ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު ބިނާކުރުމަށް ލ. ކަޅައިދޫގައި ކަނޑައަޅާފައިވާ ސަރަޙައްދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު މެންދުރުފަހު ކަޅައިދުއަށް ކުރެއްވި މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ޔޫތު ސްކިލް ޑިވެލޮޕްމެންޓް ސެންޓަރު ޤާއިމުކުރުމަށް އެ ރަށުގައި ކަނޑައަޅާފައިވާ ސަރަޙައްދު ބައްލަވައިލެއްވައި، އެ މަރުކަޒު ބިނާކުރުމުގެ މަސައްކަތާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާ މަޝްވަރާކުރައްވާފައެވެ. އަދި މި ސެންޓަރާއެކު އެ ރަށުގައި ހަމަޖައްސަންޖެހޭ އެހެން ހިދުމަތްތަކާއި އިންތިޒާމުތަކަށް އެންމެ އެކަށޭނެކަމަށް ފާހަގަކުރެވިފައިވާ ތަންތަނަށްވެސް ޒިޔާރަތްކުރައްވައި އެ ތަންތަންވެސް ބައްލަވާލައްވާފައިވެއެވެ.

ނައިބު ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ދަޢުލަތުގެ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު މަޝްވަރާކުރައްވަމުން ނައިބު ރައީސް ވަނީ، މި ސެންޓަރުގައި ޒުވާނުންނަށް ފޯރުކޮށްދެވޭ ތަރުބިއްޔަތާއި ދަސްކޮށްދެވޭ ހުނަރުތަކަކީ އެ މީހަކަށް އަމިއްލަ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދައި، ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި އެހީތެރިވެދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ހަމައެހެންމެ، މުޖަތަމަޢުގެ ހުރިހާ ފަރުދުންނަކީ، ވަކިން ޚާއްސަކޮށް ޒުވާނުންނަކީ، މުޖުތަމަޢަށް ފައިދާކުރުވަނިވި ބައެއްގެ ގޮތުގައި ބިނާކުރުމުގައި އެހީތެރިވެދިނުމަކީ މިފަދަ މަޒުކަޒެއް ބިނާކުރުމުގެ އެންމެ މުހިންމު ބޭނުންކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ގާތްގަޑަކަށް 500 މީހުންގެ ޖާގައިގެ މި މަރުކަޒުގައި ތަޢުލީމާއި ހުނަރާ އަދި ތަރުބިއްޔަތުގެ އެކިއެކި ޕްރޮގްރާމުތައް ހިންގުމަށް ރާވާފައިވާއިރު، މި މަރުކަޒުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވާ މީހުންނަށް ބޭނުންވާނެ އެކި ވަޞީލަތްތައްވެސް ކަޅައިދޫގައި ޤާއިމުކުރާނެއެވެ. އަދި މި މަރުކަޒުގައި ހިންގާ ޕްރޮގްރާމުތައް ފުރިހަމަކުރާ ފަރާތްތަކަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުޞަތާއި އަމިއްލަ މަސައްކަތެއް ފަށައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަޅައިދުއަށް މިއަދު ކުރެއްވި މި ޒިޔާރަތުގައި އެ މަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރުގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، މޯލްވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.