300 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް އެގްރީމެންޓެއްގައި ސްރީލަންކާއިން ޗައިނާއާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ، ބޭރު ގައުމުތަކަށް އެކްސްޕޯޓްކުރެވޭ ފެންވަރުގެ ޓައިރު އުފައްދާ ފެކްޓަރީއެއް ސްރީލަންކާގައި ގާއިމްކުރުމަށް ސޮއިކުރެވުނު އިންވެސްޓްމަންޓް އެގްރީމެންޓެކެވެ.

މި ފެކްޓަރީ ގާއިމްކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމާފައިވަނީ، ސްރީލަންކާގެ ދެކުނުގެ ރަށެއް ކަމަށްވާ ހަމްބަންޓޯޓާގައި ހަދާފައިވާ ހަމްބަންޓޯޓާ އިންޓަރނޭޝަނަލް އެއަރޕޯޓާ ޖެހިގެން އޮންނަ އިންޑަސްޓްރިއަލް ޒޯންގައެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ވެރިރަށް ކޮޅުނބުގައި ހުންނަ ބޯޑު އޮފް އިންވެސްޓްމަންޓުގައި ބުރާސްފަތި ދުވަހުއެވެ.

މިރަސްމިއްޔާތުގައި، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި، ޗައިނާއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ކީ ޒެންހޮންގް ބައިވެރިވެވަޑައި ގެންނެވިއެވެ.

އަދި ސަރުކާރުގެ މިނިސްޓަރ އޮފް ޕޯޓްސް އެންޑް ޝިޕިންގ ރޯހިތާ އަބޭގުނަވަރުދަނާއާއި، ބޯޑު އޮފް އިންވެސްޓްމަންޓްގެ ޗެއަރމަން ސުސާންތަ ރަޓްނަޔަކެވެސް ބައިވެރިވެވަޑައި ގެންނެވިއެވެ.

މީގެއިތުރުން، މި ޕްރޮޖެކްޓްގައި ބައިވެރިވާ ޗައިނާގެ ކުންފުނިތަކުގެ ވެރިންނާއި، ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުގެ ވެރިންވެސް ބައިވެރިވެވަޑައި ގެންނެވިއެވެ.

މި އިންވެސްޓްމަންޓުގެ ދަށުން، ސްރީލަންކާގައި ޓައިރު އުފައްދާ ފެކްޓަރީއެއް ގާއިމްކުރަން އިންވެސްޓްކުރަނީ ޗައިނާގެ ޝަންޑޮންގ ހައޮހުއާ ޓައިރުންނެވެ.

ޝަންޑޮންގ ހައޮހުއާ ޓައިރު އަކީ، ޗައިނާގައި ޓައިރު އުފައްދާ އެންމެބޮޑު އަމިއްލަ އެއް ކުންފުންޏެވެ. އެ ކުންފުނިން އުފައްދާ ޓައިރު ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމާއި ސަރަހައްދުތަކަށް އެކްސްޕޯޓް ކުރެއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްރީލަންކާގެ މިނިސްޓަރ އޮފް ޕޯޓްސް އެންޑް ޝިޕިންގ ރޯހިތާ އަބޭގުނަވަރުދަނާ ވިދާޅުވީ، މި އިންވެސްޓްމަންޓުގެ ސަބަބުން ސްރީލަންކާގައި އަލަށް 2،000 ވަޒީފާ އުފެދިގެންދާނޭ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާ އެމްބަސެޑަރ ކީ ޒެންހޮންގް ވިދާޅުވީ، ޝަންޑޮންގ ހައޮހުއާ ޓައިރުން ސްރީލަންކާގައި އިންވެސްޓްކުރަން ނިންމާފައިވަނީ، ޗައިނާގެ ކުންފުނިތަކަށް ސްރީލަންކާގައި ލިބިފައިވާ އިތުބާރުގެ ސަބަބުން ކަމަށެވެ.

ޗައިނާ މާޗަންޓްސް ޕޯޓުގެ ސީއީއޯ ބާއި ޖިންޓާއޯ ވިދާޅުވީ، ޓައިރު އުފައްދާ ފެކްޓަރީގެ ސަބަބުން ސްރީލަންކާގެ ރަބަރު އުފެއްދުމުގެ ސިނާއަތް އިތުރަށް ފުޅާވެ، އިތުރު އެތައް ވަޒީފާއެއް އުފެދި އަދި ބަނދަރުތަކުގެ ވިޔަފާރިވެސް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

ހަމްބަންޓޯޓާގައި ގާއިމްކުރާ ޓައިރު އުފައްދާ ފެކްޓަރީ ހެދުމަށް ހަމަޖެހިފައިވަނީ 121 އޭކަރުގެ ބިމެއްގައެވެ.

މި ފެކްޓަރީން އަހަރެއްގެ މައްޗަށް 1.5 މިލިއަން ސްޓީލް ރޭޑިއަލް ޓައިރާއި، 7.5 މިލިއަން ސެމީ-ސްޓީލް ރޭޑިއަލް ޓައިރު އުފައްދާނެ ކަމަށް ވެއެވެ.