އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުން އެކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް އިސްތިއުފާ ދެއްވައިފިއެވެ.

އަކްރަމްގެ އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބުރާސްފަތި ދުވަހު ހުށަހަޅުއްވާފައިވާ އިރު އޭނާ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބުދަ ދުވަހު ވަނީ ފާސްކޮށްފަ އެވެ.

މަޤާމުން އިސްތިއުފާދެއްވާ އަކްރަމުންނެރެފައިވާ ބަޔާނެއްގައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުން އިސްތިޢުފާދެއްވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޮމެޓީން އޭނާ މަޤާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީ، އެ ކޮމިޓީގެ އިތުބާރެއް ނެތި މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ ގޮތުގައި ދެމި ހުރުމަކީ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށެވެ.

އަކްރަމް ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތުކޮށް މަޖިލީހުގެ ކޮމިޓީ އަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށާ އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލީ މައުލޫމާތު ހެއްކާ އެކު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

އަކްރަމް އިސްތިއުފާ ދެއްވުމުން، އެކަމުގެ ކަންބޮޑުން ފާޅުކުރައްވާ އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަކްރަމަކީ އިލެކްޝަންސް ކޮމިޝަނަށް ގެއްލިގެންދިޔަ އަގުހުރި، ގާބިލް ހިންގުންތެރި އެއް ކަމަށާ އޭނާ އަކީ މުވައްޒަފުންނަށް ޖިންސީ ގޯނާކޮށް ފުރައްސާރަ ކޮށްފާނެ މީހެއް ނޫން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.