2021 ވަނަ އަހަރަށް ލަފާކޮށް އިކޮނޮމިކް މިނިސްޓްރީއަށް ކަނޑައަޅާފައިވާ ބަޖެޓުން، ސަރުކާރުގެ ސްޓްރެޖެޓިކް އެކްޝަން ޕްލޭންގައި ހިމެނޭ 5 މަސައްކަތެއް އަންނަ އަހަރުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޔޫސުފް ރިޒާ ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓު ކަނޑައަޅާފައިވާއިރު، އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކަށް ލަފާކޮށް ކަނޑައަޅާފައިވަނީ 425 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ.

މި ބަޖެޓު 4 ކެޓެގެރީއަކަށް ބަހާލެވޭނެ ކަމަށާއި، މިކެޓެގެރީގައި އިކޮނޮމިކް މިނިސްޓްރީގެ މިހާރުގެ މަސައްކަތްތަކާއި، މުޅިން އަލަށް ފަށާ މަސައްކަތްތައް ހިމެނޭކަމަށް ރިޒާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މުޅިން އަލަށް 5 މަޝްރޫއެއް ފެށަން ރާވާފައިވާ ކަމަށެވެ.

އެގޮތުން އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުން ބަޖެޓުގެ ތެރެއިން ކުރަން ނިންމާފައިވާ މަސައްކަތަކީ ސަރުކާރުން ވިޔަފާރިތަކަށްދޭ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށް ރިޒާ ވިދާޅުވިއެވެ.

މިއީ ސަރުކާރުގެ ސްްރެޓެޖިކް އެކްޝަން ޕްލޭންގައި ވަރަށް މުހިއްމު މަސައްކަތެއްގެ ގޮތުން ފާހަގަކުރެވިފައިވާ މަސައްކަތެއްކަން ފާހަގަކުރައްވައި ރިޒާ ވިދާޅުވީ، މި މަސައްކަތަކީ މީގެކުރީ ސަރުކާރުތަކުންވެސް ކުރަން ރާވައި، އެހެންނަމަވެސް ނުވެ އޮތް ބޮޑު މަސައްކަތެއް ކަމަށެވެ.

ރިޒާ ވިދާޅުވީ ވިޔަފާރިތަކުން، ވިޔަފާރިއާ ގުޅުންހުރި އެކި ހުއްދަތައް ނެގުމަށް ސަރުކާރުގެ އެކި ވުޒާރާތަކަށް ދާން ޖެހުމަކީ ވިޔަފާރިތަކަށް ވަރަށް ދަތި ކަމަކަށް ވެފައިވާ ކަމަށެވެ.

އެހެންކަމުން ވިޔަފާރިތަކަށް ދޭ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުކޮށް އެއްތަނަކުން ވިޔަފާރިއާ ގުޅުންހުރި ހިދުމަތްތައް ލިބޭނެ ނިޒަމެއް ގާއިމުވެގެން ދިއުމަކީ ވިޔަފާރިތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެއްކަމަށް ރިޒާ ވިދާޅުވިއެވެ. އަދި އުންމީދަކީ 2023 ނުވަތަ 2024 އާ ހަމައަށް މިމަސައްކަތް އެއްކޮށް ނިންމާލުން ކަމަށް ރިޒާ ވިދާޅުވިއެވެ.

މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން. މިއަންނަ އަހަރުވެސް އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް މީގެ މަސައްކަތްތަކެއް ކުރެވޭނެ. އަންނަ އަހަރުން ފެށިގެން ސަރުކާރުގެ ގުޅުންހުރި ހުރިހާ ދާއިރާއަކާއެކު އަޅުގަނޑުމެން މަސައްކަތް ފަށާނަން.
ޔޫސުފް ރިޒާ

މީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ ރާއްޖޭގެ މެއިންސްޓްރީމް އިކޮނޮމިކް އެކްޓިވިޓީއަށް ހެދުމަށް އެދާއިރާ އިތުރަށް ތަރައްގީކުރުމުގެ ގިނަ މަސައްކަތްތަކެއްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަމަށް ރިޒާ ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފަ އޮންނަ މިންވަރު ކުޑަކޮށް، ދިވެހި ދަނޑުވެރިން ހައްދާ ތަކެއްޗަށް ރަނގަޅު މާކެޓެއް ހޯދައިދިނުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ރިޒާ ވިދާޅުވިއެވެ.

