އިންޑިއާއިން ކޮވިޑްބަލި ޖެހުނު މީހުންގެ އަދަދު މިއަދު 9 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ކޮވިޑްބަލީގެ ހާލަތު ދުނިޔޭގައި ދެވަނައަށް އެންމެ ގޯސްވެފައިވަނީ ވެސް އިންޑިއާއެވެ.

ބަލިޖެހުނު ކަމަށް މިހާތަނަށް ރެކޯޑު ކުރެވުނު މީހުންގެ އަދަދު 9 މިލިއަނަށްވުރެ މައްޗަށް ގޮސްފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 132،000 އަށްވުރެ މައްޗަށް ގޮސްފައެވެ.

އިންޑިއާއިން ދުވާލެއްގެ މައްޗަށް ބަލިޖެހޭ ކަމަށް ރެކޯޑު ކުރެވުނު އަދަދު ވޭތުވެދިޔަ މަސްދުވަހު ކޮންމެވެސް ވަރަކަށް ދަށްވެފައި ވީނަމަވެސް، މިހާރުވެސް ކޮންމެ ދުވަހަކު އެވްރެޖް ގޮތެއްގައި ގާތްގަނޑަކަށް 45،000 މީހުން ޕޮޒިޓިވް ވަމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ވައިގެ ނުސާފުކަން އިއްތިހާއަށް މައްޗަށްގޮސް، ކޮވިޑްބަލިޖެހޭ މީހުންގެ އަދަދު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ވަރަށް ބޮޑަށް އިތުރުވަމުންދެއެވެ. ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ، ނިއުދިއްލީގެ ހޮސްޕިޓަލްތަކަށްވެސް ވަނީ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ބާރުބޮޑުވެފައެވެ.

ކޮވިޑްބަލި ފެތުރޭން ފެށުމުން އިންޑިއާއިން މުޅި ގައުމު ލޮކްޑައުންކުރީ މާޗްމަހުގެ ތެރޭގައެވެ.

ނަމަވެސް، އިގްތިސާދީ މަސައްކަތްތައް ހުއްޓި، އެތައްމިލިއަން މީހުންގެ ވަޒީފާ ގެއްލުމާ ގުޅިގެން ލޮކްޑައުންގެ ހާލަތަށް ފިޔަވަހިތަކަށް ބަހާލައިގެންވަނީ ލުއިދީފައެވެ.

އިންޑިއާގައި ބަލީގެ ހާލަތު ބޮޑަށް ގޯސްވެގެންދިޔައީ، ފިޔަވަޅުތަކަށް ލުއިދިނުމާއި، މާސްކްއެޅުމަށް މީހުން ސަމާލުކަން ނުދިނުމާއި އަދި ގައިދުރުކަން ނުބެހެއްޓުމުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މަރުވާ މީހުންގެ އަދަދު އިތުރުވާން ފެށުމާ ގުޅިގެން އިންޑިއާގެ ބައެއް ހިސާބުތަކުގައި މިހާރުވަނީ އަލުން ފިޔަވަޅުތައް އަޅަންފަށާފައެވެ. އެގޮތުން، ބައެއް ސިޓީތަކުން މާސްކް އަޅަން މަޖުބޫރުކުރުމާއި، ހަފްތާ ބަންދުގައި ރޭގަނޑަށް ކާފިއު ހިންގުން ފަދަ ފިޔަވަޅުތައް އަޅަން ފަށާފައި ވެއެވެ.