އެމްއާރުއެމްއަކީ ކޯލިޝަން ސަރުކާރުގެ މުހިއްމު ބައިވެރިއެއް ކަމަށާ، އެހެންކަމުން ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި ޤައުމީ މަސްލަޙަތު އިސްކޮށް ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް މި ސަރުކާރާއެކު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ދެމި އޮންނާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްއާރްއެމްގެ ފުރަތަމަ އަހަރީ ދުވަހާއި ގުޅިގެން އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީ އުފެދިގެން އައީ ޤައުމީ މުހިއްމު އިޞްލާޙީ ހަރަކާތްތަކެއްގެ ތެރެއިން ކަމަށެވެ. ޕާޓީގެ އެންމެ މުހިއްމު އަޞާސަކީ ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަޤީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމާއެކު، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް، ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުން ކަމަށް އެމްއާރްއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްއާރްއެމް އިން ބުނީ އެޕާޓީން މަސައްކަތްކުރާނީ ޤައުމަށް މަންފާކުރާ، ޤައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތްތަކާއި ކަންކަމަށް އިސްކަންދީގެން ކަމަށެވެ. ޤައުމީ މި މަސައްކަތުގައި އެންމެ މުހިއްމު ކަމަކީ ޑިމޮކްރަސީ ގެ ހަމަތަކުގެ މަތިން އިޞްލާޙަށް ކުރެވޭ މަސައްކަތްތައް ކަމަށްވެސް އެޕާޓިން ވަނީ ބުނެފައެވެ.

އެމްއާރްއެމް އިން ބުނީ ދައުލަތް ހިންގުމުގެ 3 ބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ ދަށުން، ޤާނޫނީ ޙުކޫމަތު ދެމެހެއްޓުމާއި، އަދުލު އިންސާފު ކަށަވަރުކުރުމާއި، ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމާއި، އިންސާނީ ހައްޤުތައް ރައްކާތެރި ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމާއި، އަންހެނުންނާއި ކުޑަކުދިންނާއި، ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ އެޕާޓީގެ އަސާސްތައް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އިންތިޚާބު ކުރުމުގައި، އެމްއާރްއެމް އިން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.