އިންޑިއާގެ ފިލްމީތަރި ސަލްމާން ޚާން އޭނާގެ ކާރު ޑްރައިވަރު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އާއިލާއާއެކު ދަނީ ސެލްފް އައިސޮލޭޝަންގައި ދުވަސްތައް ހޭދަކުރަމުންނެވެ.

ސަލްމާން ޚާންގެ މުވައްޒަފު ކޮވިޑަށް ފައްސިވުމާ ގުޅިގެން ސަލްމާންގެ އިތުރުން، އާއިލާގެ ހުރިހާ މެމްބަރުންވަނީ ކޮވިޑަށް ޓެސްޓްކޮށްފައެވެ.

އަދި ހުރިހާ މެމްބަރުންވެސް ކޮވިޑަށް ނައްސިވެފައިވާ ކަމަށާއި އެންމެންގެ ހާލުވެސް މިވަގުތު ރަގަޅުކަމަށް ބޮލީވުޑްގެ ޚަބަރުފަތުރާ ނޫސްތަކުގައި ބުނެފައިވެއެވެ.

އަދި ފައްސިވެފައިވާ ސަލްމާންގެ މުވައްޒަފަށް އެންމެ އެކަށީގެންވާ ރަނގަޅު ފަރުވާދެވޭނެ އިންތިޒާމް އާއިލާއިން މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް ނޫސްތަކުގައި ބުނެފައިވެއެވެ.

ސަލްމާން ޚާން ދާދިފަހުންވަނީ އޭނާގެ ކުރިއަށްއޮތް ފިލްމު ރާދޭގެ މަސައްކަތް އެއްކޮށް ނިންމާފައެވެ.

މިފިލްމުގެ މަސައްކަތް ހަތްމަސްދުވަހުގެ މެދުކެނޑުމަށްފަހު ފަށާފައިވަނީ މިއަހަރުގެ އޮކްޓޯބަރުމަހުއެވެ.

ޕްރަބޫ ދޭވާ ޑައިރެކްޓުކުރާ މިފިލްމުގައި މެއިން ލީޑްއިން ސަލްމާން ފެނިގެންދާއިރު ފިލްމުގައި ދެން ހަރަކާތްތެރިވާ ތަރިންނަކީ ދީޝާ ޕަތާނީ، ޖެކީ ޝްރޯފްގެ އިތުރުން ރަންދީޕް ހޫޑާއެވެ.

ސަލްމާން ޚާންގެ ކުރިއަށްހުރި ފިލްމީ މަސައްކަތުގެތެރޭގައި ޑައިރެކްޓަރ މަހޭޝް މަންޖްރެކަރގެ އެންޓިމް އަދި ކަބީ އިޑް ކަބީ ދިވާލީ ހިމެނެއެވެ.