އިސްލާމްދީނަކީ މާތް ﷲ ބަޔަކަށް ދެއްވާނެ އެންމެ ބޮޑު ނިޢުމަތްކަން މިއަދު އެންމެން ހަނދާންކުރަންޖޭކަމަށް ޚުތުބާގައި ބުނެފިއެވެ.

އިސްލާމްކަމުގެ ނިޢުމަތުގެ މައްޗަށް މިއަދުގެ ޚުތުބާގައި ބަލާލާފައިވާއިރު އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ދެއްވިކަމަށްޓަކައި އެކަލާނގެއަށް ޝުކުރުދަންނަވަން ޖެހޭކަމަށް ބުނެފައިވެއެވެ. އެއީ ޖާހިލުކަމާއި ޝިރުކުގެ އަޅުވެރިކަމުން އަޅަމެން ސަލާމަތްކޮށްދެއްވީތީކަމަށާއި ހައްޤުދީނުގެ އަހުލުވެރިންކަމުގައި އަޅަމެން ލެއްވީތީ އަދި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގައިވެވޭނެ މަގު ދެއްކެވީތީކަމަށް ބުނެފައިވެއެވެ.

އިސްލާމްދީނަކީ އަޅަމެންގެ މުޅި ހަޔާތް އެދީނުގެ އުސޫލުތަކާއި އެއްގޮތަށް ބައްޓަންކުރަންޖެހޭ ދީންކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވާއިރު މިއަދު ދުނިޔެ ހޯދާފައިވާ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ރަށްވެހިކަމުގެ ސަބަބުން އިންސާނާގެ ހަޔާތަށް މާއްދީ ގިނަ ގުނަ ފާގަތިކަމާއި ކުރިއެރުންތައް ލިބެމުން ދިޔަނަމަވެސް އިސްލާމްދީނުގެ އިލްމާއި ދުރުވެއްޖެނަމަ އޭނާއަށް ބޭނުންވާ ރޫހާނީ ކާނާތައް ދާނީ މަދުވަމުންކަަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

އެހެންކަމުން އިސްލާމްދީނުގެ އަގުތައް މިއަދު މުސްލިމުންގެ ހިތްތަކުގައި އަލުން ދިރުވަން ޖެހިފައިވާކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

އިންސާނާގެ ހަޔާތަށް ހިތްހަމަޖެހުމާއި ބާއްޖަވެރިކަން ގެނެސްދިނުމާއި ހިތްތަކުގައި އެކުވެރިކަމާއި އެއްބަނޑު އެެއްބަފާކަމުގެ ޝުއޫރުތައް އަށަގަންނުވައި އާލާކުރުމަށްޓަކައި މިއަދު މިވަނީ އިސްލާމްދީނުގެ ހަމަތަކުގައި ހިފުމަށް ބޭނުންވެފައިކަމަށާއި މުޖުތަމަޢުއަށް އިސްލާމްދީން ބޭނުންވަނީ އެއީ އިންސާނިއްޔަތުކަމަށް އަނބުރާ ގެންގޮސްދޭ އެއްޗަކީ އިސްލާމްދީންކަމުގައި ވާތީކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިންސާނާއާއި އޭނާގެ އަޚާއާއި ދެމެދުގައިވާ އިންސާނިއްޔަތުުކަމުގެ ގުޅުން ބަދަހިކޮށްދޭ އެއްޗަކީ އިސްލާމްދީންކަމުގައި ވާތީ. ދީނަކީ ފަރުދުންނާއި އާއިލާއާއި މުޖުތަމަޢުގެ ގުޅުމުގެ މުޅި ނިޒާމު. އެއީ މުޖުތަމަޢުއަށް ރަނގަޅު މަގު ދަސްކޮށްދީ ބަޔާންކޮށްދެއްވުމަށް ބާވައިލެއްވި ﷲގެ ރިސާލަތް.
ޚުތުބާ

ބައިބައިވެފައިތިބި ހަތުރުވެރި އަރަބިންތައް އެއް އުންމަތަކަށް ވެގެންދިޔައީ އިސްލާމްދީނުގެ ސަބަބުންކަމަށާއި އިސްލާމްދީނަކީ މުސްލިމުންގެ ހަޔާތުގެ އެންމެހާ ކަންތައް އެދީނުގައި ޝާމިލްވާ ފުރިހަމަ ބިނާއެއްކަމަށްވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

އަދި އިސްލާމްދީނަކީ މުސްލިމަކު ދުނިޔެއަށް އުފަންވީއްސުރެ އުޚްރަވީ ހަޔާތަށް ވާސިލްވަންދެން އޭނާގެ ހުރިހާކަމެއް ރާވާއިދޭ މަންހަޖެވެ.