އަދި ދިވެހި ދަނޑުވެރިން އުފައްދާ ބާވަތްތަކުގެ ތަކެތި ރާއްޖެ އެތެރެކުރުންވެސް އެއްކޮށް ހުއްޓާލާނެ ކަމަށާއި، މިމަސައްކަތްތައް ކުރިއަށްގެންދާނީ އެގްރޯ ނޭޝަނަލްއާ ގުޅިގެން ކަމަށް ރިޒާ ވިދާޅުވިއެވެ.

އެގްރޯ ނޭޝަނަލްއިން ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުތަކުގައި ދަނޑުވެރިކަމުގެ ސާމާނު ރައްކާތެރިކަމާއެކު ސްޓޯކުރެވޭނެ ސްޓޯރޭޖް ފެސިލިޓީތައް ގާއިމްކުރުމާއި، ދަނޑުވެރިން އުފައްދާ ސާމާނު ކޮންސޮލިޑޭޓުކޮށް، ކޮންސޮލިޑޭޓުކުރެވޭ ސާމާނު މާކެޓާ ހިސާބަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން.
ޔޫސުފް ރިޒާ

މީގެ އިތުރުން މިހާރުވެސް އޮންލައިންކޮށް ދެމުންގެންދާ ޖޮބް ސެންޓަރުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ހުޅުމާލޭގައި ފިޒިކަލް ޖޮބް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރެވެވޭނެ ކަމަށްވެސް ރިޒާ ވިދާޅުވިއެވެ. ފިޒިކަލް ޖޮބް ސެންޓަރެއް ގާއިމްކުރެވުމުން އެތަނަށް ގޮސް ވަޒީފާއާބެހޭ މައުލޫމާތުތައް ހޯދުމާއި، ކެރިއަރ ގައިޑެންސް ސަޕޯޓްވެސް ލިބިގެންދާނެ ކަމަށް ރިޒާ ވިދާޅުވިއެވެ.

ފިޒިކަލް ޖޮބް ސެންޓަރެއް ގާއިމްކުރުމުގެ އިތުރުން ބިދޭސީ މަސައްކަތްތެރިން ރެގިއުލަރައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ފަރާތްތައް އުޅޭ ތަނެއް ހޯދުމަށްފަހު އަނބުރާ ގައުމަށް ފޮނުވާލުމުގެ ކުރިން އެމީހުން ބައިތިއްބާނެ ނިޒާމެއް ހަމަޖެއްސުންވެސް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރެވޭނެ ކަމަށް ރިޒާ ވިދާޅުވިއެވެ. މި މީހުން ބައިތިއްބާނެ އެކޮމޮޑޭޝަން ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމްކުރެވޭނެ ކަމަށް ރިޒާ ވިދާޅުވިއެވެ.

ބިދޭސީ މަސައްކަތްތެރިން ރެގިއުލަރައިޒްކުރުމުގެ އިތުރުން ވަޒީފާގެ މައިދާނުގައި ދިވެހިން މެނޭޖުކުރުމުގެ ގޮތުން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުންވެސް ބަޖެޓުގައި ހިމެނިގެން ކުރިއަށްދާނެ ކަމަށް ރިޒާ ވަނީ ވިދާޅުވެފައެވެ.

ރިޒާ ވިދާޅުވީ މިނިސްޓްރީން މުޅިން އަލަށް ފަށާ މަސައްކަތްތަކަށް މުޅިއެކު 201 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މުޅިން އަލަށް ފަށާ މަސައްކަތްތަކުގެ އިތުރުން މިހާރުވެސް ކުރަމުންދާ ބައެއް މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.