އިސްރާއީލު ބޮއިކޮޓްކުރުމަށް ފަލަސްތީނު މީހުން ހިންގާ ހަރަކާތަކީ "ކެންސަރެއް" ކަމަށާއި، އެ ހަރަކާތާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭ ވިދާޅުވެއްޖެއެވެ.

މައިކް ޕޮމްޕޭ މިހެން ވިދާޅުވީ، އިސްރާއީލަށް މިއަދު ވަޑައިގެން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ބައްދަލު ކުރެއްވުމަށްފަހު، ނަތަންޔާހޫއާއެކު ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

ޕޮމްޕޭ ވިދާޅުވީ، އިސްރާއީލު ބޮއިކޮޓް ކުރުމުގެ ހަރަކާތަކީ ނަސްލީ ތަފާތުކުރުމުގެ ހަރަކާތެއް ކަމަށާއި، އެހެންކަމުން، އެ ހަރަކާތް ޣައިރުގާނޫނީ ކުރުމަށް ދުނިޔޭގެ ގައުމުތަކާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅާނޭ ކަމަށެވެ.

ޕޮމްޕޭ ވިދާޅުވީ، އިސްރާއީލު ބޮއިކޮޓްކުރުމުގެ ހަރަކާތަކީ ކޮންކަހަލަ "ކެންސަރެއްކަން" ދުނިޔެއަށް ހާމަކޮށްދެއްވާނެ ކަމަށެވެ.

އިސްރާއީލު ބޮއިކޮޓްކުރުމުގެ ހަރަކާތް، ބީޑީއެސްއަކީ ފަލަސްތީނު ރައްޔިތުން އަމިއްލައަށް އިސްނަގައިގެން ހިންގާ ހަރަކާތެކެވެ.

މިއީ، ފަލަސްތީނު ރައްޔިތުންނަށް ހަމަހަމަ ހައްގުތައް ދިނުމަށާއި، އަމިއްލަ ބިމުން ބޭރުކޮށްލެވިފައިވާ ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމަށް އެނބުރި އައުމުގެ ހައްގު ދިނުމަށް އިސްރާއީލަށް އިގްތިސާދީގޮތުން ފިއްތުންތައް ކުރިމަތިކުރުމަށް ހިންގާ ސުލްހަވެރި ހަރަކާތެވެ.

ދެކުނު އެފްރިކާގައި އުފެދުނު ނަސްލީ އިމްތިޔާޒާ ދެކޮޅު ހަރަކާތް ނަމޫނާއަކަށް ބަލައިގެން ފަލަސްތީނު ރައްޔިތުން ފެށި، އިސްރާއީލު ބޮއިކޮޓްކުރުމުގެ ހަރަކާތަށް މުޅި ދުނިޔޭގެ އެތައްބައެއްގެ ތަރްހީބު ލިބިފައި ވެއެވެ.

އެގޮތުން، ސީދާ ގޮތުންނާއި، ނުސީދާގޮތުން އިސްރާއީލާ ގުޅުން އޮންނަ ވިޔަފާރިތައް ބޮއިކޮޓްކުރުމާއި، ތައުލީމާއި ޘަގާފަތާ ގުޅުންހުރި އެހެނިހެން ހަރަކާތްތައްވެސް ބޮއިކޮޓްކުރުމުގެ ހަރަކާތްތައް ދުނިޔޭގައި ހިނގަމުންދެއެވެ.

ދުނިޔޭގެ ބޮއިކޮޓްކުރުމާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކުގެ ތެރޭގައި، އިސްރާއީލުން ގަވާއިދާ ޚިލާފަށް ހަދާފައިވާ ޔަހޫދީ އާބާދީތަކާ ގުޅުންހުރި ކުންފުނިތަކާއި، އިސްރާއީލަށް ޚިދުމަތްތައްދޭ ކުންފުނިތަކާއި، ފަލަސްތީނުގެ ބިމުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ ކުންފުނިތަކާއި، ކުޑަ އަގެއް ދީގެން ފަލަސްތީނު މީހުން ލޭބަރުންގެ ގޮތުގައި ގެންގުޅޭ ކުންފުނިތައްވެސް ހިމެނެއެވެ.

އދގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުން ބުނެފައިވަނީ، ޣައިރުގާނޫނީ ޔަހޫދީ އާބާދީތަކާ ސީދާ އަދި ނުސީދާ ގުޅުންހުރި 200 އަށްވުރެ ގިނަ ކުންފުނި އުޅޭ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ އިސްރާއީލާއި އެމެރިކާގެ ކުންފުނިތައް ނަމަވެސް، ޖަރުމަނާއި ނެދަރލޭންޑްސްގެ ކުންފުނިތައްވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭ އިސްރާއީލަށް ކުރައްވާ ދަތުރުފުޅުގައި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަދާފައިވާ ޔަހޫދީ އާބާދީއަކަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.

ހަމަ އެއާއެކު، ނަތަންޔާހޫއާއެކު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮމްޕޭވަނީ، ގޯލާންގެ އުސް ބިންތަކަށްވެސް އޭނާ ޒިޔާރަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ގޯލާންގެ އުސް ބިންތަކަކީވެސް 1967 ވަނަ އަހަރު ކުރި ހަނގުރާމައިގައި އިސްރާއީލުން ހިފާފައިވާ ބިމެކެވެ. އަދި ފަހުން އިސްރާއީލުގެ އަމިއްލަ ބިމެއްގެގޮތުގައި ހަމަޖައްސާފައިވާ، މައްސަލަ ޖެހިފައިވާ ބިމެކެވެ.