ކަޒަކިސްތާނުގެ ގައުމީ އެއާލައިން އެއަރ އަސްތާނާއިން އަންނަ މަހު ރާއްޖެއަށް ފަށާ ދަތުރުތަކުގެ ޑިމާންޑް ބޮޑުވުމުން، ފްލައިޓުގެ ޖާގަ ބޮޑުކޮށް، އަޕްގްރޭޑްކުރަން ނިންމައިފިއެވެ.

އެއަރ އަސްތާނާއިން އަންނަ މަހުގެ 5 ވަނަ ދުވަހު ރާއްޖެއަށް ދަތުރުތައް ބާއްވަން ނިންމާފައިވާއިރު، އެ އެއާލައިނުން ބުނީ ދަތުރުތައް ހަފްތާއަކު ދެ ދުވަހު ރާއްޖެއަށް ބާއްވާނެ ކަމަށެވެ. އެއަރ އަސްތާނާއިން ރާއްޖެއަށް ދަތުރުކުރާނީ އެއާބަސް އޭ 321 އެލް.އާރު މަރުކާގެ ބޯޓެއްކަމަށް އެ އެއާލައިނުން ބުނެއެވެ.

އެހެންނަމަވެސް އަހަރުގެ ފަހުކޮޅަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ދުވަސްކޮޅަކަށްވުމުން އަންނަ ޑިސެމްބަރު މަހުގެ 16 އިން އަންނަ އަހަރުގެ ޖެނުއަރީ 16ގެ ނިޔަލަށް އެ އެއާލައިނުން ރާއްޖެ ދަތުރުކުރާ ބޯޓު ބޮޑުކުރާނެކަމަށް އެ އެއާލައިނުން ބުނެއެވެ. މިއީ މި ދުވަސްކޮޅަށް އެ އެއާލައިންގެ ޑިމާންޑު ބޮޑުވެފައިވާތީ ގެނައި ބަދަލެއްކަމަށް އެއަރ އަސްތާނާއިން ވަނީ ބުނެފައެވެ.

އެއާ އަސްތާނާއިން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ދަތުރުކުރަން ހަމަޖެހިފައިވަނީ ބޮއިންގ 767 މަރުކާގެ ބޯޓެކެވެ. މިއާއެކު މި މުއްދަތުގައި އެ އެއާލައިނުން ރާއްޖެއަށް ބާއްވާ ފްލައިޓުތައް އިތުރުކުރާނެކަން ފާހަގަކޮށް އެއަރ އަސްތާނާއިން ބުނީ އަންނަ ޑިސެމްބަރުމަހުގެ 21 އިން ފެށިގެން އެ އެއާލައިނުން ހަފްތާއަކު 3 ދަތުރު ރާއްޖެއަށް ބާއްވާނެ ކަމަށެވެ.

ޖުލައި 15ގައި ރާއްޖޭގެ މައި ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ޓުއަރިޒަމް މިނިސްޓްރީން ކޮންމެ މަހަކު އާއްމުކުރަމުން އަންނަ ތަފާސްހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 59،105 އަށް އަރާފައެވެ. އަދި ކުރިއަށް އޮތީ ކޮންމެ އަހަރަކުވެސް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަަތްކުރާ ދުވަސްވަރު ކަމަށްވުމުން ކުރިއަށް އޮތް ތަނުގައި މި އަދަދު އިތުރުވެގެންދާނެކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.

މީގެ އިތުރުން މީގެ ކުރިން ރާއްޖެއަށް ދަތުރުކުރި ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކުންވެސް އަންނަނީ އަނެއްކާވެސް ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އެގޮތުން ބޯޑަރު ހުޅުވާލިފަހުން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 16 އެއާލައިނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށަން 9 އެއާލައިނަކުން ވަނީ ތައްޔާރުވެފައެވެ. އަދި މިވަގުތު ރާއްޖެ ދަތުރުކުރާ ބައެއް އެއާލައިންތަކުން އަންނަނީ އެ އެއާލައިންތަކުގެ ދަތުރުތައް އިތުރުކުރަމުންނެވެ.