ގައުމީ އެއާލައިން މޯލްޑިވިއަންއިން ބާއްވާ ރިޕެޓްރިއޭޝަނ ފްލައިޓުން އަނެއްކާވެސް އިތުރު 200 ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، އަނބުރާ ގައުމަށް ދާން ބޭނުންވާ ބިދޭސީން ގައުމަށް ފޮނުވުމުގެ މަސައްކަތް މޯލްޑިވިއަންއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިދިޔަ އަހަރުން ފެށިގެން ކުރަމުންދާއިރު، މި ފްލައިޓްތަކުން މިހާތަނަށް 8000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާފައިވާކަމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު މޯލްޑިވިއަންއިން ބުނެފައިވެއެވެ.

މިއަދު މޯލްޑިވިއަންއިން ކުރި ޓްވީޓެއްގައި ބުނީ، ބަންގްލަދޭޝްއަށް ނިސްބަތްވާ 200 މީހަކާއެކު މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓެއް މިއަދު ޑާކާއަށް ދަތުރުކޮށްފައިވާ ކަމަށެވެ.

ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށްގެންދާ ވޮލަންޓްރީ ރިޕެޓްރިއޭޝަން ޕްރޮގްރާމުގެ ދަށުން ފޮނުވި މީހުންގެ ތެރޭގައި ކޮވިޑް-19ގެ ސަބަބުން ގައުމުތަކުގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ގައުމަށް އަނބުރާ ދާން ބޭނުންވެފައިތިބި އިންޑިއާ، ލަންކާ، ނޭޕާލް، ފިލިޕންސް، ތައިލެންޑް އަދި އިންޑޮނޭޝިއާ މީހުންވެސް ހިމެނެއެވެ.

އެހެންނަމަވެސް ބޯޑަރުތައް އަލުން ހުޅުވާލުމާއި ގުޅިގެން ދިވެހި ސަރުކާރުގެ އެހީގައި މިހާރު ފޮނުވަމުންދަނީ ހަމައެކަނި ގަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުންނެވެ.

އެގޮތުން މިހާތަނަށް ޤައުމީ އެއަލައިނުން ވަނީ މީހުން ފޮނުވުމަށް 42 ފްލައިޓު ބާއްވާފައެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެކުރިން 20000 އާ ގާތްކުރާ އަދަދަކަށް މީހުން އަނބުރާ ގައުމަށް ފޮނުވާލުމެވެ.

ރާއްޖޭގައި ތިބި ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަނީ އެގައުމުތަކުގެ ސަރުކާރުތަކާއި ގުޅިގެން ކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފައެވެ.

ބިދޭސިން އަނބުރާ ފޮނުވާލާއިރު އެމީހުންގެ ޕޮލިސް ރިޕޯޓު ބަލާ ކަމަށާއި އެމީހުން ފޮނުވާލަނީ ހައިކޮމިޝަނުން ހޯދަންޖެހޭ ލިޔުންތައްވެސް ހޯދުމަށްފަހު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މީގެކުރިން ވިދާޅުވެފައެވެ.