ކުޑަކުދިންނަށް ރައްކާތެރިކަމާއި, އަމާންކަން ކަށަވަރުކުރުމަކީ ކުޑަކަމެެއް ނޫންކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހުޅުއްވައިދެއްވާ ދެއްކެވި ވާކަހަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މުޖުމަތައުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ކަމުގައިވާ ކުޑަކުދިންނަށް ރައްކާތެރިކަމާއި, އަމާންކަން ކަށަވަރުކުރުމަކީ ކުޑަކަމެެއް ނޫންކަމަށާއި, މިއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.

އެ ކުދިން ރައްކާތެރި ކުރުމަކީ ކޮނޑުގައި އެޅިފައި އޮތް މަސްއޫލިއްޔަތެއް ކަމަށާއި އަދި އެއީ އަމާނާތެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އިޖްތިމާއީ ކަންކަން ބައްޓަން ކުރެވިފައި ހުރި ގޮތުން ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ތެރެއަށް ވަންނަމުން އަންނަ ކުދިން ދުވަހުން ދުވަހަށް އިތުވަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަމަށް އެކަށީގެންވާ ރަނގަޅު ހައްލެއް ހޯދައިދީ އެކަމަށް މަސައްކަތްކުރެވިގެން ނޫނީ ރާއްޖޭގެ މުސްތަގުބަލު އުޖާލާ އަލިވެގެން ނުދާނެކަމަށެވެ.

އާދެ ރާއްޖޭގެ ކުރިމަގަށްޓަކައި ތިޔަބޭފުޅުން އުފުއްލަވަން ޖެހިވަޑައިގަންނަވަނީ ވަރަށް މުހިންމު ޒިންމާއެއް. އާންމު ޖިނާއީ އަދުލުގެ ނިޒާމްގެ ތެރެއިން އެފަރާތުން ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ހަރުދަނާގޮތެއްގައި ހިންގި އެނިޒާމް ފުރިހަމަކުރެވުމަކީ މުޖުތަމައު ބަދަހިވެ، ހަރުދަނާވެ ދުޅަހެޔޮވުން. އެކަމަށްޓަކައި އަޅުގަނޑުމެން މިއެޅި ބިންގަލަކީ ވަރަށް މުހިންމު ބިންގަލެއް"
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

މި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޑިރެކްޓަރ ފާތިމަތު ރޫނާ ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ކުޑަކުދިން ޖަލަށް ދިއުމުގެ ކުރިން އެކުދިން އަނބުރާ މުޖުތަމައުއަށް ގެނައުންކަމަށެވެ.

އެކުދިން ތިބެން ޖެހޭނީ ގޭގައި, އަދި ސްކޫލްތަކުގަ އެންމެ މުހިއްމު އަމާޒަކީ އެއީ."
ޑިރެކްޓަރ ފާތިމަތު ރޫނާ

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގައި މަސައްކަތްކުރާނީ ކުޑަކުދިންގެ މައްސަލަތަކަށް ޚާއްސަ ތަމްރީނު ލިބިފައިވާ މުވައްޒަފުން ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފެދުމާއެކު، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުން އައި ޖުވެނައިލް ޖަސްޓިސް ޔުނިޓް އުވިގެންދާނެއެވެ.

މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުން ހިންގާ ޔުނިޓެއްގެ ގޮތުގައި ''ޖުވެނައިލް ޖަސްޓިސް ޔުނިޓް'' ވުޖޫދަށް އައީ 2007 ވަނަ އަހަރުއެވެ. 2008 ވަނަ އަހަރު ސަރުކާރުގެ އޮނިގަނޑަށް އައި ބަދަލާގުޅިގެން ޖުވެނައިލް ޖަސްޓިސް ޔުނިޓް، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ދަށަށް ބަދަލުވިއެވެ. އެއަށްފަހު، 2010 ވަނަ އަހަރުގެ ޖުލައި މަހު އިތުރު މޭންޑޭޓްތަކާއެކު ޖުވެނައިލް ޖަސްޓިސް ޔުނިޓް، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށަށް ބަދަލުކުރެވިގެންދިޔައެވެ.

ގާނޫނާ ހިލާފުވާ 18 އަހަރުން ދަށުގެ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށް، ކޭސްވަރކް ކުރުމަށާއި، އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް މިއަދުން ފެށިގެން ހިންގާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކަމަށް މިނިސްޓްރީީން މައުލޫމާތުދެއެވެ.

ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ޝަރުއީ އަދި ތަހުގީގީ މަރުހަލާގައިވެސް މަސައްކަތްކޮށް ޑައިވަރޝާން ޕްރޮގްރާމްތަކާއި ކޮމިއުނިޓީ ކޮންފަރަންސިންގ ރާވާ ހިންގުމުގެ އިތުރުން، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެކަމަށް ފެންނަ ކުދިންގެ މައްސަލަތަކުގައި ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދީ އަދި ހުރިހާ މަރުހަލާއެއްގައި ކުޑަކުދިންގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކުރާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ.

އަދި ހޭލުންތެރި ކުރުވުމާއި، ބަންދުގައި ތިބޭކުދިންގެ ހާލަތު މޮނިޓަރ ކުރުމުގެ މަސައްކަތްވެސް މަތިކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއެވެ.

އދގެ ޖެނެރަލް އެސެމްބްލީއިން ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ގަރާރެއް ފާސްކުރެއްވީ 1959 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އަދި 1989، ނޮވެމްބަރު 20 ވަނަ ދުވަހު ވަނީ ގަރާރަށް 30 އަހަރުފުރުން ފާހަގަކުރުމާ ގުޅިގެން ކުޑަކުދިންގެ އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ބައިނަލްއަގްވާމީ މުއާހަދާއެއް އ.ދގެ ޖެނެރަލް އެސެމްބްލީގެ އިއްތިފާގުން ފާސްކޮށްފައެވެ.

އަދި ދިވެހިރާއްޖޭން 1990 އޯގަސްޓް 20ގަ މި މުއާހަދާގައި ސޮއިކޮށް 1991 ފެބްރުއަރީ 11ގައި މި މުއާހަދާ ވަނީ ތަސްދީގުކޮށްފައެވެ. އަދި މުއާހަދާ ތަސްދީގުކުރިތާ 30އަހަރުފަހުން 2019 ނޮވެމްބަރު 20ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިޔާ ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އަދި ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަސްދީގުކުރައްވާފައެވެ.

އަދި މިއަދު 2020 ނޮވެންބަރު 20ގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފެދުނީއެވެ.