ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް އިތުރު ކުންފުނިތަކަށް ހުއްދަދީފިއެވެ. އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ އިތުރު ހަ ކުންފުންޏަކަށެވެ.

މިއާއިއެކު ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ އަދަދު ވަނީ 37 އަރާފައެވެ.

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގައިވާގޮތުން އުމްރާއަށް މީހުން ގެންދިއުމަށް ދޭ ހުއްދައިގެ މުއްދަތަކީ 2 އަހަރު ދުވަހެވެ.

އިސްލާމިކް މިނިސްޓްރީން ފަހުން ހުއްދަ ދިން ކުންފުނިތަކަކީ، ޤުބާ ޕްރައިވެޓް ލިމިޓެޑް، އެމް.އެސް ހައްޖު އެންޑް ޢުމްރާ، ޢުއްމުލްޤުރާ ލިލްޙައްޖު ވަލްޢުމްރާ ޕްރައިވެޓް ލިމިޑެޓް، ޞިރާތު ޢުމްރާ ޕްރައިވެޓް ލިމިޓެޑް، އަސްކޮއި ޙައްޖު ޢުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑް އަދި ރޯޔަލް ހައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޑެޓެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އުމްރާއަށް ދިއުމުގެ ފުރުސަތު ވަނީ 7 މަސްވަންދެން މެދުކެނޑާލާފައެވެ. އޭގެ ފަހުން ޢުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ބޭރު ގައުމުތަކުން މީހުން އައުމަށް ސައުދީ އަރަބިއްޔާއިން އަލުން ހުޅުވާލީ މި މަހުގެ ފުރަތަމަ ދުވަހުއެވެ.

ބޭރު ގައުމުތަކުން އެ ދުވަހު ގާތްގަނޑަކަށް 10،000 އެއްހާ މީހުން އުމްރާގެ އަޅުކަމަށް ދިޔަކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ.

އުމްރާގެ އަޅުކަމަށް ދުނިޔޭގެ އެހެން ގައުމުތަކުން މީހުން އައުމަށް ހުޅުވާލި ފިޔަވަހީގެ ދަށުން އުމްރާއަށް ފުރަތަމަ ދިޔަ ގްރޫޕްގައި ހިމެނެނީ އިންޑޮނޭޝިޔާ އަދި ޕާކިސްތާނު މީހުންނެވެ.