މި ބިނާގެ އަސާސަކީ އިސްލާމީ އަޤީދާއަށްވާއިރު ކީރިތި ރަސޫލާ ރަސޫލާ صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ‎ ބާރު އެޅުއްވީ މި އަޤީދާ ދަސްކޮށްދެއްވައި އޭގެ މަތީގައި މުސްލިމުން ސާބިތުކުރެއްވުމަށްކަމަށް ޚުތުބާގައި ބުންޏެވެ.

ދުޝްމަނުން މިއަދު މަސައްކަތްކުރަނީ މި އަޤީދާ ބަލިކަށިކޮށް އަޤީދާ ދުރަށްލައި، މުސްލިމުން ދީނާއި ބީރައްޓެހިކޮށް އިސްލާމް ދީނާއިމެދު ޝައްކު އުފައްދައި އެ ދީނާއި ދުރުކުރުމަށްކަމަށްވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

އިސްލާމްދީނަކީ އިލްމާއި މައުރިފާގެ ދީނެވެ. އެ ދީނަށް މީސްތަކުން ވަދެފައިވަނީ އެ ދީން އުނގެނިގެންކަން ބަޔާންކޮށް ޚުތުބާގައި ބުނެފައިވަނީ އެދީނަށް މީސްތަކުން ވަދެފައިވަނީ އެދީނުގެ މާތްކަމާއި މަތިވެރިކަން އެނގިގެންކަމަށެވެ. އަދި މާތްﷲ ކީރިތި ޤުރުއާނުން ބާވައިލެއްވި އެންމެ ފުރަތަމަ އާޔަތްތަކުގައި ގޮވާލައްވާފައިވަނީވެސް އުނގެނުމަށްކަމަށް ބުނެފައިވެއެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މަތިން ހަނދާންކުރާއިރު މި ލޮބުވެތި ވަތަނުގައި އިސްލާމްދީން ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަންޖެހޭކަމަށާއި މި ގައުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާތީ އެކަމާ ދެކޮޅުހަދާބަޔަކު އުޅޭކަމަށްވެސް ބުނެފައިވެއެވެ.

ސައްތައިން ސައްތަ ސުންނީ ގައުމަކަށް ވާތީ އެކަމާވެސް ހަސަދަވެރިވާ ބަޔަކުވޭ. ދިވެހިރާއްޖެ އިސްލާމްވުމާއިއެކު ރާއްޖެ އިސްލާމްދީނުން ބޭރަށް ނެރެވޭތޯ އެކި ދުވަސްވަރު ތަފާތު އެތަކެއް މަސައްކަތްކޮށްފައިވާކަން ތާރީޚު ހެކިދޭ. ދީނާއި ޚިލާފު ފިކުރުތަކުގެ އަހުލުވެރިން މުސްލިމުންގެ ހިތްތަކަށް ވެރިވެގަތުމަށް ގިނަ އަދަދެއްގެ ފައިސާއާއި ސިޔާސީ ނުފޫޒާއި މިނިވަންކަމުގެ ޝިއާރުތައް ބޭނުންކޮށް އެމީހުންގެ ދީނަކީ ވަރަށް އޯގާތެރި ދީނެއްކަން މުސްލިމުންނަށް ދައްކާ
ޚުތުބާ

ހަމަ އެހެންމެ މިއަދު އިސްލާމްދީނަށް ނިސްބަތްވާ ބަޔަކު އެ ދީނުގެ ނަމުގައި ފަތުރާ ދީނާއި ޚިލާފު ފިކުރުތަކާއި މައުލޫމާތުގެ ނުރައްކާތެރިކަންވެސް ވަކި ކުޑަ ނޫންކަން ފާހަގަކޮށް މިއަދުގެ ހުތުބާގައި ބުނެފައިވަނީ އެހެންކަމުން ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ އެމީހެއްގެ ނަފްސާއި އާއިލާގެ މީހުންގެ ހިތްތަކުގައި އީމާންކަމުގެ އަސާސްތައް ވަރުގަދަކޮށް ހަރުދަނާކުރުމަށްކަމަށްކަމަށާއި ތިމާގެ އެހެނިހެން އަޚުންނާއި އުޚުތުންނަށް މި އަސާސްތައް އުނގަންނައިދީ ރަގަޅުގޮތް ދަސްކޮށްދިނުމަށްކަމަށްވެސް މިއަދުގެ ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.