މާމަގެ ފައްޓަރުބަޔަށްވުރެ ޗައިނާއަށް މުހިއްމީ ދެގައުމުގެ އެކުވެރިކަން ކަމަށް، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލީ ޒޮންގް ވިދާޅުވެއްޖެއެވެ.

ޗައިނާ ސަފީރު މިހެން ވިދާޅުވެފައިމިވަނީ މާމަގެ ފައްޓަރުބައި ވިއްކާލާފައި ވެސް ރާއްޖެ އިން ޗައިނާ އަށް އަދާކުރަންޖެހޭ ދަރަނިތައް އަދާނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވަގުތެއްގައެވެ.

މަޖިލިހުގައި ކުރިއަށް ގެންދިޔަ 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީގެ 53 އިންސައްތަ ހޭދަކުރަނީ ދަރަނި އަދާކުރުމަށް ކަމުގައެވެ. އަދި އަދާކުރަންޖެހޭ ދަރަނީގެ ތެރެއިން 80 އިންސައްތައަކީ ޗައިނާއިން ނަގާފައިވާ ދަރަނި ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޗައިނާގެ ސަފީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާމަގެ ފަރާތުން ވާރުތަވަމުން އަންނަ ގަހަނާތަކަކީ އަގުބޮޑު އަދި އަގުހުރި ތަކެތި ކަމަށާ އެ ގަހަނާތަކަށްވުރެ ޗައިނާއަށް މުހިންމީ އެކުވެރިކަން ކަމަށެވެ. އަދި އެއީ އަގުކުރެވޭނެ އެއްޗެއް ނޫން ކަމަށް ވެސް ޒަންގް ލީ ޒޮންގް ވިދާޅުވި އެވެ.

ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ކަށަވަރު ކޮށްދީފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ލޯނުތައް ފަސްކޮށްދީފައިވަނީ ޖީ-20ގެ ޑެޓް ސާރވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ކަމަށެވެ. މިއާއި އެކު އަންނަ އަހަރުގެ ފުރަތަމަ ހަ މަހުގައި މި ދަރަނިތަކުގެ ފައިސާ އަނބުރާ ދައްކަން ނުޖެހޭނެއެވެ.