30 އަހަރަށްފަހު، ސައުދީ އަރަބިއްޔާ-އިރާގު އެއްގަމު މަގުން ގުޅޭ ސަރަހައްދީ އިން ހުޅުވާލައިފިއެވެ.

"އަރާރް" ކްރޮސިންގ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިރާގުގެ ދާޚިލީ ވަޒީރާއި، ސަރުކާރުގެ އިސް އޮފިޝަލުންގެ އިތުރުން، ބޯޑަރ ކޮމިޝަންގެ ވެރިޔާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތަށް ސައުދީ އަރަބިއްޔާއިންވެސް ވަފުދެއް ދިޔައެވެ.

ދެގައުމުން ވަޑައިގެންނެވި ބޭފުޅުންވަނީ، ސަރަހައްދީ އިމުގައި ގާއިމްކޮށްފައިވާ ދޮރާށި ރަސްމީގޮތުން ހުޅުވުމުގެގޮތުން ރަތް ރިބަން ކަނޑުއްވާފައެވެ. ހުރިހާ ބޭފުޅުންވެސް ތިއްބެވީ މާސްކް އަޅުއްވައިގެންނެވެ.

އަރާރް ދޮރާށި ހުޅުވި ވަގުތު، ދެގައުމުގެ ކާގޯ ޓްރަކްތައް ތިބީ ސަރަހައްދީ އިން ހުރަސްކޮށް ދަތުރުކުރުމަށް ސަފުހަދައިގެން ތައްޔާރަށެވެ.

މިއީ. ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގާތް ގުޅުންތައް އަލުން ގާއިމްކުރުމަށް ނިންމާފައިވާ ނިންމުންތަކުގެ ދަށުން ފަހިވެގެންދިޔަ ކަމެކެވެ.

އަރާރު ހުރަސްކޮށް އެއްގައުމުން އަނެއް ގައުމަށް މުދާ އެތެރެކުރުމުގެ އިތުރުން، މީހުންނަށްވެސް ދަތުރުކުރެވޭގޮތް ވަނީ ހަދާފައެވެ.

ސައުދީ އަރަބިއްޔާއިން އިރާގާ ސިޔާސީ ގުޅުން ކަނޑާލީ 1990 ވަނަ އަހަރުއެވެ. އެއީ، އިރާގުގެ އޭރުގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަމުގައި ކުވައިތަށް އަރައި ކުވައިތު ހިފުމާ ގުޅިގެންނެވެ.

އޭގެފަހުން ސައުދީ އަރަބިއްޔާއާއި އިރާގުގެ ގުޅުންއޮތީ ކިއްސަރު ގޮތަކަށެވެ.

އެހެން ނަމަވެސް، އިރާގުގެ މިހާރުގެ ބޮޑުވަޒީރު މުސްތަފާ އަލް-ޚާދިމީއަކީ ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުހަންމަދު ބިން ސަލްމާންއާ ވަރަށް ގާތް ގުޅުންތަކެއް އޮންނަ ބޭފުޅެއް ކަމަށް ވެއެވެ.

އިރާގުގެ ބޮޑުވަޒީރު މުސްތަފާ، މަގާމާ ހަވާލުވެވަޑައިގެން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަހަރުގެ މެއިމަހު ވަޑައިގަތުމަށް ހަމަޖެހުނީވެސް ސައުދީ އަރަބިއްޔާއަށެވެ. ނަމަވެސް، އެދުވަސްވަރާ ދިމާކޮށް ސައުދީ ރަސްގެފާނު ސަލްމާން، އާލާސްކަންފުޅެއް ޖެހިވަޑައިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ ގުޅިގެން ދަތުރުފުޅު ކެންސަލްކުރެއްވީއެވެ.

ބޮޑުވަޒީރު މުސްތަފާގެ ސައުދީ ދަތުރުފުޅު ކުރިއަށް އޮތްއިރު، އިރާގުގެ ސަރުކާރުގެ އެތައް ވަޒީރުންނެއް މިހާރުވެސް ވަނީ ސައުދީއަށް ވަޑައިގެންފައެވެ. އަދި ސައުދީ ސަރުކާރުގެ އިސް ވަފުދެއް މިދިޔަ ހަފްތަގައިވެސް އިރާގަށް ގޮސްފައި ވެއެވެ.

އިރާގުގެ އިރުމަތީ ފަޅިން ސައުދީއާ ގުޅޭ އިމުގެ އަރާރު ދޮރާށި ހުޅުވިއިރު، އިރާގުން އުންމީދު ކުރަމުންދަނީ އިރާގުގެ ދެކުނުން ސައުދީ އަރަބިއްޔާގެ އިމުގެ އަލް-ޖުމައިނާ ދޮރާށި ވަރަށް އަވަހަށް ހުޅުވުމަށެވެ.

މިމަގުތައް ހުޅުވުމުގެ ސަބަބުން އިރާގަށް އެތެރެކުރެވޭ މުދަލުގެ އަދަދު އިތުރުވެގެން ދާނެކަމަށް އިރާގުން އުންމީދު ކުރެއެވެ.