އުރީދޫ މޯލްޑިވްސްއިން "އާޗާ ޕްރިޕެއިޑް" ގެ ނަމުގައި ރާއްޖެއަށް މުޅިން އައު ޕްރިޕެއިޑް ޕްލޭންތަކެއް ތާރަފް ކޮށްފިއެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންސްއަކީ އެއްފަހަރު ރީޗާރޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭންތަކެކެވެ.

ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބޭ އާޗާ ޕްރިޕެއިޑް ޕްލޭންތައް ވަނީ 12 މަސް، 6 މަސް އަދި 3 މަހަށް ބަހާލާފައެވެ.

މި ޚިދުމަތާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ، އަލަށް ތާރަފްކުރެވުނު ޕްރިޕެއިޑް ޕްލޭންސް، "އާޗާ ޕްރިޕެއިޑް" އަކީ ޕްރިޕެއިޑް ގެންގުޅޭ ފަރާތްތަކަށް ގިނަ ފައިދާތަކެއް ލިބޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ ޕްލޭންތަކެއް ކަމަށެވެ.

އާޗާ ޕްރިޕެއިޑް އެކްޓިވޭޓް ކޮށްލުމުން އެއްފަހަރު ރިޗާރޖް ކޮށްލައިގެން 3 މަހަށް، 6 މަހަށް ނުވަތަ 12 މަހަށް ލުއިފަސޭހަ ކަމާއެކު ޑޭޓާ އެލަވަންސް، އަންލިމިޓަޑް އުރީދޫ ކޯލްސް އަދި ހިލޭ އެސްއެމްއެސް ކޮންމެ މަހަކު އާވެ، މެދުކެނޑުމެއްނެތި އާއިލާއާއި ރައްޓެހިންނާއެކު އޮންނަ ގުޅުން ބަދަހިކޮށް، އެހެނިހެން ކަންކަން ކުރުމަށްވެސް މަގުފަހިވެގެން ދާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ މިފަދަ އިޖާދީ ތަފާތު ޕްރޮޑަކްޓްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދީ، އިތުރު ލުއިފަސޭހަކަމާއެކު ގިނަ ފައިދާތަކެއް ލިބޭ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭ ކަމަށެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޕެންޑަމިކް އާއި ގުޅިގެން އިންޓަނެޓް ބޭނުން ކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، ޢާންމު ދިރިއުޅުމުގައި އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކުރުމާއި، އޮފީސް މަސައްކަތާއި، ދަރިވަރުންގެ ކިޔެވުން ކުރިޔަށް ގެންދިއުމާއި އެހެނިހެން ކަންކަމުގައި އިންޓަނެޓްގެ މުހިންމުކަން އެތައް ގުނައެއް އިތުރުވެފައިވާ މިދަނޑިވަޅުގައި، އާޗާ ޕްރިޕެއިޑް ޕްލޭން ތައާރަފް ކުރެވިފައިވަނީ، ޕްރިޕެއިޑް ބޭނުންކުރައްވާ ފަރާތްތަކަށް ހެޔޮ އަގުގައި ގިނަ ފައިދާތަކެއް ފޯރުކޮށްދިނުމުގެ ގޮތުންކަމަށް އުރީދޫއިން ބުނެއެވެ.