޖޭގައި ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ގޮތަށް މިހާރު އެކަންކުރަން ސަރުކާރަށް ދަތިވެދާނެކަން އެންމެންވެސް ގަބޫލުކުރަންޖެހެނޭ ކަމަށެވެ.

މިހާލަތުން އަރައިގަނެ، ކުރިން ކަންކަން ކުރަމުންދިޔަ ހާލަތަށް ރުޖޫއަވުމަށްޓަކައި ކްލަބް ޖަމްޢިއްޔާތަކާއި، އަމިއްލަ ފަރުދުންވެސް ސަރުކާރަށް އެއްބާރުލުންދީގެން އެންމެން ގުޅިގެން ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެފައި ވެއެވެ.