ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ކަމުނުގޮސްގެން އުޅެނީ ރައީސް އިބްރާހިމް މުހަންމަދު ސާލިހް ވެރިކަމުން ވައްޓާނުލެވިގެން އެކަމާ އުޅޭމީހުން ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައި ގަންނަވާ ޕޮލިޓިކަލް އެޕޮއިންޓީސް ތިއްބަވާ ވަޓްސްއަޕް ގްރޫޕެއްގައި ގާސިމް އިބްރާހިމް ޕޯސްޓްކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ ވަރަށް ރަނގަޅު ބަޖެޓެއް ކަމަށެވެ.

އެހެންޏާވެސް ބަޖެޓު ފާސްކުރަނީ ދަރަނިކޮށް ކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ.

ގާސިމް އިބްރާހިމްވަނީ، ބަޖެޓާ ގުޅޭގޮތުން މިހާރު އުފެދިފައިވާ ޝަކުވާތަކަށް ހައްލު ހޯދޭނޭ ގޮތްތަކާ ގުޅޭގޮތުން މެސެޖްގައި ޚިޔާލު ފާޅުކުރައްވާފައެވެ.

"މިބަޖެޓް ވަރަށް ރަނގަޅު. އެހެންޏާވެސް ފާސްކުރަނީ ދަރަނިކޮށް. ކުރަންވީ ކަމަކީ އެތެރޭގެ ދަރަނިތަކުގެ ތެރެއިން އެމްއެމްއޭއިން ނަގާފައިހުރި ހުރިހާ ދަރަނި ޒީރޯ ކުރަންވީ، ނޫނީ ރައިޓްއޮފް ކުރަންވީ. އެއީ، މި ދެ ދައުރުގެ ތެރޭގައި ވެފައިވާ ދަރަނި ކަމުގައި ނުވާތީއާއި. އެއީ 2005 ވަނަ އަހަރުން ފެށިގެން އަރަމުން އަންނަ ދަރަނިކަމުން އެ ރައިޓްއޮފް ކުރުމަކުން މިހާރު ދެން އަންނާނެ އިތުރު ނުބައެއް ނެތީމާ. އަދި މިގޮތަށް ދަރަނިކޮށް ފާސްކުރިޔަސް އެ ފައިސާ ލިބިގެންނޫނީ ޚަރަދު ނުކުރެވޭނެތާ ދޯ؟ ކޮންމެ އަހަރަކުވެސް ފާސްކުރާ ބަޖެޓްގައިވާ ހުރިހާ ފައިސާއެއް ނުލިބޭ އަދި ހަރަދެއްވެސް ނުކުރެވޭ ދޯ؟"
ގާސިމް އިބްރާހިމް

ގާސިމް އިބްރާހިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓް ތާށިކުރީމާ މުޅި ގައުމާއި، ރައްޔިތުން ޖެހޭނީ ބަނޑަށް ކަމަށާއި، މަޖިލީހުން ކުރަންއުޅޭ ކަމަކީ އެއީ ކަމަށާއި، އެހެން ހެދިގެން ނުވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ، މަޖިލީހުން ކުރަންވީ ކަމަކީ، ބޭރުން ނަގާފައިވާ ދަރަނި ދެއްކުމަށް އިތުރު މުއްދަތު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތަށް ފުރިހަމައަށް އެހީތެރިވުން ކަމަށެވެ. ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރު ނުވެގެން ލިބޭ ގެއްލުން ތަހައްމަލް ކުރަންޖެހޭނީ މުޅި ރައްޔިތުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"ވީމާ، ވަކި ގައުމަކާ ޖެހިނުގަނެ، ހުރިހާ ބަޔަކާއެކީ ވަރުގަދަ ގުޅުން ބާއްވައިގެން ވަކި ބައެއްގެ އައިދަށުނުވެ ކުރިއަށްދާންވީ މިދެންނެވި މަގުން. މިދެންނެވި ގޮތަށް ބަލާއިރު، މި ބަޖެޓް އަދިވެސް ކުޑައީ. މިއަދު ރައްޔިތުންނަށް އެހީވާންވީ ވެވުނު ގޮތަކުން ވެވުނު އެންމެ ބޮޑު އެހީތެރިކަމެއް. މިކަން ނުކޮށް ސަރުކާރާ ދިމާކުރަމުން ތިޔަގެންދަނީ އެއީ މުޅި ގައުމުގެ ހަލާކު، މުޅި ރައްޔިތުންގެ ހަލާކު"
ގާސިމް އިބްރާހިމް

ގާސިމް އިބްރާހިމް ވަނީ، ބަޖެޓު ފާސްކޮށްދެއްވައި، ސަރުކާރަށް ހެޔޮހިތުން އެހީތެރިވުމަށް މަޖިލީހަށް ގޮވާލައްވާފައެވެ.

ގާސިމްގެ މެސެޖުގައި ދިވެހި ގައުމަށާއި، ރައްޔިތުންނަށް ކުރިއެރުމާއި، އުފާވެރިކަމާއި ރޯޝަންކަން ދެއްވުންއެދި ދުއާކުރައްވާފައި ވެއެވެ.