ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީގެ ފަރާތުން ގާއިމުކުރުމަށް ހަމަޖެހިފައިވާ "އޯޕަން އެކްސެސް ނެޓްވޯކް"ގެ ޚިދުމަތް ބޭނުން ކުރުމާގުޅޭ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ޙާލިދްއެވެ. އަދި އެޗްޑީސިގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދުއެވެ.

މި އެއްބަސްވުމުގެ ދަށުން އެޗްޑީސީގެ "އޯޕަން އެކްސެސް ނެޓްވޯކް" މެދުވެރިކޮށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ޕީއެސްއެމްގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވިގެންދާނެ ކަމަށާއި މި އެއްބަސްވުމުގެ ދަށުން ޚާއްސަ އިސްކަމެއްދީގެން ޕީއެސްއެމްގެ ޚިދުމަތްތައް "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 7000 ފުލެޓަށް ފޯރުކޮށްދިނުމަށްވަނީ އަމާޒު ކުރެވިފައި ކަމަށް އެޗްޑީސީން ބުނެއެވެ.

"އޯޕަން އެކްސެސް ނެޓްވޯކް" އަކީ ހުޅުމާލޭގެ "ސްމާޓް ސިޓީ" މަޝްރޫއުގެ ބިންގާކަމަށާއި އެ ނެޓްވޯކުގެ ބިޒްނަސް މޮޑެލްގައި މުޅި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުރިހާ އިމާރާތްތައް މުވާސާލާތީ ވިއުގައަކުން ގުޅައިލުމަށްޓަކައި މައިގަނޑު އެއް އިންފްރާސްޓްރަކްޗަރ މި މަޝްރޫއުގެ ދަށުން ގާއިމު ކުރެވިގެންދާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

" މި އިންފްރާސްޓްރަކްޗަރގައި އެކުލެވޭ ފައިބަރ ވިއުގަ މެދުވެރިކޮށް، ހުޅުމާލޭގައި މުވާސާލާތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއިފަސޭހަގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާއިރު، މި މަޝްރޫއުގެ ސަބަބުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ތަފާތު ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ." އެޗްޑީސީ

އާންމު ގޮތެއްގައި މުވަސަލާތީ ދާއިރާއިން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ކޮންމެ ގޭބިސީއަކަށް ނުވަތަ އޮފީސް އިމާރާތަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޮޑެތި ޚަރަދުތަކެއް ކުރަންޖެހިފައިވާ ކަން ފާހަގަ ކޮށް އެޗްޑީސީން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ގާއިމު ކުރުވޭ "އޯޕަން އެކްސެސް ނެޓްވޯކް"އަކީ، ގިގަބައިޓް ޕެސިވް އޮޕްޓިކަލް ނެޓްވޯކް (ޖީޕޯން) ސަޕޯޓު ކުރާ ވިއުގައަކަށްވުމުން، މުވާސާލާތީ ޚިދުމަތް ދޭ ފަރާތްތަކުގެ މަސައްކަތަށް އެކަމުގެ ސަބަބުން އިންގިލާބީ ހެޔޮ ބަދަލެއް އައިސް، މި ޚިދުމަތްތައް އައު އުސްމިންތަކަކަށް ވާސިލުކޮށްދޭނެކަމަށެވެ.

އެގޮތުން، މިހާރު އެ ފަރާތްތަކުން ގޭބިސީތަކަށާއި، ވިޔަފާރި/އޮފީސް އިމާރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރާ ޚަރަދަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްވެގެން ދާނެކަމުގައިވެސް އެޗްޑީސީން ދެކެއެވެ.

އަދި ޚިދުމަތްދޭ ފަރާތްތަކުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކޭބަލް ވަޅުލުމަށް ކުރާ ޚަރަދުގެ ބަދަލުގައި ޖީޕޯން ނެޓްވޯކްގައި ކުރިއާލައި ގާއިމު ކުރެވިފައިވާ ފައިބަރ ވިއުގަ ބޭނުން ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތަކަށް ލިބޭ ގެއްލުންތައް ކުޑަވެ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މުވާސަލާތީ ޚިދުމަތްތައް މިހާރަށްވުރެއް ލުއިފަސޭހަކަމާއެކު ލިބިގެންދާނެކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

އަދި މި ނެޓްވޯކްގެ އެހީގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި ޒަމާނީ ފަންނިއްޔާތުގެ ވަސީލަތްތައް ބޭނުން ކުރުމާއި، އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ(ޓެލެމެޑިސިން) އިތުރުން، އޮންލައިންކޮށް ތައުލީމު ހާސިލު ކުރުން ފަދަ މުހިއްމު ފުރުސަތުތަކެއް މިހާރަށްވުރެ ފުޅާދާއިރާއެއްގައި ތަނަވަސްވެގެންދާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.