އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކާނަލް ޑޭވިޑްއޭސްމަން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މިބައްދަލުވުމުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޯސްލަރ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މިބައްދަލު ކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަސްވަރާކުރެވުނީ އަސްކަރީ ދާއިރާއިން ދެ ގައުމުގެ ދޭތެރޭގައި އޮންނަ ގާތް ގުޅުމާ ގުޅޭގޮތުން ކަމަށެވެ. އެގޮތުން 1995 އިން ފެށިގެން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން، މެދުކެނޑިފައި އޮތުމަށްފަހު މިހާރު އެގައުމުގެ ރޯޔަލްމެރިންސް އިން ދިވެހި އަސްކަރިއްޔާއަށް ދޭ ތަމްރީނާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަދި އަންނަ ޑިސެމްބަރު މަހު ބާއްވަން ނިންމާފައިވާ ޓޭވަލް ޓޮޕް އެކްސްސައިޒްއާ، އިނގިރޭސިވިލާތުން، ދިވެހި އަސްކަރިއްޔާއަށް ކުރިއަށް އޮތްތާގައި ފުރުސަތު ދެމުން އަންނާނެ ތަމްރީންތަކާ ގުޅޭ ގޮތުން ވެސް މިބައްދަލުކުރުމުގައި ވާހަކަ ދެކެވި، މަޝްވަރާތައް ކުރެވުނު ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން ދިފާއީ އަދި އަސްކަރީ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިދިޔަ ދެ އަހަރު ގެނެސްފައިވާ ހެޔޮ ބަދަލުތަކުގެ ތަފްސީލް މިނިސްޓަރު މާރިޔާ އެ ދެ ބޭފުޅުންނާ އިސްސާކުރެއްވި ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ވަނީ މައުލޫމާތުދީފައެވެ.