ރާއްޖޭގެ އެންމެ ބޮޑެތި ފަތުރުވެރިކަމުގެ 10 މާކެޓެއްގައި އެއް ވަގުތެއްގައި ކުރިއަށް ގެންދާ މީޑިއާ ކެމްޕޭނެއް ވިޒިޓް މޯލްޑިވްސްއިން މިއަދު ފަށައިފި އެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މި ކެމްޕޭންގެ ދަށުން ފަތުރުވެރިކަމަށް ހާއްސަ އޮންލައިން އަދި ޕްރިންޓް ނޫސްތަކާއި ބައިނަލްއަގުވާމީ ބޮޑެތި ނޫސްތަކުގައި ދިވެހިރާއްޖެ އިޝްތިހާރުކުރެވިގެންދާނެ ކަމަށެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ މި ކެމްޕޭން ކުރިއަށް ގެންދާނީ "ރީޑިސްކަވަރ މޯލްޑިވްސް، ދަ ސަނީ ސައިޑް އޮފް ލައިފް" މި ސްލޯގަން ބޭނުންކޮށްގެން ކަމަށެވެ.

މިއަދުން ފެށިގެން އެއް މަސް ދުވަހަށް ކުރިއަށް ގެންދާ މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިން ދިވެހިރާއްޖެއަށް އެންމެގިނައިން ޒިޔާރަތްކުރާ މާކެޓްތަކުގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ހަބަރު ފަތުރާ ވަސީލަތްތަކާއި ޕްރިންޓް މީޑިއާ މެދުވެރިކޮށް ދިވެހިރާއްޖޭގެ ރީތި ނަން މީހުންގެ ހަނދާނުގައި ބެހެއްޓުން ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ ކެމްޕޭން ކުރިއަށްގެންދާ މާކެޓްތަކަކީ އިންޑިއާ، އިނގިރޭސިވިލާތް، ރަޝިޔާ، މެދުއިރުމަތީގެ ޤައުމުތައް، ފްރާންސް، ޖަރުމަން، ތުރުކީ ވިލާތް، ސިންގަޕޫރު، ސައުތު އެފްރިކާ، އިޓަލީ، ހޮންގކޮންގް އަދި އޭޝިއާ ޕެސިފިކް ގައުމުތަކުގައި ކަމަށެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގައި ހިމެނޭ ހުރިހާ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކެއް އިޝްތިހާރުކުރެވިގެންދާނެ ކަމަށެވެ. މިއީ ލަގްޒަރީ އަދި ގެސްޓްހައުސް ސެގްމަންޓު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމުވާކަން ހާމަވެގެންދާނެ ކަމެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ކެމްޕޭންގެ ދަށުން ފަތުރުވެރިން ދިވެހިރާއްޖެ ޒިޔާރަތް ކުރުމުގެ ކުރިން ކޮންމެހެން ވެސް އެނގެންޖެހޭ މުހިއްމު މަޢުލޫމާތު ހިމެނޭގޮތަށް އޮންލައިން ބްރޯޝާރއެއް އެކުލަވާލެވިފައިވާނެ ކަމަށާއި، މި ބްރޯޝާރގައި އިތުރަށް ހިމެނޭނެ ބައިތަކުގެ ތެރޭގައި މޯލްޑިވްސް ބޯޑަރ މައިލްސް ލޯޔަލްޓީ ޕްރޮގްރާމް އަދި ކޯވިޑް-19 އަށް ހާއްސަކޮށްގެން ތަޢާރަފް ކުރެވުނު އެލައިޑް އިންބައުންޑް އިންޝުއަރެންސްގެ އިތުރުން އެކި ކަންކޮޅުތަކުން ދިވެހިރާއްޖެއަށް ދަތުރު ކުރާ ފްލައިޓް ތަކުގެ މައުލޫމާތު ވެސް ހިމެނޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

ހަތަރު މަސް ދުވަސް ވަންދެން ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި 15 ވަނަ ދުވަހު ދިވެހިރާއްޖެވަނީ ފަތުރުވެރިންނަށް އަލުން ހުޅުވާލާފަ އެވެ. ފަތުރުވެރިން އަދި މި ސިނާއަތުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަބަދުވެސް އެންމެ މުހިއްމު ކަން ކަމުގައި ފާހަގަކޮށް ވިޒިޓް މޯލްޑިވްސްއިން ބުނީ، މިހާރު 94 އިންސައްތަ ރިސޯޓާއި، ގިނަ އަދަދެއްގެ ސަފާރީ އަދި ގެސްޓްހައުސް ހިދުމަތަށް ހުޅުވާލާފައިވާއިރު މިހުރިހާ ތަނެއްގައިވެސް ކޮވިޑް-19 އާއި ގުޅިގެން އަޅަންޖެހޭ ސިއްހީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވާނީ އަޅާފައިކަމަށެވެ.

ވިޒިޓް މޯލްޑިވްސްއިން ގެންދަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އިޝްތިހާރުކުމުގެ ހަރަކާތްތައް އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރިއަށްގެންދަމުންނެވެ. އަދި ގިނަ ކެމްޕެއިންތަކެއް ފާއިތުވި ދުވަސްތަކުގައި ކުރިއަށްގެންގޮސްފައިވާއިރު، ޑިޖިޓަލް އަދި އަމަލީ ގޮތުން ފެއާތަކުގައި ބައިވެރިވުމާއި، ވިޒިޓް މޯލްޑިވްސް ލޭޓަރ ކެންޕެއިން، ދަ ސަން ވިލް ޝައިން އަގެއިން ފޭސްބުކް ލައިވް އިވެންޓް، ރީޑިސްކަވަރ މޯލްޑިވްސް ފަދަ ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ކެމްޕެއިން ހިމެނެއެވެ. މީގެއިތުރުން ޗައިނާ މާކެޓްގައި ވީޗެޓް އަދި ވީބޯ މެދުވެރިކޮށް ކުރިއަށް ގެންދާ ކެންޕެއިންގެ އިތުރުން ޗައިނާގައި އޮންލައިން ރޯޑް ޝޯއެއްވެސް މިހާރު ފެށިގެން އެބަ ކުރިއަށްދެއެވެ.

ރަޝިޔާގައި ހިންގާ ވީކޭ ކެންޕެއިން، ސީއެންއެން އަދި ސްކައިސްކޭނަރ އަދި ޓްރިޕް އެޑްވައިސަރ އާއިއެކު ކުރިއަށް ގެންދާ ގްލޯބަލް ކެންޕެއިންތަކުގެ އިތުރުން ސިންގަޕޯ އެއާލައިންސް އަދި ވޯގް އަރަބިއާ ފަދަ ގްލޯބަލް ބްރޭންޑްތަކާއި އެކުވެސް ވިޒިޓް މޯލްޑިވްސްއިން ގެންދަނީ މަސައްކަތްތައް ކުރިއަށްގެންދަމުންނެވެ.