ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 59 ހާހަށްވުރެ މައްޗަށް އަރައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ކޮންމެ މަހަކުވެސް އާއްމުކުރާ ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ ނޮވެމްބަރުމަހުގެ 18 ވަނަ ދުވަހާ ހަމައަށް މިމަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 18،723 ފަތުރުވެރިންނެވެ. އަދި މިދިޔަ ޖުލައި މަހު ބޯޑަރު ހުޅުވާލިފަހުން މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 59،105 އަށް އަރާފައެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 441،952 އަށް އަރާފައެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާ މާކެޓުންނެވެ. އެގޮތުން ރަޝިއާއިން މިހާތަނަށް 12،961 ފަތުރުވެރިއަކު ރާއްޖެ ވަނީ ޒިޔާރާތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އިންޑިއާއިން ޒިޔާރާތްކޮށްފައިވާއިރު، މި މުއްދަތުގެ ތެރޭގައި އިންޑިއާއިން 5،449 ފަތުރުވެރިއަކު ވަނީ ރާއްޖެ ޒިޔާރާތްކޮށްފައެވެ. ތިންވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޔުނައިޓެޑް ކިންގްޑަމްއިން ޒިޔާރާތްކޮށްފާއިރު، ޔޫކޭއިން 4،745 ފަތުރުވެރިން މި މުއްދަތުގެ ތެރޭގައި ވަނީ ޒިޔާރާތްކޮށްފައެވެ.

މީގެ އިތުރުން ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން 4 މަސް ފާއިތުވެފެއިވާއިރު، ރާއްޖެއަށް މިވަގުތު 16 އެއާލައިނަކުން ބައިނަލްއަގުވާމީ ދަތުރުތައް ކުރާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި 9 އެއާލައިނެއްެ ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވެފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

ރާއްޖެއަށް މިވަގުތު ބައިނަލްއަގުވާމީ ދަތުރުތައް ކުރާ އެއާލައިންތަކުގެ ތެރެއިން ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ބައިނަލްއަގުވާމީ ދަތުރުތައް ރާއްޖެއަށް ބާއްވާފައިވާ އެއާލައިންތަކަކީ ޤަތަރު އެއާވޭސް، އެމިރޭޓްސް އަދި ގައުމީ އެއާލައިން މޯލްޑިވިއަންއިންނެވެ.

އަދި މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ޕަސިންޖަރުންނާއެކު ރާއްޖެ އައިސްފައިވާ އެއާލައިންތަކަކީ އެމިރޭޓްސް، ޤަތަރު އެއާވޭސް އަދި އެއިރޯފްލޮޓްއިންނެވެ. މި މުއްދަތުގެ ތެރޭގައި އެމިރޭޓްސްއިން 19،740 ޕަސިންޖަރުންނާއެކު ރާއްޖެ އައިސްއިވާއިރު، ޤަތަރު އެއާވޭސްއިން މި މުއްދަތުގެ ތެރޭގައި 18،183 ޕަސިންޖަރުންނާއެކު ރާއްޖެ އައިސްފައިވާކަމަށާއި، އެއިރޯފްލޮޓްއިން 8،196 ޕަސިންޖަރުންނާއެކު ރާއްޖެ އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެެ.

މީގެ އިތުރުން ރިސޯޓު، ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން ސަފާރީތައް ހިމެނޭހެން 33،776 އެނދު މިވަގުތު އޮޕަރޭޓްކުރަމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން 125 ރިސޯޓެއްގައި 28،856 އެނދު އޮޕަރޭޓްކުރަމުންދާއިރު، ގެސްޓްހައުސް އަދި ހޮޓެލް ހިމެނޭހެން 189 ތަނަކުން 2،284 އެނދު މިވަގުތު އޮޕަރޭޓްކުރާ ކަމަށާއި، 122 ސަފާރީއެއްގައި 2،300 އެނދު އޮޕަރޭޓްކުރާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ކޮވިޑް-19އަށް ޓެސްޓުކުރަމުންދާއިރު، މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް 16،982 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މި އަދަދުގެ 0.23 އިންސައްތަ ފަތުރުވެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ. ރާއްޖެއިން ފެންނަ ކޮވިޑް-19ގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާއިރު މި ފަހަކަށް އައިސް ޕޮޒިޓިވްވާ ގިނަ މީހުންނަކީ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.