އެމެރިކާގެ ސްޓޭޓްތަކުން، ރިޔާސީ އިންތިޚާބުގެ ވޯޓުގެ ފައިނަލް ނަތީޖާޝީޓު ހަދަން ފަށައިފިއެވެ.

މިއީ، ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅަކު ރަސްމީގޮތުން ކަނޑައެޅުމުގެ ފުރަތަމަ މަރްހަލާއެވެ.

ސްޓޭޓްތަކުގައި ވޯޓު ގުނަމުންދިޔައިރު، ރިޔާސީ އިންތިޚާބު ޖޯ ބައިޑެން ކާމިޔާބު ކުރައްވައިފި ކަމަށް އެމެރިކާގެ މީޑިއާއިން ޕްރޮޖެޓް ކޮށްފައިވަނީ ނޮވެމްބަރުމަހުގެ 7 ވަނަ ދުވަހުއެވެ.

އެހެން ނަމަވެސް، އިލެކްޓޯރަލް ކޮލެޖް ނިޒާމުގެ ދަށުން، ސްޓޭޓްތަކުން އެ ސްޓޭޓްގައި ލީ ވޯޓުގެ ރަސްމީ ނަތީޖާ ޑިސެމްބަރު 8 ގެ ކުރިން އާންމުކުރަން ޖެހެއެވެ. އެއީ، އެ ސްޓޭޓްތަކުން ކަނޑައެޅުނު "އިލެކްޓަރސް" ފައިނަލް ކުރުމަށްޓަކައެވެ.

އެމެރިކާގެ ރައީސް އިންތިޚާބު ކުރުމަށް "އިލެކްޓަރސް" ބައްދަލުވެ ވޯޓުލާނީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އާންމުގޮތެއްގައި އެ ސްޓޭޓަކުން ކަނޑައެޅޭ "އިލެކްޓަރސް" ވޯޓުލާނީ އެ ސްޓޭޓެއްގެ އިލެކްޓޯރަލް ކޮލެޖް ވޯޓު ކާމިޔާބު ކުރެއްވި ކެންޑިޑޭޓަކަށެވެ.

"އިލެކްޓަރސް" ގެ ވޯޓު އެމެރިކާގެ ކޮންގްރެސްއިން އެޕްރޫވް ކުރާނީ ޖެނުއަރީމަހުގެ 6 ވަނަ ދުވަހު ބާއްވާ ޖަލްސާގައެވެ. އެއީ، އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގަންނަވާ ބޭފުޅަކު ޖެނުއަރީމަހުގެ 20 ގައި މަގާމުގެ ހުވާ ކުރެއްވުމުގެ 2 ހަފްތާ ކުރިއެވެ.

އެމެރިކާގެ ނިޒާމު އޮންނަގޮތުން، ރައީސްކަމަށް ބޭފުޅަކު އިންތިޚާބު ކުރަނީ ސީދާ ރައްޔިތުންގެ ވޯޓަކުން ނޫނެވެ. ރައީސްކަމަށް ވަޑައިގަންނަވަނީ އެންމެ ގިނަ އިލެކްޓޯރަލް ކޮލެޖް ވޯޓު ކާމިޔާބު ކުރައްވާ ބޭފުޅެކެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވަނީ 270 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.

އެމެރިކާގެ މީޑިއާއިން މިހާތަނަށް ޕްރޮޖެކްޓް ކޮށްފައިވަނީ ޖޯ ބައިޑެން 306 އިލެކްޓޯރަލް ކޮލެޖް ވޯޓު ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ. ރައީސް ޑޮނަލްޑް ޓްރަމްޕަށް ކާމިޔާބު ކުރެއްވުނު ކަމަށް ޕްރޮޖެކްޓް ކޮށްފައިވަނީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.

ބައިޑެންއަށް 306 އިލެކްޓޯރަލް ވޯޓުވަނީ ޖޯޖިއާގެ 16 ވޯޓުވެސް ލައިގެންނެވެ.

ނަމަވެސް، ޖޯޖިއާގެ ހުރިހާ ވޯޓެއް އަލުން ގުނަމުންދާތީ ބައެއް މީޑިއާތަކުން އެ ސްޓޭޓްގެ އިލެކްޓޯރަލް ވޯޓާމެދު ގޮތެއް ނުނިންމައެވެ. އެ މީޑިއާތަކުގެ ޕްރޮޖެކްޓް ބުނާގޮތުން ބައިޑެންއަށް ލިބިވަޑައިގެންފައިވަނީ 290 ވޯޓެވެ. ޓްރަމްޕަށް 232 ވޯޓެވެ.

ޖޯޖިއާ ވޯޓުގައި ކުރިންވެސް ބައިޑެން ކުރީގައި އުޅުއްވުމާއެކު އަލުން ވޯޓު ގުނިޔަސް، އެ ސްޓޭޓް ކާމިޔާބު ކުރައްވާނީ ބައިޑެންކަމަށް މީޑިއާއިން އަދިވެސް ގެންދަނީ ބުނަމުންނެވެ.

ޖޯޖިއާ ވޯޓުން ބައިޑެން ދެންވެސް ކުރި ހޯއްދަވާނެކަން ގައިމުވުމާއި، ސްޓޭޓްތަކުން އިންތިޚާބުގެ ރަސްމީ ނަތީޖާޝީޓް ހަދަން ފަށާފައި ވީނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދިވެސް ގެންދަވަނީ ބަލި ގަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވަމުންނެވެ.

ނުވިތާކަށް، ޓްރަމްޕްގެ ކެމްޕެއިނުން ވަނީ، ވޯޓުގެ ނަތީޖާއާ ދެކޮޅަށް އެންމެ ވާދަވެރިކޮށްދިޔަ ސްޓޭޓްތަކުގެ ކޯޓުތަކަށް ގާނޫނީ ގިނަ މައްސަލަތައްވެސް ވައްދާފައެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުގައި ގާނޫނާ ޚިލާފް ކަންތައްތަކާއި، މަކަރުހެދުމުގެ ގިނަ ކަންތައްތައް ހިނގާފައިވާ ކަމަށް ރައީސް ޓްރަމްޕާއި، އޭނާގެ އެހީތެރިން ތުހުމަތު ކުރެއްވި ނަމަވެސް، އެ ތުހުމަތުތަކަށް ބާރުލިބޭ އެއްވެސް ހެއްކެއް އެ ބޭފުޅުންނަކަށް ކޯޓުތަކަށް ދެއްކިފައެއް ނުވެއެވެ.