ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފައްދައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފެދުނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުންނެވެ. މިގާނޫނަކީ 14 ނޮވެންބަރު 2019 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް 20 ނޮވެންބަރު 2019 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުން ގެޒެޓްކޮށްފައިވާ ގާނޫނެކެވެ.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހުޅުއްވައިދެއްވީ މިނިސްޓަރ އިމްރާން އަބްދުﷲއެވެ. އެޑިޕާޓްމަންޓް ހިނގަމުންދާނީ މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ބެއްލެވުމުގެ ދަށުންނެވެ.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފެދުމާއެކު، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުން އައި ޖުވެނައިލް ޖަސްޓިސް ޔުނިޓް އުވުނީއެވެ. މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުން ހިންގާ ޔުނިޓެއްގެ ގޮތުގައި ''ޖުވެނައިލް ޖަސްޓިސް ޔުނިޓް'' ވުޖޫދަށް އައީ 2007 ވަނަ އަހަރުއެވެ. 2008 ވަނަ އަހަރު ސަރުކާރުގެ އޮނިގަނޑަށް އައި ބަދަލާގުޅިގެން ޖުވެނައިލް ޖަސްޓިސް ޔުނިޓް، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ދަށަށް ބަދަލުވިއެވެ. އެއަށްފަހު، 2010 ވަނަ އަހަރުގެ ޖުލައިމަހު އިތުރު މޭންޑޭޓްތަކާއެކު ޖުވެނައިލް ޖަސްޓިސް ޔުނިޓް، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށަށް ބަދަލުކުރެއްވިއެވެ.

ގާނޫނާ ހިލާފްވާ 18 އަހަރުން ދަށުގެ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށް، ކޭސްވަރކް ކުރުމަށާއި، އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް މިއަދުން ފެށިގެން ހިންގާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ.

ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ޝަރުއީ އަދި ތަހުގީގީ މަރުހަލާގައިވެސް މަސައްކަތްކޮށް ޑައިވަރޝާން ޕްރޮގްރާމްތަކާއި ކޮމިއުނިޓީ ކޮންފަރަންސިންގ ރާވާ ހިންގުމުގެ އިތުރުން، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެކަމަށް ފެންނަ ކުދިންގެ މައްސަލަތަކުގައި ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދީ އަދި ހުރިހާ މަރުހަލާއެއްގައި ކުޑަކުދިންގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކުރާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ.

ހޭލުންތެރި ކުރުވުމާއި، ބަންދުގައި ތިބޭކުދިންގެ ހާލަތު މޮނިޓަރ ކުރުމުގެ މަސައްކަތްވެސް މަތިކުރައްވާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއެވެ.

އދގެ ޖެނެރަލް އެސެމްބްލީއިން ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ގަރާރެއް ފާސްކުރީ 1959 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އަދި 1989، ނޮވެމްބަރު 20 ވަނަ ދުވަހު ގަރާރަށް 30 އަހަރުފުރުން ފާހަގަކުރުމާ ގުޅިގެން ކުޑަކުދިންގެ އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ބައިނަލްއަގްވާމީ މުއާހަދާއެއް އދގެ ޖެނެރަލް އެސެމްބްލީގެ އިއްތިފާގުން ފާސްކޮށްފައެވެ.

އަދި ދިވެހިރާއްޖޭން 1990 އޯގަސްޓް 20ގައި މި މުއާހަދާގައި ސޮއިކޮށް 1991 ފެބްރުއަރީ 11ގައި މި މުއާހަދާ ވަނީ ތަސްދީގުކޮށްފައެވެ.

އަދި މުއާހަދާ ތަސްދީގުކުރިތާ 30 އަހަރުފަހުން 2019 ނޮވެމްބަރު 20 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިޔާ ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އަދި ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަސްދީގުކުރައްވާފައެވެ.

އަދި މިއަދު 2020 ނޮވެންބަރު 20ގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފެދުނީއެވެ.