ސްރީލަންކާގެ ކުރީގެ ފިޝަރީޒް މިނިސްޓަރ، ޕްރެސް ކޮންފަރެންސެއްގައި ރޯމަސް ފަރީއްކުޅުއްވައިފިއެވެ.

ސްރީލަންކާ ސަރުކާރުގެ ކުރީގެ ފިޝަރީޒް މިނިސްޓަރ ދިލިޕް ވެޑާރައްޗީ، ލައިވް ޕްރެސް ކޮނފަރެންސްގައި ރޯމަސް ފަރީއްކުޅުއްވީ، ކޮވިޑްބަލި ޖެހިދާނެ ކަމުގެ ބިރަށް ސްރީލަންކާގެ އާންމުން މާރުކޭޓުން ރޯމަހާއި، ސީފުޑްގެ ބާވަތްތައް ގަތުން ހުއްޓާލާފައިވާ މައްސަލާގައި މަސް ކެއުމަށް އާންމުންނަށް ހިތްވަރުދީ އެކަން ޕްރޮމޯޓް ކުރެއްވުމުގެ ގޮތުންނެވެ.

ސްރީލަންކާގެ ވެރިރަށް ކޮޅުނބުގެ ރަށްބޭރުގައި ހުންނަ ސެންޓްރަލް ފިޝް މާކޭޓަކީ އެ ގައުމުގެ އެންމެބޮޑު ރޯމަސް މާރުކޭޓެވެ.

އެތަނުގައި މަސައްކަތްކުރާ އެތައްބަޔަކު މިދިޔަމަހު ޕޮޒިޓިވްވެ، އަދި މާރުކޭޓަށް ދިޔަ އެތައްބަޔަކު ސްރީލަންކާގެ އެކި ހިސާބުތަކުން ޕޮޒިޓިވް ވުމާ ގުޅިގެން އާންމުންވަނީ މާރުކޭޓާ ދުރުހެލިވެފައެވެ.

ކޮވިޑަށް ބިރުން އާންމުން މާރުކޭޓަށް ނުދިއުމާއި، ކަނޑުމަހާއި، ފަރުމަހާއި، ސީފުޑްގެ ބާވަތްތައް ގަތުމާއި އަދި މަހުގެ ބާވަތްތައް ކެއުންވެސް އާންމުން ހުއްޓާލުމާ ގުޅިގެން މާރުކޭޓުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެންވެ، ކުރީގެ ފިޝަރީޒް މިނިސްޓަރ ދިލިޕް ވެޑާރައްޗީ، ނޫސް ކޮންފަރެންސެއްގައި ރޯމަސް ފަރީއްކުޅުއްވީ މަސް ކެއުމަކީ ބަލީގެ ނުރައްކާ އޮތްކަމެއް ނޫންކަން އަންގައި، އާންމުންނަށް ހިތްވަރު ދެއްވުމުގެ ގޮތުންނެވެ.

ދިލިޕް ވެޑާރައްޗީ ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި އުޅޭމީހުންނަށް މިހާރު މަހެއް ނުވިއްކޭ ކަމަށާއި، ސަބަބަކީ ސްރީލަންކާގެ ރައްޔިތުން މިހާރު މަސް ނުކާތީ ކަމަށެވެ.

"އަޅުގަނޑު މިގައުމުގެ ރައްޔިތުންގެ ކިބައިން އާދޭހާއެކު ދަންނަވަން މަސްކާން. ބިރު ނުގަތުމަށް. މަސް ކެއުމަކުން ކޮވިޑް ބައްޔެއް ނުޖެހޭނެ"
ދިލިޕް ވެޑާރައްޗީ

ކުޑަ ރޯމަހެއްގައި ދަތްއެޅުމުގެ ކުރިން ކުރީގެ ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ. ބެލެވޭގޮތުގައި އޭނާ ދަތްއަޅުއްވަނީ މުޝިމަހެއްގައެވެ. ނުވަތަ ލައްޓިއެކެވެ. އަދި އޭގެން އެތިކޮޅެއް ހަފާތަންވެސް އާންމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ.