މަސްވެރިން ބާނާ މަސް އެއްވެސް ދައްޗެއްނެތި ސިލޯނަށް އެތެރެކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހޯރަފުށީ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިވަގުތު މަސްވެރިންނަށް ދިމާވެފައި އޮތް ކަންބޮޑުވުމަކީ ހިކި ކަނޑުމަހާއި، ލޮނުމަސް، ސިލޯނަށް އެތެރެކުރުމަށް ހުރަސްތަކެއް ހުރިކަމުގެ ވާހަކަ ކަމަށާއި އެ އަޑު އިވުމާއެކީގައި އެ ދުވަހުން ފެށިގެން ފޮރިން މިނިސްޓްރީގެ ފަރާތުން އެ މަސައްކަތަށް ހައްލު ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.

އަޅުގަނޑަށް އިއްޔެ ފޮރިން މިނިސްޓަރު އެބައޮތް އޭގެ ރަނގަޅު ޚަބަރެއް ދެއްވާފައި. ސިލޯނުގެ ކަސްޓަމްސް އިން ފޮނުއްވާފައި އޮތް ސިޓީއެއް އެބައޮތް އަޅުގަނޑަށް ލިބިފައި. އެ ސިޓީގައި އޮތީ ސިލޯނުގެ ފިނޭންސް މިނިސްޓްރީއާ ހަވާލާދެއްވައި، ރާއްޖޭގެ އެކަހަލަ ހިކި ކަނޑުމަހާއި ލޮނުމަސް އެތެރެކުރުން މަނާކުރާ އެއްވެސް ޕޮލިސީއެއް އަދި ސިލޯނުގެ ސަރުކާރުގައި ނެތް ވާހަކަ."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދައްޗެއްނެތި ރާއްޖޭގެ މަސްވެރިންގެ މަސް ސިލޯނަށް އެތެރެކުރެވޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު މިހާރުވަނީ އެމަނިކުފާނަށް ދެއްވާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވިޓެއްގައި ވަނީ ސްރީލަންކާއަށް އިމްޕޯޓްކުރާ ދިވެހި ކަނޑުމަހުގެ ބާވަތްތައް އެގައުމަށް އެތެރެކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެކަމުގެ ޔަގީންކަން ސްރީލަންކާ ސަރުކާރުން ދެއްވާފައިވާ ކަމަށެވެ.

ސްރީލަންކާ ސަރުކާރުން ދެއްވި ޔަގީންކަމާ ގުޅިގެން މިނިސްޓަރ ވަނީ ސްރީލަންކާ ސަރުކާރަށް ޝުކުރުވެސް އަދާކުރައްވާފައެވެ.

ސްރީލަންކާއަށް މަހުގެ ބާވަތްތައް އެތެރެކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުތަކާއެކު، ނިމިދިޔަ ހަފްތާގައި އެގައުމަށް އެތެރެކުރި މަހުގެ ޝިޕްމަންޓްތަކެއް އެތެރެނުކުރެވުނު މައްސަލަ ހައްލުކޮށް، އެ ޝިޕްމަންޓްތައްވެސް ވަނީ އެގައުމަށް އެތެރެކޮށްފައި ކަމަށް ސަރުކާރުން ބުނެއެވެ.