އިނގިރޭސިވިލާތުގެ ބްރިޓިޝް ފެޝަން ކައުންސިލްގެ އެމްބެސެޑަރުކަމަށް މަޝްހޫރު ފިލްމީތަރި ޕްރިޔަންކާ ޗޯޕްރާ ހޮވިއްޖެއެވެ.

ބޮލީވުޑުގެ އިތުރުން ހޮލީވުޑުގައިވެސް މިހާރު ފައިތިލަ ސާބިތުކޮށްފައިވާ ހުނަރުވެރި ބަތަލާ މިކަން އިއުލާނުކޮށްފައިވަނީ އޭނާގެ އިންސްޓަރގްރާމް އަދި ޓްވިޓަރ އެކައުންޓް މެދުވެރިކޮށެވެ.

ޕްރިޔަންކާ ބުނެފައިވާގޮތުގައި ކުރިއަށްއޮތް އަހަރެއްހާ ދުވަހު އޭނާގެ މަސައްކަތް ހުރިގޮތުން ވަރަށް ގިނަ ދުވަސް ހޭދަކުރާނީ އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.

އޭނާގެ ކެރިއަރަށް އިތުރުވި މިޒިންމާ ވީ އެންމެ ފުރިހަމައަށް އަދާކުރެވޭތޯ އޭނާ މަސައްކަތް ކުރާނެކަމަށް ބުނެފައި ވެއެވެ.

ފެޝަން ދާއިރާއަކީ އަބަދުވެސް އޭނާ ވަރަށް ގަޔާވާ ދާއިރާއެއް ކަމަށާއި، އޭނާ ގަބޫލުކުރާގޮތުގައި އެކި ގައުމުތަކުގެ ދެމެދުގައިވާ ގުޅުން ވަރުގަދަ ކުރުމަށް އެގައުމުތަކުގެ އާދަކާދަ ވަރަށްބޮޑު ރޯލެއް އަދާކުރެއެވެ.

ޕްރިޔަންކާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ދަ މެޓްރިކްސް 4، ދަ ވައިޓް ޓައިގަރ އަދި ވީކޭންބީ ހީރޯސް ހިމެނެއެވެ.

މީގެއިތުރުން އޭނާ އަންނަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ގްރެމީ އެވޯޑުގެ ހައްގުވެރިޔާ ސެލީން ޑިއޯންއާއެކު ކުޅުމަށް ހަމަޖެހިފައިވާ ފިލްމުގެ މަސައްކަތަށް ތައްޔާރުވަމުންނެވެ.