ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމު ކޮށްގެން ކުރިޔަށްގެންދާ "އިނޮވޭޝަން ކޮންފަރެންސް 2020" އިފްތިތާހު ކޮށްފިއެވެ.

ކޮވިޑް-19ގެ ދަތިޙާލަތުގައި އިންޓަރނެޓް މެދުވެރިކޮށް ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ބުރަމަސައްކަތުގައި މުދައްރިސުން ކުރެއްވި އާ އީޖާދުތަކާ، ތައްޔާރު ކުރެއްވި އުނގަންނައި ދިނުމުގެ ފުރިހަމަ އާލާތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާއި، އެފަދަ ހުނަރުވެރި މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ މަޤުސަދުގައި ކުރިޔަށްގެންދާ މި ކޮންފަރެންސް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ އަނބި ކަނބަލުން މެޑަމް ފަޒުނާ އަހުމަދެވެ.

މިކޮންފަރަންސް އިފްތިތާހުކޮށް ދެއްވުމުގެގޮތުން އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑު-19 ގެ ޚާއްސަ ހާލަތުގައި ދަރިވަރުންގެ އުނގަންނައިދިނުން މެދުނުކެނޑި ކުރިޔަށް ގެންދެވުމުގައި ތައުލީމީ ދާއިރާގެ ހުރިހާ ބޭފުޅުން ގުޅިގެން ކުރެއްވި އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ނަމޫނާ މަސައްކަތް ފާހަގަ ކުރެއްވިއެވެ.

މިހާލަތާ ގުޅިގެން ކުރެވެމުންދާ ފަންނީ ހުނަރުވެރި މަސައްކަތް ދިރުވާ އާލާކުރުމަށް މިފަދަ ކޮންފަރަންސެއް އިންތިޒާމުކޮށް ކުރިޔަށް ގެންދެވުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ފަޒްނާގެ ވާހަކަފުޅުގައި، ތައުލީމީ ދާއިރާގެ ކަންކަން ހަރުދަނާކޮށް ކުރިޔަށް ގެންދެވުމުގައި ވީހާވެސް ގިނަބަޔަކު ޝާމިލުކޮށް، ބައިވެރިކޮށް ހަލުވިކޮށް، ކުރިޔަށް ގެންދިއުމަށް އެޑިޔުކޭޝަން މިނިސްޓަ ޑޮކްޓަރ އާއިސަތު އަލީ ގެންގުޅުއްވާ ހަރުދަނާ އުސޫލުތަކަކީ އެކަމަނާއަށް ވަރަށް ކަމުދާ އުސޫލު ތަކެއްކަން ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު އަލީ ވިދާޅުވީ، ނުރައްކާތެރި ކޮވިޑު ވަބާގެ ހިތްދަތި ވަގުތު ދަރިވަރުންގެ އުނގެނުން މެދުނުކެނޑި ކުރިޔަށް ގެންދެވުމަށް މުދައްރިސުން ކުރެއްވި ގަދަ ހިތްވަރާ ބުރަ އަދި ހުނަރުވެރި މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތަކެއް ކަމަށެވެ.

މިދުވަސްތަކަކީ މުދައްރިސުންނަށާއި ދަރިވަރުންނަށް އަދި ބެލެނިވެރިނަށްވެސް ދަތި އުނދަގޫ އެހާމެ ހިތްދަތި ދުވަސްތަކެއް ކަމާއި، މިވަގުތު މުދައްރިސުންނާ ދަރިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރުމުގައި މުދައްރިސުން ބޭނުންކުރައްވާ އުކުޅުތަކާ އުފައްދަވައި ހުނަރުވެރި މޮޅު އުފެއްދުންތައް ދެމެހެއްޓެވި ގޮތެއްގައި ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"އިނޮވޭޝަން ކޮންފަރެންސް 2020" ގެ މައިގަނޑު މަގްސަދަކީ، އާ އީޖާދުތަކާ، ތައްޔާރުކުރެއްވި އުނގަންނައި ދިނުމުގެ ފުރިހަމަ އާލާތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާއި، އެފަދަ ހުނަރުވެރި މަސައްކަތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުންކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.