ބޭންކް އޮފް މޯލްޑިވްސްގެ ވެހިކަލް ލޯން އަދި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓާއި ޕްރޮފިޓް ރޭޓަށް ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލްއިން ބުނީ މިއަދުން ފެށިގެން ދަށްކުރެވުނު އިންޓްރެސްޓާއެކު ކަސްޓަމަރުންނަށް 500،000 ރުފިޔާއާ ހަމަޔަށް 15 އިންސައްތަ އިންޓްރެސްޓް ރޭޓުގައި ލޯނު ލިބޭނެކަމަށެވެ.

މިލޯން އެއްވެސް އިތުރު ރަހުނަކާނުލާ ދޫކުރާއިރު ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބެއެެވެ.

ބީއެމްއެލް ވެހިކަލްލޯން ކުރިން ދޫކުރަމުން އައީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް މެދުވެރިކޮށް އުޅަނދު ގަތުމަށެވެ.

ނަމަވެސް މިއަދުން ފެށިގެން ރާއްޖޭގެ ކޮންމެ ވިޔަފާރިއެއް މެދުވެރިކޮށްވެސް އުޅަނދު ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ބީއެމްއެލް އިން ބުނެެއެވެ.

ބޭންކުން ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުމަށް ބާރުއެޅުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއްނަމަ ވެހިކަލް ލޯނާއި ފައިނޭންސިންގެ ރޭޓް ވަނީ 12 އިންސައްތައަށް އިތުރަށް ދަށްކުރެވިފައި ކަމަށެވެ.

މި ބަދަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ، މި ބަދަލާއެކު މުޅި މާކެޓްގައި ކަސްޓަމަރުންނަށް އުޅަނދުގަތުމަށް އެންމެ އަގުހެޔޮ އަދި ފަސޭހަ ގޮތްތަކެއް ލިބިގެންދާނީ ބީއެމްއެލް އިންކަމަށެެވެ.

މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ އިންޓްރެސްޓް ރޭޓް މިވަނީ 12 އިންސައްތައަށް އިތުރަށް ދަށްކުރެވިފައިކަން ފަހަގަކުރައްވާ އޭނަ ވިދާޅުވި މީގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުން އިތުރުވުމަށް ބާރުއެޅިގެންދާނެ ކަމަށެވެ.

ވެހިކަލް ލޯނާއި ފައިނޭންސިންގ އަށް ގެނައި ބަދަލުތަކާއެކު ސައިކަލާއި، ކާރު އަދި ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ޖެޓް ސްކީ، އިންޖީނުލީ ޑިންގީ ފަދަ އިންޖީނު އަޅާފައިވާ އުޅަނދުވެސް ގަނެވޭނެއެވެ.