ނިއުޒީލެންޑްގެ ފުލުހުންގެ ރަސްމީ ޔުނިފޯރމްގައި ބޭނުންކުރުމަށް ބުރުގާ ތައާރަފް ކޮށްފިއެވެ.

ނިއުޒީލެންޑް ފުލުހުންގެ ރަސްމީ ޔުނިފޯމަށް ބުރުގާ ތައާރަފްކުރީ، ނިއުޒީލެންޑްގެ މުސްލިމް އަންހެނުން ފުލުހުންގެ ޚިދުމަތާ ގުޅުމަށް ހިތްވަރު ދިނުމުގެގޮތުން ކަމަށް ވެއެވެ.

ބުރުގާ ތައާރަފް ކުރުމާއެކު، ނިއުޒީލެންޑް ފުލުހުންގެ ތެރެއިން އެންމެ ފުރަތަމަ ބުރުގާ އަޅާފައިވަނީ ކޮންސްޓަބްލް ޒީނާ އަލީއެވެ.

ފުލުހުންގެ ތަރުޖަމާނެއް ވިދާޅުވީ، ނިއުޒީލެންޑަކީ ތަފާތު ނަސްލުތަކާއި ދީންތަކުގެ މީހުން ދިރިއުޅޭ މުޖުތަމައެއް ކަމުން، ފުލުހުންގެ ރަސްމީ ޔުނީފޯމަށް ބުރުގާ ތައާރަފްކުރީ، ފުލުހުންގެ ޚިދުމަތަކީވެސް އެންމެނަށް ބައިވެރިވެވޭ ޚިދުމަތަކަށް ހެދުމުގެ މަގްސަދުގައި ކަމަށެވެ.

ނިއުޒީލެންޑް ފުލުހުންގެ ރަސްމީ ޔުނިފޯމަށް ބުރުގާ ތައާރަފްކުރި އިރު، އިނގިރޭސިވިލާތުގެ ލަންޑަންގެ ފުލުހުންނާއި، ސްކޮޓްލެންޑް ފުލުހުންގެ ޚިދުމަތަށްވެސް ބުރުގާ ތައާރަފް ކޮށްފައި ވެއެވެ.

ލަންޑަން ފުލުހުންގެ ޔުނިފޯމަށް ބުރުގާ ތައާރަފްކުރީ 2006 ވަނަ އަހަރުއެވެ. ސްކޮޓްލެންޑް ފުލުހުންގެ ޔުނިފޯމަށް ބުރުގާ ތައާރަފްކުރީ 2016 ވަނަ އަހަރުއެވެ.

ނިއުޒީލެންޑުން ބުނެފައިވަނީ، ފުލުހުންގެ ރަސްމީ ޔުނިފޯމަށް ބުރުގާ ތައާރަފްކުރުމުގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.

ޔުނިފޯމާއެކު ބުރުގާ އެޅުމުގެ ހުއްދަ ދިނުމަށް އެންމެ ފުރަތަމަ އެދުނީވެސް ފުލުހުންގެ ޚިދުމަތުގައި އުޅޭ ކޮންސްޓަބްލް ޒީނާ އަލީ ކަމަށް ވެއެވެ. އެހެންވެ، ފުލުހުންގެ ރަސްމީ ޔުނީފޯމަށް ބުރުގާއެއް ތައާރަފްކުރުމަށް ކުރެވުނު ހުރިހާ މަސައްކަތެއްގައިވެސް ޒީނާ އަލީ ބައިވެރިވި ކޮށްފައި ވެއެވެ.

ކޮންސްޓަބަލް ޒީނާއަކީ ފީޖީއަށް އުފަން މީހެކެވެ. އޭނާ ނިއުޒީލެންޑަށް ދިރިއުޅުން ބަދަލުކުރުމަށްފަހު ފުލުހުންގެ ޚިދުމަތާ ގުޅެން ނިންމީ، ކްރިސްޗާޗް މިސްކިތްތަކަށް ދެވުނު ހަމަލާގެ ފަހުންނެވެ.