ބޮލީވުޑްގެ އެކްޝަން ހީރޯ ނުވަތަ މަޝްހޫރު ނަމުންނަމަ ސްޓަންޓް މޭން، އަކްޝޭ ކުމާރު އޭނާއާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރި މީހެއްގެ މައްޗަށް އަބުރުގެ ދައުވާކޮށްފިއެވެ.

ރާޝިދު ސިއްދިޤީ ނަމަކަށް ކިޔާ ޔޫޓިއުބަރގެ މައްޗަށް ކުރި މިދައުވާ ސާބިތުވެއްޖެނަމަ ބަދަލުގެގޮތުގައި އަކްޝޭ ކަނޑައަޅާފައިވަނީ 500 ކްރޯޑު އިންޑިއަން ރުޕީސް ހޯދުމަށެވެ.

މިއަހަރުގެ ޖޫންމަހު އަމިއްލައަށް ދަންޖެހިގެން މަރުވިކަމަށް ބުނާ ބޮލީވުޑުގެ ތަރި ސުޝާންތު ސިންގްގެ މަރާ ގުޅިގެން ޔޫޓިއުބަރ ސިއްދިގީވަނީ ބޮޑެތި ތުހުމަތުކެއް އަކްޝޭގެ މައްޗަށް ކޮށްފައެވެ.

އޭނާގެ ޔޫޓިއުބު ޗެނަލްގައި ހިމެނޭ ވީޑިއޯއެއްގައި ބުނާގޮތުން އަކްޝޭ ކުމާރުވަނީ ސުޝާންތުގެ ލޯބިވެރިޔާ ރެއާ ޗަކްރަބަތީ އިންޑިއާއިން ކެނެޑާއަށް ފުރުވާލުމަށް އެހީތެރިވެދީފައެވެ.

އޭނާ ބުނެފައިވާގޮތުގައި އަކްޝޭވަނީ ސުޝާންތުގެ ފިލްމު އެމް.އެސް.ދޯނީ – ދަ އަންޓޯލްޑް ސްޓޯރީގެ ކާމިޔާބީއާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މީގެއިތުރުންވެސް ސުޝާންތުގެ މަރުގެ މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އިންޑިއާގެ މަހާރަޝްތްރާ ސްޓޭޓްގެ ޗީފް މިނިސްޓަރ އަދި އޭނާގެ ދަރިފުޅު އުދަވް ތާކްރޭއާއެކު އަކްޝޭ ސިއްރު ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށްވެސް ވީޑިއޯގައި ބުނެފައިވެއެވެ.

މިކަމާގުޅިގެން ފުލުހުން ރާޝިދު ސިއްދިގީ ހައްޔަރު ކުރުމަށްފަހު މިހާރުވަނީ ކަފާލާތުގެ ދަށުން ގެއަށް ދޫކޮށްލާފައެވެ.

މިޚަބަރުތަކުގެ އިތުރަށް ސުޝާންތުގެ މަރުގެ މައްސަލައާ ގުޅިގެން ހަދާފައިވާ ވީޑިއޯ ކްލިޕްތައް މެދުވެރިކޮށް، މިޔޫޓިއުބަރވަނީ އެންމެ ހަތަރު މަސްތެރޭ ފަނަރަލައްކަ އިންޑިއަން ރުޕީސް ހޯދާފައެވެ.

އުމުރުން 25 އަހަރުގެ ރާޝިދަކީ އިންޑިއާގެ ބިހާރަށް އުފަން ސިވިލް އިންޖިނިއަރެކެވެ.

އޭނާގެ ޔޫޓިއުބު ޗެނަލް އެފްއެފް ނިވްސްއަށް އާއްމުންގެ ސަމާލުކަން ލިބެންފެށީ ސުޝާންތު ރާޖްޕޫތްގެ މަރުގެ މައްސަލައާގުޅިގެން އޭނާ ފަތުރަމުންދިޔަ ޚަބަރުތަކުގެ ސަބަބުންނެވެ.