ސަރުކާރުގެ ޒިންމާތަކުން ރެކުމަށްޓަަކައި ޕީޕީއެމަށް އަމާޒުކޮށްގެން ދޮގު ވާހަކަަ ދެއްކުމަކީ ސިއްހީ ބޮޑު ކާރިސާއެއްގެ ތެރޭގައި އިގްތިސާދު ދުޅަހެޔޮ ކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން ނުކުޅެދިފައިވާކަން ހާމަވާ ކަމެއްކަމަށް އެޕާޓީން ބުނެފިއެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި، 2021 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ގުޅިގެން ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުން އެމްޑީޕީއަށް އަމާޒުވަމުންދާތީ، ކަމުގެ ހަގީގަތް އޮޅުވާލައި ހިންގަން ވިސްނާފައިވާ ޖަރީމާ ފޮރުވުމުގެ ނިޔަތުގައި އިއްޔެ އެޕާޓީގެ ހަރުގޭގައި ރައީސް ނަޝީދު ދެއްކި ވާހަކަތަކުގައި، ޗައިނާފަދަ ރާއްޖެއާ އެކުވެރި ގައުމުތަކަށް އަނެއްކާވެސް ސާބިތުނުހިފޭ ވާހަކަތަކެއް ކަމަށާއި އަދި، އެކަން ކުށްވެރިކުރާ ކަމަށެވެ.

ސަރުކާރުގެ އިސްރާފާއި ފަސާދަ އަދި ނުކުޅެދުންތެރިކަމުގެ ސަބަބުން، ގައުމުގެ އިގްތިސާދަށް މިއަދު ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންވަމުންދާއިރު، އެކަމުގެ ޒިންމާއިން ރައީސް ސޯލިހު އަދި ވެރިކަންކުރާ ޕާޓީ ރެކުމަށްޓަކައި ބޭރުގެ ފަރާތްތަކަށް ނުވަތަ ޕީޕީއެމްގެ ސަރުކާރަށް އަމާޒުކޮށް ދޮގު ވާހަކަ ދެއްކުމަކީ، ސިއްހީ ބޮޑު ކާރިސާއެއްގެ ތެރޭގައި އިގްތިސާދު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން ނުކުޅެދިފައިވާކަން ހާމަވެގެންދާ ކަމެއްކަަމަށް ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ކަންކަން ބޮއްސުންލައިގެން ގޮސްފައިވާކަން އެންގިގެންދާ ކަމަށާއި ޕީޕީއެމްގެ ސަރުކާރުގައި، ދިވެހި ތާރީޚުގައިވެސް ނުފެންނަފަދަ ގިނަގުނަ މުހިންމު ތަރައްގިގެ މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ގައުމުގައި ކުރެވުނުއިރު، ނެގުނު ހުރިހާ ލޯނެއް، ކުޑަވެސް ދައްޗެއްނެތި ދައްކާ ޚަލާސްކުރާނެ ހަކަތަވެސް ވާނީ ގާއިމުކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.

"އިގްތިސާދު އޮންނާނީ ދުޅަހެޔޮކަންމަތީ. ރައީސް ޔާމީން އުފައްދަވާދެއްވި ސޮވަރިން ފަންޑުގައި، ނޮވެމްބަރު 2018 ގައި 900 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައި ހުންނާނެ. އިތުރަށް ދައުލަތަށް ލިބޭ އެއްވެސް އާމްދަނީއެއްގައި ނުޖެހި، މިއަދު ޗައިނާއަށް ދައްކަންޖެހޭ ހުރިހާ ލޯނެއް ޚަލާސްކުރަން އެ ފަންޑު އެކަނިވެސް ފުދޭނެ. ޕީޕީއެމްގެ ވެރިކަން އޮތް ނަމަ، އޭގައި އެ ފަންޑުގައި އޭގެ ދެގުނައަށް ފައިސާ ރައްކާކުރެވިފައި ހުންނާނެކަން."
ޕީޕީއެމް

ޕީޕީއެމްގެ ސަރުކާރުގައި ޗައިނާއާ ދެމެދު ތަރައްގީގެ ރޮނގުން އުފެދިފައި އޮތް ގުޅުމުގެ ސަބަބުން، އެގައުމުން ދިވެހި ރައްޔިތުންނަށް ޚާއްސަ އިސްކަމެއް އަބަދުވެސް ދެމުންދާނެކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ ކުރިއަށް އޮތް އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެކަން ވިސްނިގެން، އެކަމުގެ ރުޅީގައި އަނެއްކާވެސް ޗައިނާއަށް އެއްޗެހި ގޮވައިގެން މިއަދު ފަރުނުޖެއްސޭނެކަން ރައީސް ނަޝީދަށް ހަނދާންކޮށްދޭ ކަަމަށެވެ.

ކޮވިޑް ކާރިސާ ފެށުނީއްސުރެ ސަރުކާރުން ހަދަމުންދާ އިގްތިސާދީ ބޮޑެތި ގޯސްތަކުގެ ސަބަބުން، އެއްވެސް ލޯނެއް ނުދެއްކޭނެކަމަށް ވާނަމަ، އެ ލޯނުތައްވެސް ޗައިނާއިން ފަސްކޮށްދޭނެކަމަށް ވަނީ މިހާރުވެސް ހާމަކޮށްފައެވެ.

"ރާއްޖެއަށް އެކަންޏެއް ނޫން. ހުރިހާ ގައުމަކަށްވެސްމެ. ދުނިޔޭގައި މިއަދު އޮތް އެންމެ ބޮޑު އިގްތިސާދަށް އެއީ އަސަރެއްކުރާނެވަރުގެ ކަމެއްވެސް ނޫން. ވީމާ، މިފަދަ ދަނޑިވަޅެއްގައި އިތުރު ދަރަނި ދިވެހިންގެ ބޮލުގައި އަޅުވައިގެން ސިޔާސީ ފައިދާއަށާއި ފަސާދައަށް ބަޖެޓުގެ ބޮޑުބައެއް ކަނޑައަޅަށް ގަސްދުކޮށް، ބަހަނާއެއްގެ ގޮތުގައި ޗައިނާގެ ލޯނުގެ ވާހަކަ ދައްކަން ޖާގައެއް ނޯންނާނެ. އިގްތިސާދު ފޫދިޔައީ އެމްޑީޕީގެ ހިންގުމުގެ ހުނަރާއި، އިޙްލާސްތެރިކަމާއި، ގާބިލުކަމާއި، ތަޖުރިބާ އަދި ރޭވުންތެރިކަން ނެތުމުން."
ޕީޕިއެމް

ސަރުކާރުގެ އިހުމާލުން ވިއަސް، ދިވެހި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ކޮންމެ ހިނދެއްގައި، ޕީޕީއެމް އިން ދާނީ ރައްޔިތުންގެ ހައްގުގައި އެކި ފަރާތްތަކާ މަޝްވަރާކޮށް، ގާއިމުވެފައިވާ އިތުބާރުގެ ގުޅުންތަކުގެ ތެރެއިން މައްސަލަތައް ހައްލުކުރަމުން ކަމަށާއި އެގޮތުން، ޗައިނާގެ ލޯނުތަކުގެ ވާހަކަވެސް އެފަރާތުގައި ދަންނަވައިގެން ފަސްކުރަންޖެހޭނަމަ، އެކަން އެ ޕާޓީން ފަސޭހަކަމާއެކު ކުރެވޭނެ ކަމަށްވެސް ޕީޕީއެމުން ބުނެއެވެ.