ކުރިއަށް އޮތް އަހަރަށް ދައުލަތުން ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 34.6 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ.

އެ މަނިކުފާނު މިކަމަށް އެދިވަޑައިގަތީ، ހޯރަފުށީ އެއަރޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

‎އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ކުރިއަށް އޮތް އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ މިއަދުގެ ހާލަތަށް ބަލައި ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓު ކަމުގައެވެ. އެ ގޮތުން، ކޯވިޑް-19އާ ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތާއި، އެ ކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައި މިއޮތް ދަތި ހާލަތުގައި ސަރުކާރުން ކުރަންޖެހޭނެ އެންމެ މުހިންމު ކަމަކީ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ފަދަ ދަތި ވަގުތެއްގައި ވެސް ސަރުކާރުން އަމާޒުހިފާފައި ވަނީ ފައިސާ ހޯދައިގެން ނަމަވެސް، ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކަމަަަށެވެ.

‎ބަޖެޓާ ބެހޭގޮތުން އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަޖެޓުގެ ބައެއް ތަފްސީލުތައް ހިއްސާކުރައްވާފައެވެ. އެގޮތުން ސަރުކާރުން ހުށަހެޅި ބަޖެޓުގައި ޞިއްހީ ދާއިރާއަށް ހޭދަކުރުމަށް 4 ބިލިއަން ރުފިޔާ، ތަޢުލީމީ ދާއިރާއަށް ހޭދަކުރުމަށް 3.9 ބިލިއަން ރުފިޔާ، އަދި އިޖުތިމާއީ ދާއިރާއަށް ހޭދަކުރުމަށް 3.7 ބިލިއަން ރުފިޔާ ހިމަނާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބަޖެޓު ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ދެއްކެވި ވާހަކަފުޅުތައް އަޑުއައްސަވާފައިވާކަމުގައިވެސް ވިދާޅުވިއެވެ.

ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމަނާފައިވާ އަދަދުގެ ތެރޭގައި މުސާރަތަކާއި، ހިންގުމަށް ހިނގާ ޚަރަދާއި، އާސަންދައާއި، ދުވަސްވީ މީހުންނަށް ދޭ އިނާޔަތާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އިނާޔާތްތަކާއި، އެކަނިވެރި މައިންނަށްދޭ އިނާޔަތްތަކުގެ އިތުރުން ކެޕިޓަލް ޚަރަދުގެ ގޮތުގައި ބޮޑެތި މަޝްރޫޢުތަކަށް ފައިސާ ހަމަޖައްސާފައިވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

‎އެ ގޮތުން މި ޚަރަދުގެ ތެރޭގައި ހަނިމާދޫ އެއަރޕޯޓާއި، އައްޑޫ އެއަރޕޯޓު ތަރައްޤީކުރުމުގެ އިތުރުން މާލޭ ބްރިޖާއި، ވިޔަފާރި ބަނދަރާއި އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތަކާއި، ފަސް ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުން ހިމެނޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ވަގުތަކީ ބަޖެޓު ކުޑަކޮށް މަޝްރޫޢުތައް މަޑުޖައްސައިލަންވީ ވަގުތު ނޫން ކަމަށާއި ސަރުކާރުން ކުރަންޖެހޭނެ ކަމަކީ، މި ދަނޑިވަޅުގައި އިޤްތިޞާދު ހިންގުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދަރަނި ބޮޑުވަނީ ކީއްވެގެންކަން ރައްޔިތުންނަށް ސާފުކޮށް އެނގިވަޑައިގަންނަވަން ޖެހޭކަމުގައި ވިދާޅުވިއެވެ.

ރައީސް ވަނީ ރާއްޖޭގެ ދަރަނީގެ ޙާލަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެ ގޮތުން ދައުލަތަށް ދަރަނި ނެގުމަކީ، މި ސަރުކާރުން ކުރިކަމެއް ނޫންކަން އެ މަނިކުފާނު ވިދާޅުވިއެވެ.

"މި އަހަރުގެ ބަޖެޓުގައި، ދަރަނި ދެއްކުމަށް ޖަހާފައި އޮތް 4 ބިލިއަން ރުފިޔާއަކީ ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ދަރަނިތައް ދައްކަން ޖަހާފައި ހުރި ފައިސާ. މިއީ އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް ސާފުކޮށްދޭން ބޭނުންވާ ވާހަކައަކީ. އާދެ، ފައިސާ ހޯދަންޖެހޭ. އަޅުގަނޑުމެންނާ ހިސާބަށް ވާރުތަވީއިރުގައި، ދައުލަތުގެ ރިޒަރވަކު ނެތް ލާރިއެއް. 250 މިލިއަން ޑޮލަރު އޮތީ. ދެން ކިހިނެއްތޯ ކަންތައް ކުރާނީ؟ މި ދަތި ހާލުގައިވެސް އަޅުގަނޑުމެންގެ ރިޒަރވްގައި މިހާރުވެސް ހުންނާނެ 250 މިލިއަން ޑޮލަރު،"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

‎މީގެ އިތުރުން، މިއަދުގެ ހާލަތާ ގުޅުވައި ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރަކީ ރައްޔިތުންނަށް ޚިދުމަތްކުރަން އައި ސަރުކާރެއްކަން ހާމަކުރައްވައި، އެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާފައެވެ. އަދި، މި ކަމުގައި ސަރުކާރަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.