ކޮވިޑް ބަލިމީހުންތަކެއް މެރިކަމުގެ ތުހުމަތުގައި ޖަރުމަނު ފުލުހުން ޑޮކްޓަރަކު ހައްޔަރުކޮށް، މައްސަލައިގެ ތަހްގީގު ފަށައިފިއެވެ.

ފުލުހުން ހައްޔަރު ކޮށްފައިވަނީ ޖަރުމަނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އެސެންގެ ޔުނިވަރސިޓީ ހޮސްޕިޓަލްގައި މަސައްކަތްކުރާ އުމުރުން 44 އަހަރުގެ ޑޮކްޓަރެކެވެ.

އޭނާއަކީ، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ވަރަށް އިސް ޑޮކްޓަރެއް ކަމަށް ވެއެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ، ކޮވިޑްބަލީގައި ވަރަށް ހާލުބޮޑުވެ، އައިސީޔޫގައި ފަރުވާ ދެމުންގެންދިޔަ 2 ބަލިމީހެއްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މެރިކަމުގެ ތުހުމަތެވެ.

ވިހަ އިންޖެކްޝަން ޖެހުމުގެ ސަބަބުން މަރުވެފައިވަނީ، އުމުރުން 47 އަހަރާއި 50 އަހަރުގެ ދެ ފިރިހެނުންނެވެ.

ފުލުހުން ބުނެފައިވަނީ، ހައްޔަރުކުރި ޑޮކްޓަރު އިންޖެކްޝަން ޖަހައިގެން އެކަކު މެރިކަމަށް އިއުތިރާފްވެފައިވާ ކަމަށެވެ.

އަދި އޭނާ އެކަންކުރާ ބަލިމީހާއަށާއި އަދި ބަލިމީހާގެ އާއިލާއަށް އިތުރު ވޭނާއި ކެކުޅުންތަކެއް ލިބުނަ ނުދިނުމަށްޓަކައި ކަމަށްވެސް ޑޮކްޓަރު ބުނެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން ބަލިމީހުން މެރުމުގެ ކުރިން ޑޮކްޓަރު، އެމީހުންގެ އާއިލާތަކަށް އެކަން އެންގިކަމަށް، ޖަރުމަނުގެ ދުވަހު ނޫހަކުން ބުނެފައި ވެއެވެ.

ޖަރުމަނުވިލާތުގެ ކޯޓަކުން މިދިޔަ އަހަރު ކޮށްފައިވާ ހުކުމެއްގެދަށުން، ނާޒުކު ހާލަތުގައި ތިބޭ ބަލިމީހުންނަށް، އެމީހުންގެ "ދިރިހުރުން" ނިމުމަކަށް ގެނައުމުގައި ޑޮކްޓަރުންގެ ކިބައިން އެހީތެރިކަމަށް އެދެވިދާނެއެވެ.

އެހެންނަމަވެސް، ކޮވިޑްބަލީގެ ދެމީހުން މަރާލީ އެމީހުން އެކަމަށް އެދިގެންކަމެއް ސާފުނުވާކަމަށް މީޑިއާއިން ބުނެއެވެ.

އެސެންގެ ޔުނިވަރސިޓީ ހޮސްޕިޓަލުން ބުނެފައިވަނީ، މަރުގެ ހާދިސާތަކާ ގުޅިގެން ޑޮކްޓަރު ސަސްޕެންޑް ކުރުމުގެ އިތުރުން، ފުލުހުންގެ ތަހްގީގަށް ހޮސްޕިޓަލުން އެއްބާރުލުން ދެމުންގެންދާ ކަމަށެވެ.